ތަނަވަސްކަމާ ހިތްހަމަޖެހުން އަދި މަތީ މަޤާމް ލިބުމުން ދީނުގެ މަތިން ހަނދާން ނައްތައިލާ މީހުންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ބައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތަނަވަސްކަމާ ހިތްހަމަޖެހުން އަދި މަތީ މަޤާމް ލިބުމުން ދީނުގެ މަތިން ހަނދާން ނައްތައިލާ މީހުންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ބައެއް ނޫން!

ފަށަން ބޭނުމީ މަތީ މަޤާމުގެ ވާހަކައިންނެވެ. ތިމާއަށް ޢިއްޒަތްތެރި މަޤާމެއް ލިބެންދެން މުޖުތަމަޢުގައި ހިނގާ ނުރަނގަޅު ކަންކަން ފެނި އެކަމުގެ ވާހަކަދައްކައި އަޑު އުފުލާ މީހުންގެ ތެރޭގައި އެމީހުންނަށް ޢިއްޒަތްތެރި، ރަނގަޅު ޢާމްދަނީއެއް ލިބޭ މަޤާމެއް ލިބުމުން ދެލޯކަނުވެ ކަންފަތް ބީރުވާ ބައަކު އުޅެއެވެ.  

ވީމާ އަޑުއަހާށެވެ! މީސްތަކުންގެ ތެރޭގައި ބައަކު ވެއެވެ. އެމީހުން އިސްލާމް ދީނުގެ ވާހަކަތައް ދައްކާނެއެވެ. އެހެން މީހުން ކުރާ ފާފަތަކުގެ ވާހަކަވެސް ދައްކާނެއެވެ. ފާފަނުކުރަން މީސްތަކުންނަށް ގޮވާލަންވެސް ގޮވައިލާނެއެވެ.  

އޭނާއަށް ތަނަވަސްކަމެއް ނުވަތަ ޢިއްޒަތެއް ލިބިއްޖެނަމަ ކުރިން ދައްކައި އުޅުނު ވާހަކަތައް މަތިން ހަނދުމަނެތިކޮށްލާނެއެވެ. ކުރިން ކަންބޮޑުވުން ފައުޅުކުރަމުން އައި ކަންކަމަށް ކަންބޮޑެއްވެސް ނުވާނެއެވެ.  

މިހެންވާ މީހުންނަށް އެކަން މެދުވެރިވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟  

އެކަން އެހެންވާ ސަބަބަކީ އަތަށް ފައިސާއެރުމުން ﷲ ތަޢާލާ އާއި އިސްލާމް ދީނުގެ މުހިންމުކަން ހިތުން ނެތިގެންދާތީއެވެ. ފައިސާއަށް އަޅުކަންކުރެވެންފަށާތީއެވެ. ރަސޫލް ގެ ސުންނަތަށް ބަލައިފިނަމަ މިކަމަކީ ރަސޫލް  އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއްކަންތަކެވެ. އެންމެ ބޮޑަށް އިންޒާރު ދެއްވެވި އެއްކަންތަކެވެ. އަދި އެކަމަކުން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން އެންމެ ގިނައިން ދުޢާ ކުރެއްވެވި އެއްކަންތަކެވެ.  

މިގޮތަށް އެކަން މެދުވެރިވާ ސަބަބަކީ ހިތުގައި ޘާބިތުކަން ނެތުމެވެ. އަދި ހިތުގައި ﷲ ތަޢާލާއަށާއި އެކަލާނގެ ދީނަށް ޙަޤީޤީ ލޯބި ނެތުމެވެ. ވީމާ އަހަރެމެންގެ ހިތްތަކަށް ޘާބިތުކަން ދެއްވަވައި ހިތުގައި ﷲ ތަޢާލާއަށާއި އެކަލާނގެ ދީނަށް ލޯބި އިތުރުކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.  

‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ‏ 

ޙަދީޘުން އެނގެން އޮތް ގޮތުގައި މިދުޢާއަކީ ރަސޫލާ އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއެވެ. މިދުޢާއަކީ ހުރިހާ މުޘްލިމުންހެން ވަރަށް ފަރިތަ ދުޢާއެކެވެ. ނަމަވެސް ހިތާމައަކީ މިދުޢާ ކުރަންވީ ވަރާއި ގާތަކަށްވެސް ނުކުރެވޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން