އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. އެކުވެރިއަކަސް ނަމަވެސް ވަޢުދެއްވެއްޖެނަމަ ފުއްދަން މަސައްކަތްކުރާނެއެވެ. އެހެންވެ ބައެއް ފަހަރު މެދުވެރިވާ ކަމަކީ އަތްމަތި ދަތިކޮށް އުޅެމުންވެސް މީހަކަށް ކާންދޭން ނުވަތަ ސައިދޭން ވަޢުދެއްވެއްޖެނަމަ ގޭގެ ޚަރަދުތައް ނުކޮށްވެސް އެކަން އެބަކުރެއެވެ.
އަޅުގަނޑުގެ ސުވާލަކީ އެއީ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތްތޯއެވެ؟
ތިއަ ސުވާލުގެ ޖަވާބަކީ އެކުވެރިންގެ ގާތުގައިވާ ތިއަ ފަދަ ވަޢުދުތަކަކީ ފުދުންތެރިކަން ހުރިނަމަ ފުއްދަން ޖެހޭނެ ވަޢުދެވެ. ގިނަ ފަހަރު ތިއަ ފަދަ ވަޢުދުތައް ވެވެނީ އެކުވެރިންގެ އެދުމަށެވެ. އަދި އެކުވެރިން އެދެނީ އެމީހުންނަށް ކާންބޯން ނުލިބިގެނެއްވެސް ނޫނެވެ. މަޖަލަކަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ ތަނަވަސްކަން ނެތްނަމަ އެކުވެރިން އެދުނަސް ވަޢުދުނުވުމެވެ.
ދެން ބުނެލަން އޮތީ އަތްމަތި ދަތިނަމަ ރެސްޓޯރަންޓަކަށް ގެންގޮސްގެން ކާންދޭކަށްވެސް ނުޖެހެއެވެ. ގެއަށް ގެނެސް ގޭގައި ހުރިބ އެއްޗެއް ކާންބޯންދިނަސް ވަޢުދުފުއްދުނީއެވެ. ހަމައެއާއިއެކު އަތްމަތި ދަތިވެ އެފަދަ ވަޢުދެއް ނުފުއްދުނަސް ފާފަވެރިއެއްވެސް ނުވާނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ރައްޓެހިންނަށް ކާންދޭން ނުވަތަ ކޮފީދޭން ވަޢުދުވާފަހުން އަތްމަތި ދަތިވެ އެކަން ނުކުރެވޭ ޙާލަތަށް ދިއުމުން، އެކަން ނުކޮށްފިނަމަ ވަޢުދު ނުފުއްދި، ފާފަވެރިވާނެ ކަމުގެ ބިރަށް ބައެއް މީހުން ދަރަނިވެރިވެގެންވެސް އެކަން އެބްކުރެއެވެ. އަދި އަނބިދަރިންނަށް ޚަރަދުކުރަން ހުންނަ ފައިސާކޮޅުމްވެސް އެކަން އެބަކުރެއެވެ. މިއީ އެކަންކުރަން ދީނުގައި އޮތް ގޮތެއް ނޫނެވެ. އެބާވަތުގެ ވަޢުދުތައް ފުއްދުން އޮތީ ތަނަވަސްކަން ހުރިނަމައެވެ.
ރަހްމަތްތެރިން އެދުމުގެ މަތިން ސައިދޭން، ނުވަތަ ކާންދޭން އެއްބަސްވެފަ ފަހުން އެކަން ހަދާން ނެތިގެން ނުވަތަ އަތްމަތި ދަތިކަމުން އެމީހުންނަށް ސައި ނުވަތަ ކާން ނުދެވިއްޖެއްޔާ ފާފަވެރިވާނެ ތޯއެވެ؟ ނޫނީ ދޮގު ހެދީ ކަމަށްވާނެ ތޯއެވެ؟
ސުވާލުގައި ބަޔާންކޮށްފައިވާ 2 ކަންތަކަކީވެސް މަގްބޫލު ދެޢުޛުރެވެ. ވީމާ، އެސަބަބުތަކާ ހުރެ ވަޢްދު ނުފުއްދުނުނަމަވެސް ދޮގު ހެދީ ކަމަކަށް ނުވާނެއެވެ. އަދި ފާފަވެރި އެއްވެސް ނުވާނެއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް