ތިބާއަކީ ފިރިހެނުން ޝައުޤުވެރިވާ ސިފަތައް ހުރި އަންހެނަކަށްވެފައި އެކަނި ހުންނަނަމަ އުނދަގޫކުރާނެ މީހުން ވަރަށް ގިނަވާނެއެވެ. ޒަމާނީ އަންހެނަކަށްވުމަށް ހިތްވަރުދޭނެ އެތައް ބައަކު ތިބޭނެއެވެ. ޒަމާނީ ފިރިހެނުންގެ ފަރާތުން ވަރަށް ގިނަ ދަޢުވަތުތައް ލިބޭނެއެވެ.
ބުއްދިވެރި އަންހެނުންނަކީ ދެކަނިވުމުގެ ވަޤުތު ޖެހެންދެން އެކަނި ތިބޭ އަންހެނުންނެވެ. ޢަބުރާއި ޢިއްޒަތް ހިމާޔަތްކުރާ އަންހެނުންނެވެ. އެއީ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގެ ބޭނުމުގައެވެ. ޢިއްފަތްތެރިކަން ޙިމާޔަތްކުރެވޭނީ ޢަބުރާއި ޢިއްޒަތް ރައްކައުތެރިކޮށް ޙިމާޔަތްކޮށްގެންނެވެ.
ޒަމާނީ އަންހެނަކަށްވެގެން އުޅެމުން ކުރާ ކައިވެނި ދާދި އަވަހަށް ރޫޅިގެންދާތަން ފެންނަނީ މަދަކުންނޫނެވެ. މީގެ މާނައަކީ ރަނގަޅު ގޮތުގައި ކުރާ ކައިވެނި ނުރޫޅޭނެ ކަމަށް ބުނުމެއް ނޫނެވެ. ތަފާތަކީ ނިޞްބަތުން ރޫޅުން މަދުވުމެވެ.
ޒަމާނީ އަންހެނެއްގެ އުޅުން އުޅެމުން ކުރާ ކައިވެނި އެހާފަސޭހައިން ރޫޅެން މެދުވެރިވާ ސަބަބާއިމެދު ވިސްނާލަނީ މަދު މީހެކެވެ. އެހެންވެ ބުނެލާނަމެވެ. އަހުރެންގެ ވިސްނުމުގައި އެކަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކުރީގެ އުޅުމަށް ބަލައި އަނބިމީހާއަކީ ހަރުދަނާ ކަމެއް ނެތް އަންހެނަކު ކަމަށް ޤަބޫލުކުރެވޭތީ އެއީ އަގެއް ނެތް އަންހެނަކު ކަމަށް ޤަބޫލުކުރެވެނީއެވެ. ބޭނުންހައި ގޮތެއް އެހާފަސޭހައިން އެހަދައިލަނީ އެހެންވެގެންނެވެ.
ގިނަ ފިރިހެނުންނަކީ އެމީހުން ޒަމާނީ އުޅުން އުޅުނަސް އެއީ ކުށެއް ކަމަށް ޤަބޫލުކުރާނެ ބައެއް ނޫނެވެ. އެމީހުން އަބަދުވެސް ކުށްވެރިކުރާނީ އަންހެނުންނެވެ. އެކަން އަންހެނުންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. ހިތާމައަކީ އެނގޭއިރުވެސް ރައްކައުތެރިނުވެވޭ ކަމެވެ.
ވަރަށް ތިލަ ބަހުރުވައިން މިބުނި މަދުބަސްކޮޅަށް ސަމާލުކަންދޭށެވެ! އިން ޝާ ﷲ އެމީހަކަށް އުފާވެރި ދިއުޅުމެއް ލިބޭނެތެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން