ކައިވެނީގެ ޢަގްދު ކުރެވުނުއިރު އެކަކީ ނަމާދު ނުކުރާ މީހެއްނަމަ، ކައިވެނީގެ ޢަގްދު ޞައްޙައެއް ނުވާނެ! ނަމަވެސް މިފަދަ ކައިވެނިން ލިބޭ ދަރިން ނިޞްބަތްކުރެވޭނީ ފިރިމީހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނީގެ ޢަގްދު ކުރެވުނުއިރު އެކަކީ ނަމާދު ނުކުރާ މީހެއްނަމަ، ކައިވެނީގެ ޢަގްދު ޞައްޙައެއް ނުވާނެ! ނަމަވެސް މިފަދަ ކައިވެނިން ލިބޭ ދަރިން ނިޞްބަތްކުރެވޭނީ ފިރިމީހާއަށް!

ނަމާދަކީ ފަރްޟެއްކަން ނުވަތަ ކުރަން ޖެހޭ އެއްޗެއް ކަމާއި މެދުގައި އިންކާރުކޮށްފި މީހަކީ ކާފަރެއް ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން އިއްތިފާގުވެލައްވައެވެ. ފަރުވާ ކުޑަވެގެންނާއި ކަންނެތް ކަމުގެ ސަބަބުން ނަމާދު ދޫކޮށްލާ މީހާ އާއި މެދުގައި ބައެއް ޢިލްމުވެރިން އެއީ ކާފަރެއް ކަމުގައި ވިދާޅުވާ އިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ކާފަރެއް ނޫން ކަމަށެވެ. ރާޖިޙް ގޮތަކީ އެފަދަ މީހުންނަކީ ވެސް ކާފަރުން ކަމެވެ. 

ކައިވެނީގެ ޢަގްދު ކުރެވުނު އިރުގައި ދެމަފިރިންކުރެ އެކަކީ ނަމާދު ނުކުރާ މީހެއްނަމަ، ކައިވެނީގެ ޢަގްދު ޞައްޙައެއް ނުވާނެއެވެ. ނަމަވެސް މިފަދަ ކައިވެނިން ލިބޭ ދަރިން ފިރިމީހާ އަށް ނިސްބަތް ކުރެވޭނެއެވެ. ސަބަބަކީ ކައިވެނީގެ ޢަގްދު ކުރެވުނީ ޞައްޙަ ޢަގްދެއް ކަމަށް ބަލައިގެން ކަމަށްވުމުން ޝުބްހާ އެއް ހިމެނޭތީވެއެވެ. މިފަދަ ޙާލަތުގައި އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ކައިވެނި އަލުން ޢަގްދު ކުރުމެވެ. 

ކައިވެނީގެ ޢަގްދު ކުރެވުނު އިރުގައި ދެމަފިރިންކުރެ އަކަކީވެސް ނަމާދު ނުކުރާ މީހުންނަމަ، ފަހުން ތައުބާވެ ނަމާދު ކުރަން ފެށުމުން އަލުން ކައިވެނީގެ ޢަގްދު އާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ކާފަރުން އިސްލާމްވުމަށްފަހުގައި އެބައިމީހުން ކުރިންކޮށްފައިވާ ކައިވެނީގެ ޢަގްދު އާ ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިނުވުމެވެ. އަދި މުރްތައްދުވުމަށްފަހު އިސްލާމްދީނަށް އެނބުރި އައި މީހުންނަށްވެސް އެބައިމީހުންގެ ކައިވެނީގެ ޢަގްދު އާ ކުރުމަށް ޞަޙާބީން އަމުރު ކުރައްވާފައި ނުވުމެވެ. 

ދެމަފިރިން ކުރެ އެކަކީ ނަމާދު ނުކުރާ މީހެއްނަމަ އެފަދަ މީހަކާ އިނދެގެން އުޅުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ފިރިމީހާ އަކީ ނަމާދު ނުކުރާ މީހެއް ނަމަ އެފަދަ މީހެއްގެ ކިބައިން ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން