ދިރިއުޅުމުގަ ދިމާވާ ކަންކަމަކީ ﷲ ތަޢާލާ ފޮނުއްވަވާ ޢަޛާބުކަމަށް ޤަބޫލުކުރަންވާނީ ތިމާއަށް ހުރެވޭ ޙާލަތާއިމެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިރިއުޅުމުގަ ދިމާވާ ކަންކަމަކީ ﷲ ތަޢާލާ ފޮނުއްވަވާ ޢަޛާބުކަމަށް ޤަބޫލުކުރަންވާނީ ތިމާއަށް ހުރެވޭ ޙާލަތާއިމެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު!: މުފްތީ މެންކް

ކަމެއް ކުރިމަތިވާއިރަށް އެއީ ﷲ ތަޢާލާގެ ކޯފާއެއްކަމަށް ނުވަތަ ޢަޛާބެއްކަމަށް ނިންމަންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ. މިބަޔާންކުރަނީ އެކަންކުރާނެ ގޮތެވެ.

އެއްވެސް މީހަކު ނުވަތަ ބައަކު އެބައަކަށް ކުރެވޭ ފާފަތަކަށް ތައުބާވަމުން ދަނިކޮށް އެބައެއްގެ މައްޗަށް ﷲ ތަޢާލާ ޢަޛާބެއް ނުފޮނުއްވަވާނެތެވެ. ނަމަވެސް ތައުބާނުވެ ތިބެ ފާފަތައް ކުރަމުންދާނަމަ އެބައެއްގެ މައްޗަށް ﷲ ތަޢާލާ ޢަޛާބް ފޮނުއްވަވާނެކަން އެނގެން އެބައޮތެވެ. ޢަޛާބް ފޮނުއްވަވައިފިނަމަ އެކަމުން މިންޖުކޮށްދެވޭނެ ހަމައެއްވެސް ފަރާތެއް ނުވެއެވެ. ނުވެސްވާނެއެވެ.

ވީމާ ތިމާއަށް ގެއްލުމެއް ލިބި ނުވަތަ ނިކަމެތިޙާލެއްގައި ޖެހިއްޖެނަމަ ފުރަތަމަވެސް ބަލައިލަންޖެހޭނީ ތިމާއަށް ހުރެވޭ ޙާލަތެވެ. ތިމާއަށް މިހުރެވެނީ ތައުބާވުންމަތީގައިތޯ ނުވަތަ ތައުބާވުމެއް ނެތި ފާފަކުރެވުންމަތީގައިތޯއެވެ. އެއިރުން ތިމާއަށް ކުރިމަތީ ކޯފާއެއްކަން ނުވަތަ އިމްތިޙާނެއްކަން އެނގިގެންދާނެއެވެ. އެހެނީ ތައުބާވުންމަތީގައި ހުއްޓައި ކުރިމަތިވާ ކަންކަމަކީ އިމްތިޙާން ކުރެއްވެވުމެކެވެ.

ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްވެހުންނަން އެދޭމީހާއަށް އެންމެ މުހިންމުކަމަކީ ތިމާއަކީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާގެ ވަހީބަސްފުޅުތަކަށް ޢަމަލުކުރާ މީހަކުކަމުގައިވުމާއި ރަސޫލް ﷺ ގެ ރަސޫލްކަން ޤަބޫލުކޮށް އިތުރު އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރާ މީހަކު ކަމުގައިވުމެވެ. އަދި ދަންނަބޭކަލުންގެ އިޖުމާޢު ޤަބޫލުކުރާ މީހަކުކަމުގައިވުމެވެ. މިކަންކަމުގައި ސާބިތުވެ ހުންނަ މީހަކަށް ﷲ ތަޢާލާ އެއްވެސް ޢަޛާބެއް ނުފޮނުއްވަވާނެތެވެ.

ހަމައެއާއިއެކު ތައުބާނުވެ ފާފަކުރުންމަތީގައި ދެމހުންނަނަމް ޢަޛާބު ފޮނުއްވަވާނެކަން ވަނީ ވަޙީކުރައްވަވައިފައެވެ. އަދި އެޢަޛާބް އައިސް އެމީހަކާއި ބައްދަލުކުރާނީ ކޮންވަގުތަކު ގޮތަކަށްކަން ޚިޔާލަށްވެސް ނުގެވޭނެކަމަށްވެސް ވަނީ ވަޙީކުރައްވަވައިފައެވެ.

ބައެއް މީހުންނަށް ތަނަވަސްކަމާއި މަތީ މަޤާމްތައް މިންވަރުކުރައްވަވައެވެ. އިންތިހާއަށް އުފާވެރިކަން ދެއްވަވައެވެ. އަދި އިސާހިތަކު ދެއްވެވި ހުރިހާ ނިޢްމަތްތައް ނުވަތަ ބޮޑުބައެއް އަނބުރާ ގެންދަވައެވެ. އެޙާލަތުގައި ފުރަތަމަވެސް ބަލައިލަންޖެހޭނީ ތިމާގެކިބައިގައި ހުރި ކިޔަމަންތެރިކަމަށެވެ. ތައުބާވެވެމުން އަންނަ މީހަކުތޯއެވެ. ނޫންކަމުގައިވާނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ.

--އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން