އަހުރެންނަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. އަހުރެންނަކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެކެވެ. އެހެންވެ ގިނަ ބައަކަށް ބޭސްކާން ދިނުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމަކަށްވާތީ އަހުރެން މިވާހގަކަ މިބުނަނީ އަހުރެންގެ ތަޖުރިބާއިންނެވެ.
ބޭސްކާން އަތަށްލައިދިނުމުން ބިސްމިﷲ ކިޔަނީ ވަރަށް މަދު މީހެކެވެ. ބިސްމިﷲ ނުކިޔާކަން އެނގެނީ ތުންފަތް ނުތަޅުވާތީއެވެ. އެހެންވެ ސުވާލުކުރުމުން ގިނަ ބައަކު ނުކިޔާ ކަމަށް އެއްބަސްވެ ބިސްމިﷲ ކިޔައެވެ. އަނެއް ބައަކު ބުނަނީ ހިތުން ކިޔައިފިން ކަމަށެވެ. އެކަމަކު އަހުރެންނަށް އެނގޭ ގޮތުގައި އޮތީ ހިތުން ކިޔުމެއް ނޫނެވެ. ދުލުން ކިޔުމެވެ. ދުލުން ކިޔާނަމަ ތުން ތެޅުވާނެއެވެ.
ކޮންމެއަކަސް މިކަން އަހުރެންނަށް ފާހަގަކުރެވުނީމާ އަހަރަކަށްވުނެ ދުވަހު ދިރާސާކުރީމެވެ. ދިރާސާގެ ނަތީޖާއަކީ ބޭސްކެއުމުގެ ކުރިން ބިސްމިﷲ ދުލުން ކިޔާ ވަރަށް ގިނަ މީހުންނަށް އަވަހަށް ޝިފާލިބޭކަމެވެ.
އަހުރެން މިކަމުގައި ވާހަކަދެއްކި ގިނަ ބަލިމީހުން އެއްބަސްވި ގޮތުގައި އެމީހުން ގޭގައި ބޭސްކާއިރުވެސް ބިސްމިﷲ ކިޔުމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ. އަވަސްވެގަނެވެނީ ބޭސް ކެއުމަށެވެ.
އެހެންވެ އަހުރެން ހުރިހާ ބަލިމީހުންނަށްވެސް ބުނެލަން ބޭނުންވަނީ ބޭސްކެއުމުގެ ކުރިން ބިސްމިﷲ ކިޔަން އާދަކުރާށެވެ! އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ޝިފާލިބެނީ ބޭހަކުން ނޫނެވެ. ޝިފާ ލިބޭނީ ﷲ ތަޢާލާ ދެއްވެވީމައެވެ.
- ނަރުހެއް، މިއަދުނޫހުގެ ކިޔުންތެރިއެއް