ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: އެކުވެރިން ވަރަށް ރީތިކޮށް ގިރިޓީކޮށްލާފައި ދިން އެންމެ ނަޞޭޙަތަކުން އާޚިރަތް ނުގެއްލި ކިރިޔާ ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: އެކުވެރިން ވަރަށް ރީތިކޮށް ގިރިޓީކޮށްލާފައި ދިން އެންމެ ނަޞޭޙަތަކުން އާޚިރަތް ނުގެއްލި ކިރިޔާ ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-

އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަމާދުކުރާ ހެޔޮލަފާ ކުއްޖެއެވެ. އޭނާގެ ޢުމުރަކީ 23 އަހަރެވެ. ލޯބިވެރިއަކު ހުރެއެވެ. ނަމަވެސް ދުވަހަކުވެސް ފާހިޝް ޢަމަލެއް ކޮށްފައެއް ނުވެއެވެ.  

ކައިވެންޏަށް ހަފްތާއެއްހައި ދުވަހަށް ކައިރިވެފައިވަނިކޮށް އެއްދުވަހަކު ބުނީ ކައިވެނީގެ ކުރިން އެހެން ފިރިހެނަކާއިއެކު ޒިނޭކުރަން ޝައުޤުވެރިވެވޭ ކަމަށެވެ. ސަބަބެއްކަމަށް ބުނީ އެކަން ނުކުރިނަމަ އޭނާއަށް މުޅި ޢުމުރުގައިވެސް ދެވަނަ ފިރިހެނެއްގެ ކިބައިން އެއްވެސް ތަޖުރިބާއެއް ނުލިބޭނެތީކަމަށެވެ. އެއީ ކައިވެންޏަށްފަހު އޭނާ ދުވަހަކުވެސް ފިރިމީހާއަށް ޚިޔާނާތްތެރި ނުވާނެތީވެސް ކަމަށެވެ.  

އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ފުރަތަމަވެސް ސުވާލުކުރީ ތިއައީ ކޮންބައަކު ތިބާގެ ސިކުނޑިއަށް ވައްދައިދިން ޚިޔާލެއްތޯއެވެ؟ ޖަވާބުގައި ބުނީ ބައެއް އެކުވެރިންކަމަށެވެ.  

އަޅުގަނޑަށް ބުނެވުނީ ތިއައީ އެކުވެރިން ނޫންކަމަށާއި އެންމެ ބޮޑެތި ދުޝްމިނުން ކަމަށެވެ. އަދި އެއީ އިންސާނުންގެތެރޭގައިވާ ޝައިޠޯނުންކަމަށެވެ. އެހެންބުނުމުން އެކުވެރިޔާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިއައެވެ. ބުނެވުނު އެއްޗަކާއިމެދު ހިތްހަމަނުޖެހޭކަން ފައުޅުވެގެންދިއައެވެ.  

އެހިސާބުން އަޅުގަނޑު ސަބަބުތައް ކިޔައިދިނީމެވެ. (1) ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔަވާހިކަން ލިބުމަށް ކުރެވެން އޮތް އުންމީދު ގެއްލިގެންދިއުން (2) ފަރުޖަށާއި ދުލަށް ރައްކައުތެރިވެއްޖެ މީހާ ސުވަރުގެ ވައްދަވަން ރަސޫލް ޖާމިނުވެވަޑައިގަންނަވާނެކަމަށް އޮންނަ ޙަދީޘްފުޅުން ލިބެން އޮތް މަތިވެރި ނިޢްމަތް ގެއްލިގެންދިއުން 

މިހިސާބަށް ބުނާއިރަށް އެކުވެރިޔާއަށް ވިސްނިއްޖެއެވެ. ރޮވެން ފަށައިފިއެވެ. އަޅުގަނޑު ބުނީމެވެ. މިހުރިހާ ދުވަހު ބިކުރުވެރިއަކަށް ހުރެފައި އެކަމުން ލިބެން އޮތް މަތިވެރި ނިޢްމަތްތައް އެންމެ ފަހު ވަޤުތު ނަގައިލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެއް ނޫންހެއްޔެވެ؟ ތިއަފަދަ ވިސްނުމެއް އަޔަތީވެސް އަވަހަށް ތައުބާވާށެވެ.  

އަޅުގަނޑުގެ ނަޞޭޙަތް ޤަބޫލުކުރި މިދެންނެވި އެކުވެރިޔާ ނިޔާވީ ޢުމުރުން 53 އަހަރުގައެވެ. ވަރަށް ހެޔޮލަފާ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައެވެ. އަލަތު ކައިވެނިމަތީގައި އުފަލުގައި ދިރިއުޅެމުންނެވެ. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖައި ލައްވަވާށި! އާމީން  

ނިންމާލަމުން އެއްވާހަކަ ބުނެލާނަމެވެ. އެއީ އަޅުގަނޑުގެ އާދޭހެވެ! އެކުވެރިންގެ ގޮތުގައި ޝައިޠޯނުން ނުގެންގުޅޭށެވެ. ވަރަށް ރީތިކޮށް ގިރިޓީކޮށްލާފައި ދޭ އެންމެ ނަޞޭޙަތަކުންވެސް އާޚިރަތް ގެއްލިގެން ހިނގައިދާނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން