ޤިޔާމަތް ދުވަހު ކުރިމަތިވާނެ ދަތި އުނދަގޫތަކުން ސަލާމަތްވާން ލިބޭ ފުރުޞަތު ނަގައިލާ މީހަކަށް ނުވެ ލިބެން އޮތް ބޮޑު އުފާވެރިކަން ލިބިގަންނަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ޤިޔާމަތް ދުވަހު ކުރިމަތިވާނެ ދަތި އުނދަގޫތަކުން ސަލާމަތްވާން ލިބޭ ފުރުޞަތު ނަގައިލާ މީހަކަށް ނުވެ ލިބެން އޮތް ބޮޑު އުފާވެރިކަން ލިބިގަންނަމާ!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެކުވެރިކަމާއި ޢާއިލީ ގުޅުންވެސް ދެމިއޮންނަނީ އަނެކާއަށް ދަތިޙާލަތެއް ކުރިމަތިވަންދެން ކަމަށް މިއޮތީ ވެފައެވެ. އެފަދަ ޙާލަތެއް އަނެކާއަށް މެދުވެރިވެއްޖެނަމަ އަނގައިންބުނެލަން ބޭނުންވަނީވެސް މަދުމީހަކު ކަމަށް މިއޮތީވެފައެވެ. އެހެންކަމުން ވިސްނައިލަމާ ހެއްޔެވެ؟  

ކިތަންމެ ގާތް މީހަކަށް ނަމަވެސް ހިތްދަތިކަމެއް، ތަކްލީފެއް، މާލީ ދަތިކަމެއް ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މިއަދު މިފެންނަނީ އެންމެ ގާތް އެކުވެރިންވެސް އެމީހަކާއި ދުރުހެލިވާތަނެވެ. ކަމަކު ކިޔައިފާނެކަމަށް އޭނާގެ ފޯނުވެސް ހިއްލައިނުލައެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. އެހެނީ އެނަގައިލެވެނީ ޤިޔާމަތް ދުވަހު ތިމާއަށް ދެއްވަވަން އޮތް އަގުހުރި ފުރުޞަތުތަކެކެވެ. 

ހިތާމައެއް ކުރިމަތިވެފައިވާ މީހަކު، ނުވަތަ ހިތްދަތި ކަމެއްގައިވާ މީހަކު އެނގޭނަމަ، އެމީހަކަށް އެހީތެރި ވާށެވެ. އެމީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީ މިންވަރަކުން މަސައްކަތް ކުރާށެވެ.  

ނަބިއްޔާ  صلى الله عليه وسلم  ޙަދީޘް ކުރައްވާފައި ވެއެވެ . 

(مَنْ نَفَّسَ عَنْ مُؤءمِنٍ كُرْبَةً مِنْكُرَبٍ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ الآخِرَةِ) 

މާނައީ: މުއުމިނު އަޅަކަށް ދުނިޔޭގައި ދިމާވާ ދަތި އުނދަގޫ ކަމެއް ދުރުކުރުމަށް މަސައްކަތް ކޮށްފި މީހަކަށް، ޤިޔާމަތް ދުވަހުގެ ދަތި އުނދަގޫ ތަކުން ކަމެއް ﷲ ދުރުކޮށް ދެއްވާ ހުއްޓެވެ."

މީހެއްގެ ދަރަންޏެއް ލުއިކޮށްދިނުން ކަމުގައި ވިޔަސް، ނުވަތަ ދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލައެއް ޙައްލުކޮށްދިނުން ކަމުގައި ވިޔަސް، ވަޒީފާ ނެތިފައި ވަނިކޮށް އެކަމުގައި އެހީތެރިވި ކަމުގައި ވިޔަސް، ނުވަތަ އެހެން ކަމެއް ކަމުގައި ވިޔަސް، މުއުމިނު އަޅަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އޭގެ މަންފާ ލިބެނިވިހެޔޮ ޢަމަލެކެވެ." 

ލޮބުވެތި ރަސޫލު ﷲ  صلى الله عليه وسلم  ޙަދީޘް ކުރައްވާފައި ވެއެވެ.  

(أفْضَلُ ألأعْمَالِ أنْ تُدْخِلَ   علَى أخِيْكَ الْمُؤْمِنِ سُرُوْرًا, أوْ تَقْضِييَ عَنْهُ دَيءنًاأوْ تُطْعِمَهُ خُبْزًا)  

މާނައީ: " އެންމެ މާތް ޢަމަލަކީ، ތިބާގެ މުއުމިނު އަޚާގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާއަށް ކާނެ އެއްޗެއް ދިނުމެވެ. "  

އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ. 

(أحَبُّ النَّاسِ إلَي اللهِ أنْفَعُهُمْ لِلنَّاسِ) 

މާނައީ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މީހަކީ، އެބައިމީހުންގެ ތެރެއިން މީސްތަކުންނަށް އެމީހެއްގެ މަންފާ އެންމެ ބޮޑު މީހާއެވެ. " 

އެހެން ކަމުން، ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނާއި، ތިމާ ދަންނަ މީހުންގެ ތެރެއިން ހިތާމަތަކާއި ހިތްދަތިކަމުގައިވާ މީހުންނަށް އެހީތެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ވައްދައި ދެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އެކެވެ.  

އެހެން ކަމުން މުއުމިނުންގެ ހިތް ހަމަޖައްސައިދީ، ހިތާމަތައް ފިލުވައިދިނުމަށް މަސައްކަތް ކުރާށެވެ! އަޅަމެން އެންމެންނަކީ އަމިއްލަ ނަފްސަށް ރައްކާތެރިވާ، އަދި މުއުމިނުތަކުންނަށް ރަޙުމްކުރާ ބަޔަކު ކަމުގައި ﷲ ތަޢާލާ ލައްވާށިއެވެ! އާމީން!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން