ބައިވެރިޔާ އެއްދާންކުރަން ބަހަނާ ދައްކާކަމުގެ ޝަކުވާ އެކި ޢިބާރާތުން ލިބެއެވެ. ފިރިންގެ ފަރާތުންވެސް އަދި އަނބިންގެ ފަރާތުންވެސް ލިބެއެވެ. އެހެންވެ ސަބަބު ހޯދަން ކުރި ަމސައްކަތްތަކުން އެނގުނު ބައެއް ސަބަބުތަކަކީ:
--އެކަކު އެހެން މީހަކު ދެކެ ލޯބިވެ ބައިވެރިޔާ އާއިއެކު ރޭކުރަން ފޫހިވުން،
--އަނބިމީހާ ނިދާފަހުން ގެއަށް އައިސް އަނބިމީހާ ހޭލައްވައި އެކަމަށް އެދުން،
--އަނެކާގެ ޢަމަލުތައް ހުންނަ ގޮތުން ފޫހިވެ ގާތްކަން ބާއްވަން ބޭނުން ނުވުން،
--ޞިއްޙީ ގޮތުން (އެކަންކުރަން) ބަލިކަށިވުން،
--އަނެކާގެ ޞިއްޙީ ޙާލަތަށް ވިސްނާނުލައި އެކަމަށް އެދުން ފަދަ ތަފާތު ސަބަބުތައް ހުންނަ ކަމެވެ.
މިފަދަ މައްސަލަތަކަށް ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެއެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް ޙައްލުކުރަންވާނެއެވެ. ދެމަފިރިންވެސް އަނެކާގެ ޙައްޤުތަކަށާއި ޙާލަތަށް ބަލައި އިޙްތިރާމްކުރަންވާނެއެވެ. ލޯބިލިބޭނީ ލޯބިދީގެންކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަންވާނެއެވެ.
ކައިވެނިކުރުމަށްފަހު ދެމަފިރިންކުރެ ކޮންމެ މީހަކުނަމަވެސް (ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް) އެއްދާންކުރަން އެދިއްޖެނަމަ ޝަރުޢީ ޢުޛުރެއް ނެތި އެކަމަށް ދެކޮޅު ހެދުމަކީ ކުރަން ހުއްދަ ކަމެއް ނޫނެވެ. މިކަމުގައި ދެމީހުންވެސް ހަމަ ހަމައެވެ.
ފިރިމީހާގެ ބައެއް ޢަމަލުތައްހުންނަ ގޮތް ސަބަބަކަށް ހަދައި އެއްދާން ނުކުރާ ކަމުގެ މައްސަލައިގައި ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ފިރިމީހާ އެދުނަސް އަނބިމީހާއަށް ޢުޛްރުވެރިވެވިދާނެ ޙާލަތުތަކެވެ. ވީމާ ފިރިމީހާގެ މައްސަލައެއް އޮތްނަމަ އެކަމެއް ޙައްލުކުރެވޭނެ އިތުރުގޮތެއް ނުފެނިއްޖެނަމަ އޮންނާނީ ކޯޓު މެދުވެރިކޮށް ޙައްލުކުރުމެވެ.
ތިޜީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ފިރިމީހާ އަނބިމީހާ ކައިރިން އެދުންފުއްދުމަށް އެދުމުން މަޤުބޫލު ޢުޒުރެއް ނެތްނަމަ އަނބިމީހާ އެކަމަށް އިޖާބަ ދިނުމަކީ އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މަޖްބޫރު ޙާލަތަކަށް ބެލެވޭނީ އަނބިމީހާ މައްސަރު ކަންތައް ޖެހިފައި ހުރުން، ނުވަތަ ފަރުޟުނަމާދެއް ނުކޮށް ހުއްޓާ ވަގުތު ކުޑަތަންވުން، ނުވަތަ އަނބިމީހާގެ ބަލިޙާލުހުރިގޮތުން އެވަޤުތު އެކަން ކޮށްދެވެން ނެތުން ފަދަ ކަންތަކެވެ.
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها، لعنتها الملائكة حتى تصبح) روى البخاري (3237) ومسلم (1436)
މާނައީ: " އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ފިރިމީހާ އަނބިމީގާތުން އެއްދާން ކުރުމަށް އެދުމުން، އަނބިމީހާ އެކަމަށް އިންކާރުކޮށް، އަދި ފިރިމީހާ އޭނާދެކެ ރުޅިއައިސްފައިވާޙާލު އެރޭ ވޭތުކޮށްފިނަމަ، އަނެއްދުވަހުގެ ހެނދުނު ވުމަށް ދާންދެން މަލާއިކަތްބޭކަލުން އެކަނބުލޭގެ މައްޗަށް ލަޢުނަތް ލައްވާ ޙުއްޓެވެ."
ޢުޒުރަކާނުލައި ފިރިމީހާގެ އެދުމަށް ނުކިޔަމަންތެރި ވެއްޖެނަމަ އަނބިމީހާ ބެލެވޭނީ ނުކިޔަމަންތެރިވި އަންހެނެއްގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ނަފަޤާ (ޚަރަދު) އާއި އަންނައުނު ދިނުން ހުއްޓާލުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ.
މިފަދަ ކަމެއް ދިމާވުމުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަނބިމީހާއަށް ނަޞޭޙަތާއި ވަޢުޡު ދިނުމެވެ. އަދި މި ކަމުގެ ނުބައިކަން ޤްރުއާނާއި ސުންނަތުގެ އަލީގައި އަނބިމީހާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ތަންމަތިން ވަކިކޮށް، އަދި އަނިޔާ ނުވާގޮތަށް އަދަބުދިނުންވެސް ހުއްދަވެގެންވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަނބިމީހާ ބޭނުންވުމުން އޭނާގެ ބޭނުންތައް ފުއްދައިދިނުން ފިރިމީހާގެ މައްޗަށް ވެސް ވާޖިބުވާނެ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރޭގަނޑު މެންދަންވަންދެން ބޭރުގައި އުޅެފައި ގެއަށް އައިސް، އަނބިމީހާއަށް އަޅާނުލައި ވަރުބަލިވެފައިކަމަށް ހަދައިގެން ބިއްދޮށަށް އެނބުރި އޮވެ ނިދުން ފިރިހެނުންނަކަށް ހުއްދަވެގެން ނުވާކަން މިއޮތީ އެނގޭށެވެ!