ޝައިޠޯނާ ވަސްވާސްދިނުމުން ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރާނަމަ ފާފަކުރަން ވަސްވާސްދިނުމުގެ ބަދަލުގައި އެމީހަކު ފާފައެއް ކުރިއަ ނުދިނުމަށް ޝައިޠޯނާ ވަސްވާސްދެއެވެ. ތިއަކުރަނީ ފާފައެއްކަން ވިސްނައިދެއެވެ. ދެން މިކިޔައިދެނީވެސް ޝައިޠޯނާ ތިބާއަށް ވަސްވާސް ދިނުން ހުއްޓައިލާނެ ގޮތުގެ ވާހަކައެވެ.
ޝައިޠޯނާ އަވަދިނެތި މަސައްކަތްކުރަނީ ނުބައި އަމަލުތައްކުރުވާށެވެ. އަބަދުވަސް ވާސްދެނީ ފާފަތައް ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން ނުބައި ޢަމަލުތައް، ފާފަތައް ކުރަން ހިތަށް އަރައެވެ. އެހިނދު ފާފަކުރަން ހިތަށް އަރާއެރުން އެއީ ހެޔޮކަމަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު އަހަރެމެންންށް ވަނީ ދެއްވަވާފައެވެ.
ޙަދީޘްފުޅުގައި އޮތީ "މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ." މިފަދައިންނެވެ. ވީމާ ފާފަކުރުމަށް ޝައިޠޯނާ ވސްވާސްދިނުމުން ﷲ ތަޢާލާއަށް ބިރުވެތިވެ އެފާފަނުކޮށް ދޫކޮށްލުމުން އެމީހަކަށް ލިބިގެންއެދަނީ ހެޔޮކަމެއް ކުރިކަމުގެ ޘަވާބެވެ.
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى، قَالَ: ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً.
وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ.
وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً((
[رواه البخاري ومسلم في صحيحيهما بهذه الحروف]
މާނައީ: ޢަބްދު ﷲ ބުން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ، ﷲ تبارك وتعالىގެ ޙަޟްރަތުން ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ.
"ހަމަކަށަވަރުން އިންސާނާ ކުރާ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް، ﷲ ލިޔުއްވައެވެ. ދެން އެއަށްފަހު އެކަން ބަޔާން ކުރެއްވިއެވެ؛ ހެޔޮކަމެއް ކުރަން ޤަޞްދުކޮށް، ދެން އެކަން ނުކުރިމީހާ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް، ދެން އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ދިހަހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައަށާއި އެއަށްވުރެ އެތައް ގުނައެއް އިތުރަށްވެސް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ނުބައިކަމެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން