ދުނިޔެ ދޫކޮށް ދާންޖެހުމަކީ ހަމަ އެއްވެސް މީހަކު ބޭނުންވާކަމެއް ނޫނެވެ. އެހެންވެ ބައެއް މީހުންނަށް ބުނެވެއެވެ.
"އަހަރެން އުޅުނީ ވަރަށް ހެޔޮގޮތުގައެވެ. މިބަލިން ޝިފާ ލިބުން އެދި ވަރަށް ގިނައިން ދުޢާކުރީމެވެ. ނަމަވެސް ދުޢާ ޢިޖާބައެއް ނުކުރެއްވެވިއެވެ. މިޖެހެނީ ބަލީގައި މަރުވާށެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ބަހެއް ބުނެވުމަކީ އަދި މިފަދަ ގޮތަކަށް ހިތަށް އެރުވުމަކީވެސް އެންމެ ފަހު ވަގުތު އީމާންކަން ދޫކޮށްލުން ފަދަ ކަމެކެވެ. ކުރި ހުރިހާ ހެޔޮ ޢަމަލުތަކެއް ގެއްލިގެންދާފަދަ ބަހެކެވެ.
ފުރަތަމަ ކަމަކީ އަހަރެމެންނަށް އެންމެ ރަނގަޅުވާނެ ގޮތް އަހަރެމެންނަށް ނުއެނގޭނެ ކަމެވެ. ދުނިޔެ ދުކުރަން އެންމެ ރަނގަޅު ވަގުތުވެސް އަހަރެމެންނަށް ނުއެނގޭނެ ކަމެވެ. އެހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ދެވަނަ ކަމަކީ ކޮންމެވެސް ވަގުތަކު ދުނިޔެއިން ވަކިވާންޖެހޭނެކަން އެއީ އެންމެ ބޮޑަށް ޔަޤީންވާ އެއްކަންތަކެވެ. ވީމާ ވަކި ވަގުތެއްޖެހެންދެން ދުނިޔޭގައި ހުންނަން އުންމީދުކުރުމުގެ ބޭނުމެއް ނެތެވެ. އަބަދުވެސް ހުންނަންވީ ކޮންމެ ވަގުތަކު މަރުގެ މަލާއިކަތާ ވަޑައިގެންނެވިނަމަވެސް އުފަލުން މަރުޙަބާ ކިޔަން ތައްޔާރަށެވެ.
3 ވަނަ ކަމަކީ މަރުވުމަކީ އަހަރެމެންގެ ނިމުމެއް ނޫނެވެ. އެއީ އެންމެ މުހިންމު ފެށުމެވެ. އެޙަޔާތް ފަށަން އަހަރެމެން ގެންދަވަނީ ދުނިޔޭގެ އެންމެންނަށްވުރެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ލިބެންހުރި ނިޢްމަތްތައް މާފުރިހަމައެވެ. ކައްވަޅުވެސް ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. ވީމާ މަރުވެދާނެތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟
ހަމައެކަނި ކުރަން އޮތްކަމަކީ ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށްވެ، ޤިޔާމަތް ދުވަހުން ސުވަރުގެ ވައްދަވާނެ އަޅަކަށްވުމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމެވެ. އެއިރުން މަރުވެދާނެތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެނުމުން އުފަލުގައި އިސްތިޤްބާލްކުރެވޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން