ޙަޔާތުގެ ބައިވެރިއަކަށް ދީންވެރިއަކު އިޚްތިޔާރުކުރާއިރު ބަލަންވީ ނިޔަތަށާ ޢަމަލުކުރާ ގޮތަށް! ހުންނަ ސިފައަކުން ނޭނގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޙަޔާތުގެ ބައިވެރިއަކަށް ދީންވެރިއަކު އިޚްތިޔާރުކުރާއިރު ބަލަންވީ ނިޔަތަށާ ޢަމަލުކުރާ ގޮތަށް! ހުންނަ ސިފައަކުން ނޭނގޭނެ!

މީހާ ހުންނަ ސިފައަށް ބަލައިގެން ކަންކަން ނިންމާކަށްނުވާނެއެވެ. ބޭރުފުށުން ފެންނަ ސިފައާއި އެތެރެފުށުގެ ސިފަދިމާނުވާނަމަ ބޭޜުފުށުގެ ސިފައިން ކުރާނެ ފައިދާއެއް ނެތެވެ. ޚާއްޞަކޮށް ކައިވެނިކުރުން ފަދަ ކަންކަމަށް ގޮތް ނިންމާއިރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ.  

ވީމާ ކައިވެނި ކުރަން ދީންވެރިއަކު އިޚްތިޔާރުކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ބައެއް ކަންކަން ހުރެއެވެ. މިޘާލަކަށް މީހަކު ހުންނަނީ ވަރަށް ރިވެތިކޮށް ފޭރާންލައި މުސްލިމެއްގެ ސިފަދައްކައިގެންކަމަށްވެދާނެއެވެ. ނަމަވެސް އޭނާގެ ޢަމަލުތައް އެގޮތަށް ނުހުރެދާނެއެވެ.  

އަހުރެންގެ އުޚުތަކުވެސް ކައިވެނިކުރީ ބޭރުފުށުން މިބުނި ސިފަތައް ހުންނަ މީހަކާއިއެވެ. ކައިވެންޏަށް 3،4 މަސްވުމަށްފަހު ބުނީ ތިމަންނައަށް ކައިވެނިކުރެވުނީ "ފަޖުރުނުލާ ތުނބުޅިއަކާއި" ކަމަށެވެ. ފިރިމީހާ އެއްގޮތަކަށްވެސް ފަތިސްނަމާދުނުކުރާކަމަށެވެ.  

ވީމާ ކައިވެނިކުރާއިރު ދީންވެރިކަމަށް ބެލުމުގައި އެންމެ ރަނގަޅު އެއްގޮތަކީ އޭނާގެ ނިޔަތަށް ބެލުމެވެ. އޭނާގެ ކިބައިގައި އިސްލާމް ދީނަށް ޢަމަލުކުރުމުގެ އިޚްލާޞްތެރި ނިޔަތް އޮތްނަމަ އޭނާ ދީނަށް ޢަމަލުކުރާނެއެވެ. ބަރާބަރަށް އެންމެ ފުރިހަމައަށް ނުކުރެވޭ ކަންކަން އިޞްލާޙްކޮށް އެކަމުގެ ނަތީޖާ ނެރޭނެއެވެ.  

އިސްލާމް ދީނުގައި ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމީ އިޚްލާޞްތެރި ނިޔަތެވެ. ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އިވޭނީ ބުނާ ބަހުގެ އަޑެވެ. އަހުރެން ބޮޑަށް ބާރު މިއަޅަނީ ކައިވެނިކުރެވޭއިރު އެންމެ ފުރިހަމައަށް ދީނުގެ ކަންކަމަށް ޢަމަލުނުކުރެވޭކަމުގައި ވީނަމަވެސް އެކަންކަން އިޞްލާޙްކުރުމުގެ ރަނގަޅު ނިޔަތުގައި ކައިވެނިކޮށް އެކަމަށް މަސައްކަތްކޮށް ނަތީޖާ ނެރުމަށެވެ.  

މިޒަމާނުގައި ޒުވާން ޢުމުރުގައި ދީނަށް އެންމެ ފުރިހަމައަށް ޢަމަލުކުރެވޭ ޒުވާނުން ފިރިހެނުންގެ ތެރޭގައިވެސް އަންހެނުންގެ ތެރޭގައިވެސް މަދުވާނެއެވެ. ނަމަވެސް އެއީ ބަހަނާއަކަށް ހަދައިގެން ކައިވެނިނުކުރަން ވެއްޖެނަމަ ނުވަތަ ކައިވެނިނުކޮށް ތިބެން ވެއްޖެނަމަ ގިނަ ފަހަރަށް އޮންނާނީ ކައިވެނީގެކުރިން ގިނަ ޙަޜާމްކަންތައްތަކެއް ކުރެވިފައެވެ. އެއަށްވުރެ ރަނގަޅީ ކުރިން މިބުނި ފަދައިން އިޚްލާޞްތެރި ނިޔަތަކާއިއެކު ކައިވެނިކޮށް ނިޔަތާއި އެއްގޮތަށް ޢަމަލުކޮށް ނަތީޖާ ނެރުމެވެ.  

މީގެ މާނައަކީ އިޚްލާޞްތެރި ނިޔަތް އޮތްކަމަށް ބުނެ ދޮގުހަދައި އޮޅުވައިލުމެއް ނޫނެވެ. އެއިރުން އެމީހަކަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. އަހުރެން މިދެއްކީ އިޚްލާޞްތެރިންގެ ވާހަކައެވެ. އިޚްލާޞްތެރި ނިޔަތުގެ ވާހަކައެވެ. ވީމާ މާނަ އޮޅުވާލައިގެން ނުވާނެއެވެ.  

ކައިވެނިކުރާއިރު ތިމާއަށް އިޚްތިޔާރު މިކުރެވެނީ އެންމެ ރަނގަޅު ބައިވެރިޔާކަން ދެނެގަތުމަށްޓަކައި ބަލަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

އެގޮތުން ފުރަތަމަ ކަމަކީ މުސްތަޤްބަލަށް ކުރަން ބޭނުންވާކަންކަން ދިމާވޭތޯ ބަލަންވާނެއެވެ. ވާހަކައަކީ ދިރިއުޅުން އާރާސްތުކުރަން ކުރަން ވިސްނާ ކަންކަން ދިމާވޭތޯ ބެލުމެވެ.  

ދެވަނަ ކަމަކަށް ދެމީހުންގެ މާޒީގައި އެއްގޮތް ކަންކަން ހުރިތޯވެސް ބަލަންވާނެއެވެ. އެއީ ދީނީ ގޮތުން ހުރި ވިސްނުމާއި ޢަމަލުކުރަމުން އައިސްފައިވާ ގޮތާއި ދިރިއުޅުމުގައި އުޅެމުން އައިސްފައިވާގޮތުގައި އެއްގޮތް ކަންކަން ހުރިތޯބެލުމެވެ. އެހެނީ މާޒީގައި އުޅެމުން އައިސްފައިވާ ގޮތް އެކުގައި ބަދަލުކުރެވޭނީ ވަރަށް މަދުމީހަކަށެވެ. ނަމަވެސް އެއްގޮތް ކަންތައްތަކެއް ހުރިނަމަ ދެން އޮތް ބައި އިޞްލާޙް ކުރުމަކީ އެމީހަކު ބޭނުންނަމަ ކުރެވިދާނެ ކަމެކެވެ.

 

- ޝައިޚް ޔަޙްޔާ ޢާދިލް އިބްރާހީމްގެ ދަރުސަކުން

މިއަދު އޮންލައިން