އިސްލާމް ދީނަށް ބަލައިފިނަމަ ދިރިއުޅުމުގެ ބިންގަލަކީ ކައިވެންޏެވެ. ކައިވެނިކުރުމަށްފަހު ދެމީހުން ވާންޖެހޭނީ އެކަކަށެވެ. ދެމީހުންނަކީ އެކަކަށްވެވޭނީ ދެމީހުންވެސް އަނެކާގެ އިޙްޞާޞްތަކަށް ޙުރުމަތްތެރިކޮށް ހިތިވަރަކުންނެވެ.
ހިތާމައަކީ މިކަންކަމަށް ވިސްނައިލެވޭ މިންވަރު ކުޑަވެގެންދިއުމެވެ. ޙައްޤެއްގައި ހިފައި ދަމަން ހަދައިގެން ދުނިޔޭގެ އުފާވެރިކަމާއި އާޚިރަތް ނަގައިލެވޭ ކަމެވެ. ފައުޅުގައި އެބަ ބުނެއެވެ. އަހުރެން ބޭނުންތަނަކަށް ދިއުމާއި ބޭނުން މީހަކާ ގުޅުން ބޭއްވުމަކީ އަހުރެންނަށް ލިބިފައިވާ ޙައްޤެކެވެ.
އެހެން ބުނާ މީހުންނަށް އަހުރެން ބުނަން އޮތީ މަސްތުވުމަކީ ލިބިފައިވާ ޙައްޤެއް ކަމަށް ބުނާ ބައަކު އުޅެއެވެ. އެކަމަކު އިންސާނާ އިންސާނަކަށްވަނީ މަސްތުނުވެ ބުއްދި ސަލާމަތުން ބަހައްޓައިގެން ދުނިޔޭގައި އުޅޭނަމަ އެވެ. މަސްތުވެ ބުއްދިފިލައިދާ ހިސާބުން އޭނާއަކީ އިންސާނެއްނަމަވެސް އިންސާނެއްގެ ޙައިޞިއްޔަތުން އެމީހަކު ބޭރުވެގެންދެއެވެ.
ވީމާ އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ކައިވެންޏަށްފަހު ދެމީހުންނަށްވެސް އޮތް އެންމެ ބޮޑު ޙައްޤަކީ ލޯބިން އެކުގައި ދިރިއުޅުމުގެ ޙައްޤެވެ. ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުގެ ޙައްޤެވެ. އެކަންކަމުގެ ކުރިއަށް އެހެން ޙައްޤުތައް ނެރޭނަމަ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކުރަންޖެހޭނީ ހިތާމައެވެ.
ދެމަފިރިންކުރެ ތަނަވަސްކަން ލިބިފައިވަނީ ކޮންމެ މީހަކަށް ނަމަވެސް އެކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! އަނެކާއަށް ދީލަތިވާށެވެ! ފިރިމީހާއަކީ ޢާއިލާގެ އިސްމީހާކަމަށްވުމަކީވެސް އަނބިމީހާ ނުރުހޭ ކަންކަން ކުރަން ޙައްޤުލިބޭ ސަބަބެއް ނޫނެވެ. މިޘާލަކަށް އަހަރެންނަކީ އިސްމީހާކަމަށްވީތީ އަނބިމީހާ ނުރުހޭ މީހުންނާއި ވާހަކަދައްކާނަމަ އަނބިމީހާ ކެތްތެރިވެގެން ކިޔަމަނުގައި އަބަދު އިންނާނެ ހެއްޔެވެ؟ ފިރިމީހާ ނުރުހޭ މީހަކާ އަނބިމީހާ ވާހަކަދައްކައިފިނަމަ ފިރިމީހާއަށް ލިބިފައިވާ ވަރިކުރުމުގެ އިޚްތިޔާރުގެ ބޭނުން ކުރަނީ މަދުން ހެއްޔެވެ؟
ވީމާ ކުރިން މިބުނި ފަދައިން ޙައްޤުތައް ވަނީ ﷲ ތަޢާލާ ދެއްވަވާފައިވާ އިންތަކުގެ ތެރެއިންނެވެ. ވީމާ ލޯބިން އެކުގައި ދިރިއުޅުމުގެ ޙައްޤާއި އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުގެ ޙައްޤުގެ ކުރިއަށް އިތުރު އެއްވެސް ޙައްޤެއް ނުނެރޭށެވެ. އުފާވެރި ދިރިއުޅުމެއް ލިބުންވެސް، އާޚިރަތް ކާމިޔާބުވުންވެސް އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން