ޑިމޮކްރަސީއަށް ނުރުހޭ މީހުން މަދެއް ނޫނެވެ. އެއީ ޑިމޮކްރަސީގެ ނަމުގައި މުސްލިމުންގެ އިންތަކުން ބޭރުވާތީއެވެ. މިޘާލަކަށް ރައްޔިތުންގެ ގިނަ މީހުން ބޭނުންވާގޮތަށް ހުރިހާ ކަމެއް ނިންމަން ޖެހޭނެ ކަމަށް ޤަބޫލުކުރާތީއެވެ. އެއީ އިސްލާމް ދީނުގައި އެކަން އޮތްގޮތް ނޫންވީމައެވެ.
ރައްޔިތުންނަށް މަޝްވްރާކުރެވޭނީވެސް އިސްލާމް ދީނުގައި ވަކިގޮތަކަށް ބަޔާންވެގެންނުވާ ކަންކަމަށެވެ. ދީނުގައި ވަކިގޮތަކަށް ކަމެއް ބަޔާންވެގެންވާނަމަ އެކަމަކަށް މަޝްވަރާއެއްވެސް ނުކުރެވޭނެއެވެ. އޮތީ ބަލައިގަތުމެވެ. ޢަމަލުކުރުމެވެ. ދީނުގައި ބަޔާންވެގެންވާ އެއްވެސް ޙުކުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލު ގެންނަން މަޝްވަރާއެއްވެސް ނުކުރެވޭނެއެވެ.
އެކަން ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްނުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނުތަކެއް ހަދައިފައެވެ. އެއީ މުސްލިމުން ޤަބޫލުކުރަންޖެހޭނެ ޤާނޫނުތަކެއް ނޫނެވެ.
ދާދިފަހުން ޤާނޫނުތަކާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވި ބޭފުޅަކުވެސް ވަނީ އިންތަކުން ބޭރުވެވަޑައިގެންފައެވެ. އެބޭފުޅާ ވަކާލާތުކުރެއްވީ ދީނުގައި ވަކި ގޮތަކަށް އޮތަސް ޢަމަލުކުރަންޖެހޭނީ ޤާނޫނުތަކަށް ކަމަށެވެ. އެއީ މުސްލިމުން ބަލައިގަތުން ހުއްދަވެސް ވަކާލާތެއް ނޫނެވެ. އަދި ކުރެވިގެންވާނެ ވަކާލާތެއްވެސް ނޫނެވެ. މިހެން ބުނުމުން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި އަދަބުވެސް ދެވިދާނެއެވެ. ނަމަވެސް މިއީ އިސްލާމް ދީނުގެ ޙައްޤުގައި ބުނަން ޖެހޭ ބަހެކެވެ.
ޑިމޮކްރަސީ އާއިމެދު އޮތް ޙުކުމް ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ!
ތިރީގައި މިވަނީ ތިޔަފަދަ މައްސަލަ އަކާއި ގުޅިގެން ސަޢޫދީގެ ޢިލްމުވެރިންނާއި ކުރެވިފައިވާ ސުވާލެއްގެ ޖަވާބެވެ.
ފުރަތަމަ:
ޑިމޮކްރަސީ އަކީ ބިންމަތީގައި އުފެދިގެން އުޅޭ ވަޟްޢީ ނިޘާމެކެވެ. އޭގެ މާނައަކީ ރަޢްޔިތުން ރަޢްޔިތުންގެ ކަންތައްތައް ނިންމުމެވެ. ވީމާ، އެއީ އިސްލާމްދީނާއި ޚިލާފު އެއްޗެކެވެ. ޙުކުމް ކަނޑައެޅުން ޚާލިޞްވެގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ﷲ ގެ ޙުކުމާ ފުށޫ އަރާފަދަ ގޮތަކަށް ޙުކުމް ކަނޑައެޅުމުގެ ޙައްގު އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ.
"މައުސޫޢަތުލް އަދްޔާން ވަލްމަޛާހިބުލް މުޢާޞަރާ" ނަމަކަށް ކިޔާ ފޮތުގެ ( 2 / 1066 ، 1067 ) : އައިސްފައިވެއެވެ. "ޝައްކެއް ނެތް ގޮތުގައި ޑިމޮކްރަސީ އަކީ ފަހުން އުފެދިގެން އުޅޭ ނިޡާމެކެވެ. އެގޮތުން ކިޔަމަން ގަތުމުގައްޔާއި ކަންކަމުގެ ޙުކުމް ތަޝްރީޢު ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަދަލުގައި އެއީ އިންސާނުންގެ އަމިއްލަ ކަމެއް ކަމުގައި ހަމަޖެއްސުމެވެ. ސޫރަތު ޔޫސުފްގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ)
މާނައަކީ: "ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّهފިޔަވައި ތިޔަބައިމީހުންއަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّةއެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكمކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمرކުރައްވާފައެވެ. އެއީ حقތެދު دينއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
ސޫރަތުލް އަންޢާމްގެ 57 ވަނަ އާޔަތުގައި މަތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنِ الْحُكْمُ إِلَّا لِلَّـهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ الْفَاصِلِينَ) މާނައަކީ: "حكمކުރެއްވުން اللَّهއަށް މެނުވީ ނުވެއެވެ. އެކަލާނގެ حقބަސްފުޅު وحىކުރައްވައެވެ. އެކަލާނގެއީ، حكمކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."
ދެވަނަ:
ޑިމޮކްރަޓިކް ނިޘާމްގެ ޙުކުމަކީ ކޮބައިކަން އެނގޭ މީހަކު، އެފަދަ ނިޡާމެއްގެ ދަށުން ހިންގާ ސަރުކާރެއްގެ މަގާމެއް ގަބޫލުކޮށްފިނަމަ އެމީހަކަށް އެހުރެވެނީ ނުރައްކާތެރި ކަންތަކެއްގެ ތެރޭގައެވެ. އެހެނީ، ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ޑިމޮކްރަސީ އަކީ ދީނާއި ފުށޫ އަރާ ނިޡާމެކެވެ.
މިފަދަ ނިޡާމްގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައްތައް ރަގަޅު ކުރުމުގެ ނިޔަތުގައި މީހަކު އެކަމުގެ ތެރެއަށް ވަދެއްޖެނަމަ، އަދި ލާދީނީ މީހުންނަށް މުޅިތަން ދޫކޮށްނުލުމުގެ ނިޔަތުގައި އެފަދަ މަޖްލިހަކަށް މީހަކު ވަދެއްޖެނަމަ، މިކަން ބެލެވޭނީ އިޖްތިހާދީ ކަމެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ޙާޞިލް ކުރެވޭނެ މަގްޞަދުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ. އަދިކިއެއްތަ، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިފަދަ ނިޡާމްގެ ދަށުން ބާއްވާ އިންތިޚާބު ތަކުގައި ބައިވެރި ވުމަކީ ވާޖިބު ކަމެކެވެ.
އިންތިޚާބު ބޭއްވުމުގެ ޙުކުމަކީ ކޮބައިތޯ ޝައިޚް ޢުޘައިމީން ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އަޅުގަޑު ދެކޭ ގޮތުގައި އިންތިޚާބަކީ ވާޖިބު ކަމެކެވެ. އަދި އެފަދަ އިންތިޚާބުތަކުގައި ހެޔޮލަފާ ޞާލިޙް ކަމުވޮށިގެންވާ މީހުން ހޮވުމަކީ ވާޖިބު ކަމެކެވެ. ސަބަބަކީ ހެޔޮލަފާ ޞާލިޙް މީހުން އެކަމުން ފަސްޖެހިއްޖެނަ، ދެން އެކަމާ ޙަވާލުވާނީ ކޮންބަޔެއްތޯއެވެ؟ އެކަންތަކާ ޙަވާލުވާނީ ނުލަފާ މީހުންނެވެ. އެމީހެއްގެ ކިބައިގާ ހެވެއް ނުވާ ދީނަށް ލޯތްބެއް ނެތް ބަޔަކަށް ބާރު ލިބިގެން ހިނގައިދާނެއެވެ. އެހެންކަމުން، ޞާލިޙް ރަގަޅު މީހުން މަގާމު ތަކަށް އިންތިޚާބު ކުރެވެން ޖެހޭނެއެވެ.
ފަހަރުގައި މީހަކު ބުނެފާނެއެވެ. އަހަރުމެން ރަގަޅު މީހަކު ހޮވީމެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތީ ނުބައި މީހުންގެ އަތްމަތީގައެވެ. މިފަދަ މީހުންނަށް އަޅުގަޑުމެން ދޭން އޮތް ޖަވާބަކީ: އެންމެ މީހަކު ނަމަވެސް މަޖިލީހުގައި ހެޔޮބަހެއްބުނެ، ރަގަޅު މަގަށް މަގުދައްކައިފިނަމަ، ﷲ ތަޢާލާ އެކަމެއްގައި ބަރަކާތްލެއްވުމާއި އެކު، އެކެމަށް ވަރަށް ބޮޑު އަޘަރެއް ކުރާނެއެވެ. އެހެންނަމަވެސް، އަޅުގަޑުމެންގެ ކިބައިގާ އުނިވާ ކަމަކީ ﷲ އަށް ތެދުވެރިވުމެވެ. އަޅުގަޑުމެންނަށް އިޢްތިމާދުވެވެނީ މާއްދީ ކަންތަކަށެވެ. ﷲ އަންގަވާފައިވަނީ ކީކޭތޯ އަޅުގަޑުމެންނަކަށް ބަލައިނުލެވެއެވެ. އެހެންކަމުން، ރަގަޅު ޞާލިޙް ކަމުވޮށިގެންވާ މީހުން ކަންކަމަށް ކުރިމަތި ކުރުވާށެވެ. އަދި ﷲ އަށް ވަކީލު ކުރާށެވެ."
ސަޢޫދީގެ ފަތްވާ ކޮމިޓީ އާއި ސުވާލު ކުރެވުނެވެ.
އިންތިޚާބު ތަކަށް ކުރިމަތިލާ، ވޯޓުލުމުގެ ޙުކުމަކީ ކޮބައިތޯ؟ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަޑުމެންގެ ގައުމަކީ ﷲ ބާވާލެއްވި ޙުކުމް ދޫކޮށްލާ ވަޟްޢީ ގާނޫނަށް ޙުކުމް ކުރާ ބަޔެކެވެ. ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ﷲ ގެ ޙުކުމް ދޫކޮށްލާ، ވަޟްޢީ ގާނޫނުތަކަށް ޙުކުމް ކުރާ ސަރުކާރެއްގެ އެއްވެސް މަގާމެއް ގަބޫލު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ވީމާ، އަމިއްލަ ނަފްސުވެސް، އަދި އެހެން މީހަކުވެސް މިފަދަ ސަރުކާރެއްގެ މަގާމަކަށް ހުށަހެޅުން އެއްވެސް މުސްލިމަކަށް ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް، އެފަދަ މަގާމެއް ގަބޫލު ކުރަނީ ސަރުކާރު ތެރޭގައި ހުރި ލާދީނީ ކަންތައްތައް ރަގަޅުކޮށް އިޞްލާޙް ކުރުމުގެ ނިޔަތުގައި ކަމަށްވަނީނަމަ، ނުވަތަ ލާދީނީ މީހުންގެ މައްޗަށް ގަދަވެގަތުމުގެ ނިޔަތުގައި ކަމަށްވަނީނަމަ، އެކަމަކީ ހުއްދަ ކަމެކެވެ."
ޖަވާބުދެއްވީ، އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް، އައްޝައިޚް ޢަބްދުއްރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ބިން ޣުދައިދާން، އައްޝައިޚް ޢަބްދުﷲ ބިން ގަޢޫދެވެ.
(ފަތާވާ އައްލަޖްނަތުއްދާއިމާ 23/406-407).
އަދިވެސް އެބޭފުޅުންނާ ސުވާލު ކުރެވުނެވެ.
"އަޅުގަޑުމެން ޖަޒާއިރުގައި ކަންތައް ހިނގަމުންދާ ގޮތް ތިޔަބޭފުޅުންނަށްވެސް ވާނީ އެނގިފައެވެ. އެގޮތުން އިސްލާމީ ޙުކުމްތައް ތަންފީޛު ކުރުމަށް ގޮވާލާ ބައެއް ޕާޓީ ތައް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައިގެން އުޅެއެވެ. އަދި މި އިންތިޚާބަށް ކުރިމަތިލައިގެން އުޅޭ ބައެއް ޕާޓީ ތަކަކީ އިސްލާމީ ޙުކުމް ގާއިމް ކުރުމަށް ބޭނުން ނުވާ މީހުންނެވެ. ވީމާ، އެބޭފުޅަކު ނަމާދު ކުރެއްވިނަމަވެސް، ﷲ ގެ ޙުކުމް ތަންފީޛު ކުރުމާ ނުރުހޭ ކަމަށްވަނީނަމަ، އެފަދަ މީހަކު އިންތިޚާބު ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އިސްލާމީ ޝަރީޢަތް ތަންފީޛު ނުކުރާ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތް ތަންފީޛު ކުރެވޭނެ ގޮތެއް ހޯދުމެވެ. އަދި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ ޕާޓީގެ ބޭފުޅުންގެ އަތުގައި ހިފާ އެބައިމީހުންނަށް ވާގިވެރިވެ އެހީތެރިވުމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެކެވެ.
ސޫރަތުލް މާއިދާގެ 49 އަދި 50 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾)
މާނައަކީ: " އަދި اللَّهބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއްآية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނުދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ،އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوباتދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަންކަށަވަރެވެ. ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكمހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"
ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުމަށް އިންކާރު ކުރާ މީހުންނަކީ ދީނުން ބޭރުވެފައިވާ ކާފިރުބަޔެއްކަން ބަޔާން ކުރެއްވުމަށްފަހު، ދެން މިއަންގަވަނީ އެފަދަ މީޙުންނާ ބައިވެރިވެ، ވާގިވެރިވުމުގެ ހުރި ނުރައްކާތެރިކަން ބަޔާން ކުރައްވާފައެވެ. ޙައްގުގޮތުގައި މުއިމިނުން ކަމުގައިވަނީނަމަ ﷲ އަށް ތަގްވާވެރިވުމަށް ވަނީ އަމުރު ކުރައްވާފައެވެ.
ސޫރަތުލް މާއިދާގެ 57 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾)
މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނުމީހުންގެ ތެރެއިން ތިޔަބައިމީހުންގެ دينއަކީ ފުރައްސާރައެއް ކަމުގައްޔާއި،ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافرން އެއީ،އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمنންކަމުގައިވާނަމަ اللَّهއަށް تقوىވެރިވާށެވެ!"وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم ".
އައްލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔަތި ވަލްއިފްތާ.
އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދިﷲ ބިން ބާޒް، އައްޝައިޚް ޢަބްދުއްރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ބިން ޣުދައިދާން. (ފަތާވާ އައްލަޖްނަތުއްދާއިމާ 1/373).
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިލިޔުމުން ވަރަށް ސާފުކޮށް އެނގިގެންދަނީ އެޕާޓީއެއްގެ ވެރިކަމުގައި އިސްލާމް ދީނަށް ގެއްލުންދީ އިސްލާމް ދީނަށް ތާއީދުކުރާ ޕާޓީއަކަށްވެސް އަކަށްވެސް އަދި އެފަދަ މީހަކަށްވެސް ތާއީދުކުރުން މުސްލިމުންނަށް ހުއްދަވެގެންނުވާ ކަމެވެ. ކީރިތި ޤުރްއާނުން އެކަން ޘާބިތުވާ ކަމެވެ.