ކުށެއް ނެތި ވަރިކުރީމާ މާރަނގަޅު ފިރިއަކު ލިބުމުންވެސް ކުރީގެ ކަންކަން ވިސްނި ކަންބޮޑުވެވޭނަމަ މިމަގުން ޢަމަލުކުރީމާ އަރައިގަނެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ކުށެއް ނެތި ވަރިކުރީމާ މާރަނގަޅު ފިރިއަކު ލިބުމުންވެސް ކުރީގެ ކަންކަން ވިސްނި ކަންބޮޑުވެވޭނަމަ މިމަގުން ޢަމަލުކުރީމާ އަރައިގަނެވޭނެ! އިން ޝާ ﷲ

އަޅުގަނޑުގެ އަލަތު ކައިވެނި ރޫޅިގެންދިއައީ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތިއެވެ. ވަރިކުރަމުންވެސް ފިރިމީހާ ބުނީ ވަރިކުރަނީ އަޅުގަނޑުގެ ކުށެއް އޮވެގެން ނޫންކަމަށާއި އެކަނި ހުންނަން ބޭނުންވާތީ ކަމަށެވެ.

އެކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ލިބުނު ހިތާމަތަކަށް ކެތްތެރިވީމެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. އެކަނި އިންނަން ޖެހުނީ ހައަކަމަސް ވަންދެންނެވެ. ވަރަށް ރަނގަޅު ފިރިއަކު ވަނީ ލިބިފައެވެ. ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް މާރަނގަޅެވެ. ދިރިއުޅުން މާއުފާވެރިއެވެ. ކައިވެންޏަށް 3 އަހަރުވެސްވެއްޖެއެވެ.

އެހެންކަމާއިއެކުވެސް ކުރީގެ ހަނދާންތައް އައުމުން ކަންބޮޑުވެއެވެ. ހިތުގައި ޝައްކުތައް އުފެދެއެވެ. އެހެންވެ ކަންބޮޑުވެފައި ވަރަށް ގިނައިން ހުރެވެއެވެ. މިޙާލަތުން އަރައިގަންނަން ކުރަން އޮތީ ކޮން ކަމެއްތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޔަޤިންކުރަން އޮތް ފުރަތަމަ ކަމަކީ ތިއަކުރެވުނު ތަޖުރިބާއެވެ. ކުށެއް ނެތި ވަރިކުރީމާ ދެން ލިބުނު ބައިވެރިޔާ މާރަނގަޅު ކަމެވެ. ދިރިއުޅުން މާ އުފާވެރިކަމެވެ. އަދިވެސް އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ދެންވެސް މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެ ކަމެވެ. އެވިސްނުމުގައި ހުންނަން މމަސައްކަތްކޮށްފިނަމަ ތިއަ ނުބައި ވިސްނުންތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ

ތިއަފަދަ ޝައްކުތައް އުފައްދުވަނީ ޝައިޠޯނާއެވެ. އޭތީގެ ނުބައިކަމުން ސަލާމަތްވެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ!

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ތިމާގެ ކުށެއް ނެތި ކައިވެނި ރޫޅިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނަންވީ އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތަކީ އެމީހަކާއިއެކުގައި ދާއިމަށް ދެމިއޮންނާނެ ނިޢްމަތެއް ނޫންކަމެވެ. ބައެއް ނިޢްމަތްތައް ގިނަ ދުވަސްތަކަކަށް ތިބާ އާއިއެކުގައި ދެމިހުރެދާނެއެވެ. އަނެއްބައި ނިޢްމަތްތައް ދާދި އަވަހަށް ތިބާ އާއި ވަކިވެގެންވެސް ހިނގައިދާނެއެވެ. މި ދެ ޙާލަތުވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ.

ކޮންމެ ނިޢްމަތެއްވެސް ތިބާއާއިއެކު ދެމިއޮންނާނެ މުއްދަތު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުގެ މައްޗަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ. ތަނަވަސްކަންވެސް މަތީ ދަރަޖައާއި މަޤާމުތައްވެސް އަދި ޢާދައިގެ ވަޒީފާވެސް ގެއްލި ނިކަމެތިވެގެން އެބަދެއެވެ. އަދި އެނޫން ނިޢްމަތްތައްވެސް ގެއްލެން މެދުވެރިވެއެވެ.

ޒަވާޖީ ޙަޔާތަކީވެސް ހަމައެފަދަ ކަމެކެވެ. ގިނަ ކައިވެނިތައް ކުރެވޭނީ އެތައްބައިވަރު ވައުދުތަކަކާއިއެކުގައެވެ. ވަރަށް ބޮޑަށް ލޯބިވާކަމުގެ ވައުދުތަކެވެ. ދެމަފިރިންކުރެ އެކަކު މަރުވަންދެން އެކުގައި ދިރިއުޅޭނެކަމުގެ ވައުދުތަކެވެ.

ވައުދުވަމުންގޮސް އެކަކު މަރުވިނަމަވެސް އަނެކާ އިތުރު ކައިވެންޏެއް ނުކުރާނެކަމަށްވެސް އެބަ ވައުދުވެއެވެ. ޙަޤީޤަތުގައި މިފަދަ ވައުދުތައްވުމަކީ ބޭނުމެއް އޮތްކަމެއްވެސް ނޫނެވެ. އެހެނީ ޙާލަތުނިޔާކުރާގޮތުން އިތުރު ކައިވެންޏެއް ނުކޮށް އެކަނި ދިރިއުޅުމަކީ ގިނަފަހަރު އެހައިފަސޭހަކަމެއް ނޫނެވެ. ވީމާ ތިމާގެ އަމިއްލަ ބާރެއް ނުހިނގައިފާނެކަމުގެ ފުރުޞަތު އޮންނަކަމުގައި ވައުދުވުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ.

ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ކިތަންމެ ގިނަ ވައުދުތަކާއިއެކު ކައިވެނިކުރިނަމަވެސް ވަކި ހިސާބަކުން ކައިވެނި ރޫޅެން އެބަދިމާވެއެވެ. ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެންނެވެ. މިފަދަ ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް މާޔޫސްނުވާށެވެ. އެއްވެސް ނިޢްމަތަކީ ދާއިމަށް ތިމާއާއިއެކުގައި ދެމިއޮންނާނެ ކަމެއްކަމަށް ނުދެކޭށެވެ. ތަނަވަސްކަމާއި މަތީ މަޤާމާއި އަދި އެނޫން ކަންކަމަކީ ވެސް އެކަމުގެ ވަގުތު ޖެހުމުން ތިމާ ޢާއި ވަކިވާނެ ކަންކަމެވެ. ހަމައެފަދައިން ކައިވެނިވެސް އެކަމުގެ ވަގުތުޖެހުމުން ކޮންމެވެސް ކަމެއް މެދުވެރިވެގެން ރޫޅޭނެއެވެ.

އެކަން އަބަދުވެސް ޤަބޫލުކޮށްގެންތިބޭށެވެ. ނަޞޭހަތަކީ އެއްވެސް ނިޢްމަތެއް ތިމާއާއި ވަކިވެއްޖެނަމަ ފިކުރުބޮޑުކޮށް ނަފްސާނީ ބައްޔެއްގެ ތެރެއަށް ވެއްޓިނުގަތުމެވެ. ދެއްވެވި ނިޢްމަތް އަނބުރައި ގެންދެވީ އެއަސްވުރެ ފުރިހަމަ ނިޢްމަތެއް މިންވަރުކުރައްވަވަންކަން އަބަދުވެސް ޔަޤީންކޮށްގެން ތިބޭށެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ވަކީލުކުރުމަކީ އެއީއެވެ. ވަކީލްކުރާ އަޅުންނަށް ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން