އަޅުގަނޑަކީވެސް ޢުމުރުން 60 އަހަރުން މަތިވެފައިވާ ކައިވެންޏަށް 45 އަހަރު ފުރިއްޖެއެވެ. 45 އަހަރުތެރޭގައި ދެމަފިރިންގެ ޚިޔާލު ތަފާތު އެތައް ކަމެއް ކުރިމަތިވިއެވެ. އެކަމަކު ދުވަހަކުވެސް ދެބަސްވެ ޒުވާބެއް ނުކުރަމެވެ. ދެމީހުންކުރެ އެކަކުވެސް ބާރަށް ވާހަކަދައްކާފައެއްވެސް ނުވާނެއެވެ. ގަދަވެ ތިބިނަމަ ލޯތްބާއި އަޅައިލުން ކުޑަކުރެވުނު ދުވަހެއް އައިސްފައެއް ނުވެއެވެ.
އެކަމަކު ދަންނަވަންތޯއެވެ؟ އަޅުގަނޑަކީ މާސިފަރީތި އަންހެނަކަށް ނުވާތީ އަޅުގަނޑަކީ މީހުންނަށް ކަމުދިއަ މީހެއް ނޫނެވެ. އަދި އަޅުގަނޑުގެ ފިރިމީހާއަކީވެސް ހަމަ އެމައްސަލަ ދިމާވި މީހެކެވެ. އަޅުގަނޑާއި ބައްދަލުވީ 2،3 ލޯބިވެރިން ގެއްލި އެކަމުގެ ހިތާމައިގައި ހުރެއެވެ. ސަބަބަކަށްވީ ސިފަ އެހައި ރީތި ނޫންކަމެވެ.
ހަމަޤައިމުވެސް ދެމަފިރިންގެ ދިރިއުޅުން ވަރަށް ރީއްޗެވެ. މިހާރުވެސް މިއުޅެނީ ވަރަށް ލޯބިންނެވެ. ލިބުނު 5 ދަރިން އެތިބީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ރަނގަލު ވަޒީފާތަކުގައެވެ. ކައިވެނިވެސް ކޮށްގެންނެވެ. އެކުދިންގެ ދިރިއުޅުންވެސް ވަރަށް ރީއްޗެވެ. މާޝާ ﷲ
ސިފަ އެހައި ރީތި ނޫންވީމާ އަޅުގަނޑަށް ޒުވާން ޢުމުރުގައި ކުރިމަތިވި ކަންކަމުގެ ހަނދާންތައް މިހާރުވެސް ކުރެވެއެވެ. އަޅުގަނޑުގެ ސުވާލަކީ ކައިވެނިކުރާއިރު ސިފަރީތިވުމަކީ ހަމަ އެންމެ މުހިންމު ޝަރުޠުކަމަށް އެހަދަނީ ކީއްވެގެންތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެގޮތަށް އެވިސްނަނީ ރަނގަޅު ދިރިއުޅުމަކަށް ނުވިސްނާތީ ކަމަށެވެ. އަދި ދީނުގައި އޮތް ގޮތަށްވެސް ނުވިސްނާތީ ކަމަށެވެ. ތިރީގައިވާ ލިޔުމުން ވަރަށް ގިނަ ކަންކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކައިވެނިކުރަން ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާ ރުހޭ ސިފަތައް ހުންނަ މީހަކާއިއެވެ. މައްސަލައަކަށްވަނީ ހުރިހާ ސިފަތަކެއްގެ ކުރިއަށް ރީތިކަމާއި ތަނަވަސްކަން ނެރެވޭތީއެވެ. ކޮންމެ ޒަމާނެއްގައި ވެސް ކައިވެނީގެ މައްސަލަތައް އެހައި ހޫނު ކަމަކަށްވެފައި އޮންނަނީ އެއީ އެންމެން އެކަމެއްކުރަން ޝައުޤުވެރިކަން ހުންނަކަމަކަށްވާތީއެވެ. އަދި ކައިވެނިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ވެސް ކަމަކަށްވާތީއެވެ.
ކައިވެނިކުރާއިރު ބަލަންޖެހޭނެ ކަންކަން ޙަދީޘްފުޅުގައި ފެންނަން އެބަހުއްޓެވެ. ހިތާމައަކީ އެކަންކަމަށް ނުބެލޭތަނުގައި ޢިލްމުވެރިން ދެއްވާ ނަޞޭޙަތްވެސް ޤަބޫލުނުކުރެވޭކަމެވެ.
އިމާމް މާޒިން ވިދާޅުވެފައިވެއެވެ.
ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކައިވެނިކުރުމަކީ އަޅުވެތިވާ ކަމެކެވެ. ރީތިކަން ބޭނުންވެގެން ކައިވެނި ކުރުމަކީ މީހާ ބަނގުރޫޓުވާ ކަމެކެވެ. އެހެންކަމުން ކައިވެނިކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ވާނެއެވެ.
އަންހެނެއްގެ ތަނަވަސްކަމަށް ދަހިވެތިވެގެން ކައިވެނި ކުރި ޒުވާނަކަށް މެދުވެރިގޮތް ފުރަތަމަ ކިޔައިދޭނަމަވެ. އަވަށުގެ އެންމެ މުއްސަނދި އަންހެނަކީ ހުވަފަތް ވެފައި އިން އަންހެނެކެވެ. އުމުރަކީ 53 އަހަރެވެ. އަންހެން މީހާއަކީ އަބަދުވެސް އަތާއި ކަރުގައި ވަރަށް ގިނައިން ރަން އަޅައިގެން އުޅޭ އަންހެނެކެވެ. އުމުރުން 23 ވަރަކަށް އަހަރުގެ ޒުވާނަކަށް މިމަންޒަރު ފެނުމުން ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ މުއްސަނދިކަމުގެ ތެރެއަށް ވަދެ ފައިދާ ހޯދުމަށެވެ.
ޒުވާނާ ގޮސް އަންހެން މީހާ އާއި ބައްދަލުކޮށް އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެއްކުމުން އަންހެން މީހާ ފުރަތަމަ ސުވާލުކުރީ ޒުވާނާގެ މާމައާއި އެއް އުމުރެއްގެ އަންހެނަކު ދެކެ ލޯބިވަނީ ކީއްވެގެންތޯއެވެ؟ ޒުވާނާ މޮޅު ގޮތްގޮތަށް ވާހަކަ ދެއްކުމުން އަންހެން މީހާ، އޭނާގެ ގައިގައި ހުރި ރަންތައް ދައްކާފައި ބުނީ ކައިވެނީގެ ރަނަކަށް އެހައި ރަން ގެނެސްފިނަމަ ކައިވެނިކޮށްފާނެ ކަމަށެވެ.
ޒުވާނާ އެކި މީހުންނަށް އާދޭސްކޮށްގެން ލޯނުގެ ގޮތުގައި ރަންތައް ހޯދިއެވެ. އޭނާ އުންމީދުކޮށްގެން ހުރީ ކައިވެންޏަށްފަހު އަނބިމީހާގެ މުއްސަނދިކަމުގެ ތެރެއިން ފައިދާ ހޯދައި ލޯނު ދެއްކޭނެ ކަމަށެވެ. އަދި ވަރަށް އަރާމާއި އުފަލުގައި ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް ކަންތައް މެދުވެރިވީ އެހެނެއް ނޫނެވެ. އަންހެން މީހާ ޒުވާނާ ބޭނުންކުރީ އަޅެއްގެ ގޮތުގައެވެ. ޖެއްސީ އޭނާގެ ދަނޑުތަކުގައި މަސައްކަތްކުރާށެވެ.
ޒުވާނާއަށް ޖެހުނީ ކޮންމެ ދުވަހަކު ދަނޑުތަކަށް ގޮސް އަޅެއް ފަދައިން ގަދަ އަވީގައި މަސައްކަތްކުރާށެވެ. ވަރިވެވޭކަށްވެސް ނެތެވެ. ވަރިވެއްޖެނަމަ ލޯނު ދިން މީހުން އޭނާ އަތުލައިގަންނާނެތީ ވަރިވެވޭނެ ގޮތެއްވެސް ނެތީއެވެ. ހަތަރެސްފައިގައި އަމިއްލައަށް ކަސްތޮޅު އެޅުނީއެވެ.
އަންހެން މީހާގެ އުމުރުން 80 އަހަރުވީއރު ފިރިހެން މީހާގެ އުމުރަކީ 50 ވަރަކަށް އަހަރެވެ. ނަތީޖާއަކީ ކުރަން ޖެހުނު ބުރަ މަސައްކަތުގެ ސަބަބުން އަންހެން މީހާއަށްވުރެ ފިރިހެން މީހާ މާމުސްކުޅިކަމަށް ދެއްކުމެވެ. އެއިރުވެސް ލޯނު ނެގި މީހުން ގާތުގައި ބުނަމުން ދިއައީ އަނބިމީހާ މަރުވުމުން އިންޓަރެސްޓާއިއެކު ލޯނު ދައްކާނެ ކަމަށެވެ. ކަން ދިމާވި ގޮތުން ކުރިން މަރުވީވެސް ފިރިމީހާއެވެ. ކައްވަޅަށް ދާން ޖެހުނީ ލޯނުތަކާއިއެކުއެވެ.
ރީތި އަންހެނަކު ހޯދައިގެން ކައިވެނި ކުރަން ބޭނުންވި އަހަރެންގެ ރައްޓެއްސަކަށް މެދުވެރިވި ގޮތް ވެސް ކިޔައިދޭނަމެވެ. ކައިވެނިކުރީ ބަލައިލަން ވަރަށް ރީތި އަންހެނަކާއިއެވެ. އެކަމުގެ ހިތް ހަމަޖެހުން އޭނާ ހޯދިއެވެ. ނަމަވެސް އަންހެން މީހާ ކޮންމެ ދުވަހަކު ކުރަމުން ގެންދިއަ ބޮޑެތި ޚަރަދުތަކާއި ހުރެ އަމިއްލަ ކުންފުނި ބަނގުރޫޓު ވުމުގެ ބިރު އުފެދުމުން އޭނާއަށް އެންމެފަހުން ޖެހުނީ ކުންފުނީގައި ހުރި އެންމެ އިޚްލާޞްތެރި މުވައްޒިފަށް ކުންފުނި ވިއްކައިލި ކަމަށް ހަދައި ކުންފުނި ހަދިޔާކުރާށެވެ. އެއީ އަނބިމީހާ ވަރިކޮށްފިނަމަ ބަދަލު ދޭންޖެހޭއިރު ކުންފުނި އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބޮޑު ބިރަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކިތަންމެ ކަމެއް ދުނިޔޭގައި ދަނީ ހިނގަމުންނެވެ. ވީމާ ކައިވެނި ކުރުމުގައި މުއްސަނދިކަމުގެ ދަހިވެތިކަމާއި ބަލައިލަން ރީތިކަން އެންމެ ކުރިއަށް ނުނެރޭށެވެ. ހައްޤު ގޮތުގައި މަސައްކަތް ކުރުމުން ކޮންމެ މީހަކަށްވެސް މުއްސަނދިކަން ދެއްވަވާނެއެވެ. އަނބި ރީތިވާނީ ސިފައަކުން ނޫނެވެ. އަޚްލާޤާއި ވަފާތެރިކަމުންނެވެ. ތަޤްވާވެރިކަމުންނެވެ. މި ދަރުސްގައި މިދެއްކީ ދެ ފިރިހެނަކަށް ޙަޔާތުގައި ދިމާވި ކަންކަމުގެ ވާހަކަތަކެވެ. ނަމަވެސް މިގޮތަށް ކަންކަން މެދުވެރިވަނީ ހަމައެކަނި ފިރިހެނުންނަކަށް ވެސް ނޫނެވެ. އަންހެނުންނަށް ވެސް ކަންކަން މެދުވެރިވާނީ ހަމަ މިފަދައިންނެވެ. ވީމާ ވިސްނައި ފިކުރުކޮށް ޢިބްރަތް ޙާޞިލުކުރާށެވެ!
- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން