ޣީބަ ބުނުން: ދުނިޔޭގަ އެމީހާ ފަޟީޙަތްކުރައްވަވާ ކައްވަޅުގައާ ނަރަކައިގަ ޢަޛާބުދެއްވަވާ ކަމެއް! ޣީބަބުނުމުގެ ޖަޒާ އާ ކައްފާރާއާ ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ޣީބަ ބުނުން: ދުނިޔޭގަ އެމީހާ ފަޟީޙަތްކުރައްވަވާ ކައްވަޅުގައާ ނަރަކައިގަ ޢަޛާބުދެއްވަވާ ކަމެއް! ޣީބަބުނުމުގެ ޖަޒާ އާ ކައްފާރާއާ ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް-

ޣީބަބުނުމުގެ ޖަޒާ: 

1.  ދުނިޔެމަތީގައި އޭނާ ފަޟީޙަތްކުރެއްވުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެއްދުވަހެއްގައި މިންބަރަށް އަރައިވަޑައިގެން އަޑުހަރުކޮށް ގޮވާލެއްވިއެވެ. "އެބައިމީހުންގެ ދޫތަކުން އީމާންވެ، ހިތްތަކަށް އީމާންކަން ނުވަންނަ މީހުންނޭވެ. ތިޔަބައިމީހުން މުސްލިމުންނަށް ގޯނާ ނުކުރާށެވެ. އަދި އެބައިމީހުންނަށް މަލާމާތް ނުކުރާށެވެ. އަދި އެބައިމީހުންގެ ޢައުރަތައް (ޢައިބުތައް) ހޯދަން ނޫޅޭށެވެ. މުސްލިމުންގެ ޢައިބު ހޯދަން އުޅޭ މީހެއްގެ ޢައިބު މާތް ﷲ ފާޅުކުރައްވާނެތެވެ. އެމީހަކު ގޭ ތެރޭގައި ފިލާއޮތްނަމަވެސް މާތް ﷲ އޭނާގެ ޢައިބު ފާޅުކުރައްވައި ފަޟީހަތް ކުރައްވަފާނެއެވެ. 

2.  ކައްވަޅުގައި ޢަޛާބު ލިބުން. އަބީބަކްރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ދެގަބުރެއްގެ ކައިރިން ހުރަސްކުރައްވާ ޙަދީޘް ކުރެއްވިއެވެ. "މިދެގަބުރަށް އެބަ ޢަޛާބު ލިބެއެވެ. އެހެންނަމަވެސް މާކަށް ބޮޑު ކަމަކު އެއް ނޫނެވެ. އޭގެތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ސާފުނުވާމީހެކެވެ. އަނެކަކީ ޣީބަބުނުމުގެ ސަބަބުން ޢަޛާބު ލިބެމުންދާ މީހެކެވެ".

އަލްޚައްޠާބީ ވިދާޅުވިއެވެ. "މިޙަދީޘް ގައި އެމީހުންނަށް ޢަޛާބުލިބެނީ މާބޮޑު ކަމަކު އެއް ނޫނޭ ޙަދީޘް ކުރެއްވުމުގެ މާނައަކީ އެމީހުންނަށް އެކަމެއްެގެ ސަބަބުން ޢަޛާބުލިބެމުން އެދާ ކަމަކީ ދުރުހެލިވާން ބޭނުންވެއްޖެނަމަ، ދުރުހެލިވާކަށް އެހާ އުނދަގޫ ކަމެއް ނޫނެވެ". 

3.  ނަރަކައިގައި ޢަޛާބު ލިބުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެްވިއެވެ. ތިމަންކަލޭގެފާނައިގެން މިޢުރާޖަށް އަރައިގަޑައިގެންނެވުނު ރޭގައި މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން ގެ ނިޔަފަތިތަކުން މޫނުގައި ވަކިއަޅާތަން ދެކިލިެެއްވީމެވެ. އެެއިީ ކޮންބަޔެއްތޯ ސުވާލުދެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އެބަިމީހުންނަކީ ޣީބަބުނުމުން މީސްތަކުންގެ އަބުރަށް އަރައިގަންނަމުން ދިޔަ މީހުންނެވެ.      

ޣީބައިގެ ކައްފާރާ: 

އެހެންވެސް ބޮޑެތިފާފަތަކެކޭވެސް އެއްފަދައިން ޣީބަބުނުން ފަދަ ކަމަކަށް އަރައިގަނެވިފައިވާ މީހާ އެކަމުން ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވާން ޖެހޭނެއެވެ. ތައުބާވެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަ ކިޮށްގެންނެވެ. 

1.  ތިމާއަށް ކުރެވުނު ކަންތަކާއި މެދު ހިތާމަކުރުން. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްއެއްގެ މާނާގައިވެއެވެ. "ކުރުވުނު ކުށަށް ހިތާމަ ކުރުމަކީ ތައުބާވުމެކެވެ". 

2.  ކުރެވުނު ކުށުން ދުރުހެލިވެ އެއްކިބައިވުން. ސަބަބަކީ ކުށަށް އަރައިގަތުން މަތީ ދެމިހުރިހާ ހިނދަކު ތައުބާނުވެވޭނެކަން.

2  އެފަދަ ކުށަކަށް ދެންދުވަހަކުވެސް އަރައިނުގަތުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑަ އެޅުން. 

4.  މީހެއްގެ ޙައްގަކަށް އަރައިގަނެވިފައިވަނީ ނަމަ އެމީހެއްގެ ކިބައިން މާފަށް އެދުން. ރަސޫލާ ޞައްލަﷲ އަލަިއހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އެހެންމީހެއްގެ ޙައްގަކަށް ނުވަތަ އަބުރަށް އަރައިގަނެވި އަނިޔާވެރިވެވިފައިވަނީ ނަމަ ދީނާރެއް ދިރްހަމެއް ނުވާ ދުވަހު އެމީހެއްގެ ހެޔޮކަމުން ނެގި އަނެއްމީހާ އަށް ލިބުނު އަނިޔާވެރިކަމާއި ގުޅޭވަރަށް އޭނާގެ ހެޔޮކަމުން ދެވޭ ދުވަސް އައުމުގެ ކުރިން އެކަމެއް އަވަހަށް ނިންމާށެވެ. އެމީހެއްގެ ހެޔޮކަމެއްވާނަމަ އަނިޔާލިބުނު މީހާއަށް އަނިޔާ އަށްވާވަރަށް ލިބިދެވޭނެއެވެ. ހެޔޮކަމެއް ނުވާނަމަ އަނިޔާލިބުނުމީހާގެ ނުބައިމަކުން އަނިޔާއަށްވާ  ވަރަށް ކެނޑި އެބައި ބޮލު އަޅަން ޖެހިދާނެއެވެ".

ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ. "ޣީބަބުނުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ޒިނޭކުރުމާއި ބަނގުރާބުއިމަށްވުރެވެސް ނުބައިކަން ބޮޑުކަމެކެވެ. އެހެނީ އެފަދަ ކަމަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން މާތް ﷲ އެމީހެއްގެ ތައުބާ ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް، ޣީބަބުނާ މީހާ އޭނާގެ އަޚާ މާފް ކުރުމަށް ދާންދެން މާތް ﷲ އެމީހަކަށް މާފު ނުކުރައްވާނެ އެވެ".

ޙުޛައިފާވިދާޅުވިއެވެ. "ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ އެކަމުގެ ކައްފާރާއެވެ".

މުޖާހިދް ވިދާޅުވިއެވެ. "ތިބާގެ އަޚާގެ މަސްކެއުމުގެ ކައްފާރާއަކީ  އޭނާ އަށް ޘަނާކިޔާ އަދި ހެޔޮ ދުޢާ ކޮށްދިނުމެވެ".

އިބްނުލް މުބާރަކް ވިދާޅުވިއެވެ. "ޣީބަބުނުމުން ތައުބާވުމަށް ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާކޮށްދޭށެވެ".

ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް: 

1.  ގާޟީ އެއްގެ ކައިރީގައި އަނިޔާވެރި މީހެއްގެ އަނިޔާވެރިކަމުގެ ހެކިބަސް ދިނުން. ނުވަތަ އަނިޔާ ލިބުނުމީހާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ އެހެންމީހުން ގެ ޢިބްރަތަށް ޓަކައި ދެއްކުން. 

2.  މުންކަރާތެއް މަނާ ކުރުމުގެ ގޮތުން މީހެއްގެ ވާހަކަ ދެއްކުން. މީހެއްގެ ކިބައިން ނުބައިކަމެއްފެނި، އެހެންމީހެއްގެ އެހީތެރިކަންނެތި އެކަން މަނާ ނުކުރެވޭނެ ކަމަށް ވަނީ ނަމަ އެވާހަކަދެއްކުން.

3.  މީހެއްގެ ނުބައިކަމުން މީހުން ރައްކާތެރި ކުރުމަށްޓަކައި އެވާހަކަ ދެއްކުން. 

4.  ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުން.  

5.  މީހެއްގެ އައިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިޘާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން.

والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން