މުސްކުޅިވެ މަރުވަންދެން ޒުވާންކަންމަތީ ހުރެވުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫން! ފައިދާކުރާނީ މިކަންކަމަށް އެދިދިގެން ދުޢާކޮށް ޢަމަލުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުސްކުޅިވެ މަރުވަންދެން ޒުވާންކަންމަތީ ހުރެވުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫން! ފައިދާކުރާނީ މިކަންކަމަށް އެދިދިގެން ދުޢާކޮށް ޢަމަލުކުރީމަ!

އެމީހެއްގެ ބޭރުފުށުގެ ސިފަ ރީތިކޮށްދެއްވެވުން އެދިގެން ގިނަ ބައަކު ދުޢާކުރެއެވެ. އަދި އެރީތިކަމުގައި ލެހެއްޓެވުން އެދިގެންވެސް ދުޢާކުރެއެވެ. އެކަންކަމަށް އެދިގެން ދުޢާ ނުކުރާކަށް ނުބުނާނަމެވެ. ނަމަވެސް އަހުރެންގެ ކުރިމަތީގައި ކުރަން އެއަށްވުރެ މާމުހިންމު ދުޢާއެއް އެބައޮތެވެ. 

އެގޮތުން އަހުރެންނަށް ފާހަގަކުރެވެނީ ތިބާގެ ޚުލްޤް ރަނގަޅުކޮށްދެއްވެވުމާއި ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން އެދިގެން ދުޢާކުރުން މާމުހިންމު ކަމަށެވެ. 

މިހެން ބުނަން މިޖެހެނީ ޢުމުރުން ދުވަސްވާއިރުވެސް ސިފައަށް މާބޮޑު ބަދަލެއް ނައިސް ރީތިކަންމަތީގައި ތިބެވޭ ބައަކުވެސް އުޅެއެވެ. އެކަމަކު އެއީ އޭނާ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ. ސުވަރުގެ ވައްދަވާނީ އެމީހެއްގެ ޚުލްޤް ރަނގަޅުވެ ތަޤްވާވެރިކަންމަތީގައި އުޅެވިއްޖެނަމައެވެ. 

މިހެން ބުނަންޖެހޭ އިތުރު ސަބަބެއްވެސް އެބަ އޮތެވެ. އެއީ ހުރިހާ އަޅުކަމެއް ކުރަމުން ގެންދިއައިރުވެސް އަވަށްޓެރިއާއަށް ނުބައިކޮށް ކަންކަން ކުރި އަންހެނަކު ސުވަރުގެ ނުވައްދަވާނެ ކަމަށް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުންނެވެ. މިކަމުން އެނގެނީ ހަމައެކަނި ހެޔޮ ޢަމަލުތައް ކުރުމަކުން ނުފުދޭކަމާއި އެމީހެއްގެ ޚުލްޤް ރަނގަޅުވާންޖެހޭނެ ކަމެވެ. 

އެއީ އަވަސްޓެރިޔާއަށް ނުބައިބަސްތައް ބުނެ އެއްޗެތި ގޮވައި އުޅުނު އަންހެނެކެވެ. އެެހންވެ އަހުރެން ބުނާނީ ހަމަ އެކަކަށްވެސް ނުބައިބަސްތައް ބުނެ އެއްޗެތި ގޮވައި ނުހެދުމަށެވެ. އެކަމަށް ދެއްވަވާނެ ޢަޛާބް ނުއެނގޭތީއެވެ. ވީމާ އަނބިދަރިންނަށްވެސް އަދި ޢާއިލާގެ މީހުންނަށްވެސް ނުބައި ބަސްތައް ނުބުނާށެވެ! ތިމާއަކީ އެންމެ ޚުލްޤް ރަނގަޅު މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން