ފަގީރު ޙާލުގަ އުޅެންޖެހޭތީ އެހީތެރިކަމަށް ބޭނުންވާނަމަ، އެމީހެއްގެ މައިންބަފައިންނަށާއި ބޮޑެތި ވިޔަސް ދަރިންނަށް ޚަރަދު ކުރުމަކީ ތަނަވަސްކަންހުރި ކޮންމެ ފިރިހެނެއްގެ މައްޗަށް އޮތް ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 33ސ
ފަގީރު ޙާލުގަ އުޅެންޖެހޭތީ އެހީތެރިކަމަށް ބޭނުންވާނަމަ، އެމީހެއްގެ މައިންބަފައިންނަށާއި ބޮޑެތި ވިޔަސް ދަރިންނަށް ޚަރަދު ކުރުމަކީ ތަނަވަސްކަންހުރި ކޮންމެ ފިރިހެނެއްގެ މައްޗަށް އޮތް ވާޖިބެއް!

ބައްޕަގެ ކިބައިގަ ތަނަވަސްކަން ހުރިނަމަ ނިކަމެތި ޙާލުގައި އުޅޭ ދަރިންނަށް އެކުދިން ބޮޑެތިވެފައި ތިބިނަމަވެސް އެހީތެރިވެދޭން ޖެހޭނެތޯ؟ 

ކިޔުންތެރިވާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

ފަގީރުވެފައި އެހީތެރިކަމަށް ބޭނުންވާނަމަ، އެމީހެއްގެ މައިންބަފައިންނަށާއި ދަރިންނަށް ޚަރަދު ކުރުމަކީ ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. 

އަލްޚަރްގީ -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

"އޭނާގެ މައިންބަފައިންނަށް ޚަރަދު ކުރުމަށް ފިރިހެނުންގެ މައްޗަށް މަޖްބޫރު ކުރެވޭނެއެވެ. ހަމައެފަދައިން އޭނާގެ ފިރިހެންދަރިންނާއި އަންހެން ދަރިން އެހީ އަށް ބޭނުންވެއްޖެ ހިނދެއްގައެވެ." 

އިބްނު ގުދާމާ -ރަޙިމަހުﷲ- ވިދާޅުވިއެވެ.

މައިންބަފައިންނަށާއި ދަރިންނަށް ޚަރަދު ކުރަން ޖެހޭނެ ކަމަށް ގުރްއާނާއި ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖްމާޢިން ޘާބިތުވެއެވެ. 

ސޫރަތުއް ޠަލާގްގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنْ أَرْ‌ضَعْنَ لَكُمْ فَآتُوهُنَّ أُجُورَ‌هُنَّ) މާނައަކީ: " ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުންކިރުދީފިނަމަ، ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަދޭށެވެ!" މި އާޔަތުގައި މިވަނީ ދަރިފުޅުގެ ކިރުގެ އުޖޫރަ ދިނުން ބައްޕަގެ މައްޗަށް ވާޖިބު ކުރައްވާފައެވެ. 

ސޫރަތުލް ބަގަރާގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَلَى الْمَوْلُودِ لَهُ رِ‌زْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُ‌وفِ ) މާނައަކީ: "އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި،އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ." 

ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَقَضَىٰ رَ‌بُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ) މާނައަކީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި،މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެކަނޑައަޅުއްވައި އެންގެވިއެވެ." މައިންބފައިންނަށް އެހީތެރިކަމަށް ބޭނުން ޖެހޭ ހިނދުގައި އެހީތެރި ވުމަކީ އިޙްސާންތެރި ވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންދު އަށް ޙަދީޘް ކުރެއްވިއެވެ. (خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ)متفق عليه.މާނައަކީ: "ކަމަނާ އަށާއި ކަމަނާގެ ދަރިފުޅުގެ ޚަރަދަށް ބޭނުންވާ ވަރަށް ނަގާށެވެ." 

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَنَّ أَطْيبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ ، وَوَلَدُهُ مِنْ كَسْبِهِ)ރަވާހު އަބޫދާވޫދް.މާނައަކީ: "ހަމަކަށަވަރުން މީހާގެ އަމިއްލަ މަސައްކަތުން ހޯދި އެއްޗަކަށް ވުރެ ޙަލާލު ރަގަޅު އެއްޗެއް އޭނާ ނުކައެވެ. އޭނާގެ ދަރިފުޅަކީ އޭނާގެ ހޭދަ ކުރުމުގެ ތެރޭގައިވާ މީހެކެވެ." 

އިބްނުލް މުންޛިރު -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މުދަލެއް ނުވާ، އަދި ފައިސާ ހޯދޭނެ ގޮތެއްވެސް ނުވާ މައިންބަފައިންނަށް ޚަރަދު ކުރުމަކީ ދަރިފުޅުގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ޢިލްމުވެރިން އިޖްމާޢު ވެލައްވައެވެ. ހަމައެފަދައިން އެބަޔެއްގެ އަތުގައި މުދަލެއް ނުވާ ދަރިންނަށް ޚަރަދު ކުރުމަކީ ބައްޕައިންގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި އަހަރުމެން ދަންނަ ހުރިހާ ޢިލްމުވެރިންވެސް އިޖްމާޢުވެލައްވައެވެ." (އަލްމުޣްނީ 8/169-170). 

ބައްޕަގެ މައްޗަށް ވާޖިބުވެގެންވާ ޚަރަދު ކުރުމުގައި ޝަރްޠު ތަކެއް ކަނޑައެޅިފައިވެއެވެ.  އޭގެ ތެރޭގައި:

ދަރިފުޅަކީ ކުޑަކުއްޖަކަށް ވާތީވެ ނުވަތަ ބަލިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ މީހަކަށްވާނަމައެވެ. އަދި އޭނާ އަށް ޚަރަދު ކުރުމުގެ ކުޅަދާނަކަން ބައްޕަގެ ކިބައިގާ ހުރިނަމައެވެ. 

އިބްނު ގުދާމާ -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

ދަރިންނަށް ޚަރަދު ކުރުމުގައި ތިން ޝަރްޠެއް ހަމަވާން ޖެހެއެވެ. 

ފުރަތަމަ: އެހެންމީހުންގެ އެހީތެރިކަމުން ސަލާމަތްވެގެން އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެ ފަދަ ކުޅަދާނަކަމެއް ނެތް ފަގީރު ބަޔަކު ކަމުގައިވުން. ނަމަވެސް، އެކުދިންނަކީ ފައިސާހުރި ބަޔަކު ކަމުގައިވާނަމަ، ނުވަތަ މަސައްކަތް ކޮށްގެން ފައިސާ ހޯދޭ ފަދަ ބަޔަކު ކަމުގައިވާނަމަ، އެކުދިންގެ މައްޗަށް ޚަރަދު ކުރުން ބައްޕަގެ މައްޗަށް ވާޖިބު ވެގެން ނުވެއެވެ. ސަބަބަކީ ޚަރަދު ދެނީ އެހީތެރި ކަމެއްގެ ގޮތުންނެވެ. ނަމަވެސް ފައިސާހުރި ބަޔަކަށް އެހީތެރިކަމެއް ބޭނުމެއް ނުވާނެއެވެ. 

ދެވަނަ: ތިމާގެ އަމިއްލަ ނަފްސަށް ބޭނުންވާނެ ޚަރަދު ކޮށްފައި ބާކީ ހުރުން. ނަމަވެސް އޭނާގެ ބޭނުންތައް ފުއްދާފައި އެއްޗެއް ބާކީ ނެތްނަމަ ޚަރަދު ކުރުން ލާޒިމެއް ނޫނެވެ. ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (إِذَا كَانَ أَحَدُكُمْ فَقِيرًا فَلْيَبْدَأْ بِنَفْسِهِ ، فَإِنْ كَانَ لَهُ فَضْلٌ فَلْيَبْدَأْ مَعَ نَفْسِهِ بِمَنْ يَعُولُ ، ثُمَّ إِنْ وَجَدَ بَعْدَ ذَلِكَ فَضْلا فَلْيَتَصَدَّقْ عَلَى غَيْرِهِمْ)ރަވާހު އަބޫދާވޫދް. މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކު ފަގީރުނަމަ އެމީހެއްގެ ނަފްސުން ފަށާށެވެ. އިތުރުވާ އެއްޗެއް ހުރިނަމަ ތިމާ ޚަރަދު ކުރަން ޖެހިފައިވާ މީހުންނަށް ދޭށެވެ. އެއަށްފަހުވެސް ބާކީ ހުރިނަމަ އެނޫން މީހުންނަށް ޞަދަގާތް ކުރާށެވެ." 

ތިންވަނަ: ޚަރަދު ކުރާ މީހާ އަކީ ވާރުތަވެރިޔަކަށް ވުން. ސޫރަތުލް ބަގަރާގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَلَى الْوَارِ‌ثِ مِثْلُ ذَٰلِكَ) މާނައަކީ: " އަދި، (ކުއްޖާގެ ބަފާގެ މައްޗަށް لازمވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން لازمވެގެންވެތެވެ." މީގެ ސަބަބަކީ ވާރުތަވެރިންގެ މެދުގައި އޮންނަ ގާތްކަމުގެ ސަބަބުން އެހެން މީހުންނަށްވުރެ ވާރުތަވެރިޔާ އަށް މުދާ ޙައްގުކަން ބޮޑެވެ. (އަލްމުޣްނީ 8/169-170). 

އެހެންކަމުން، ދަރިފުޅަށް ފުދުންތެރިކަން ލިބެންދެން އޭނާ އަށް ޚަރަދު ކުރުމަކީ ބައްޕަގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިފުޅު މީހަކާ ދެވަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރުމަކީ ވެސް ޚަރަދު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ދަރިފުޅަށް ޚަރަދު ބޭނުންވާނަމަ އެކަން ކޮށްދިނުމަކީ ބައްޕަގެ މައްޗަށް ވާޖިބު ކަމެކެވެ. މިފަދައިން ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިންވެސް ވިދާޅުވެއެވެ." (އަލްމުޣްނީ 8/172). 

އައްޝައިޚް ޞާލިޙުލް ފައުޒާން –ޙަފިޡަހުﷲ- ވިދާޅުވެފައިވެއެވެ. "ބައްޕަގެ މައްޗަށްވާ ދަރިފުޅުގެ ޙައްގު ކެނޑިގެންދާނީ އޭނާ ފުދުންތެރިވީ ދުވަހަކުންނެވެ. އެއީ އޭނާ ބޮޑުވެ، އަމިއްލަ އަށް ފައިސާ ހޯދި، އަމިއްލަ އަށް ހޯދާ ފައިސާ އިން އުޅެވޭވަރު ވުމެވެ. މި ހިސާބުން ބައްޕަގެ މައްޗަށްވާ ދަރިފުޅަށް ޚަރަދު ކުރުމުގެ ޙައްގު ކެނޑިގެން ދެއެވެ. ނަމަވެސް ދަރިފުޅު ކުޑަނަމަ، ނުވަތަ އަމިއްލަ އަށް ހޯދާ ފައިސާ އިން ނުފުދޭނަމަ، އަދި އިތުރަށް ފައިސާ ހޯދޭނެ ގޮތެއްނެތްނަމަ، ދަރިފުޅު ފުދުންތެރިވަންދެން ޚަރަދު ކޮށް ދިނުމަކީ ބައްޕަގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ." (އަލްމުންތަގާ މިން ފަތާވާ އައްޝައިޚް އަލްފައުޒާން 3/240). 

ޚުލާޞާ: ދަރިފުޅަށް ޚަރަދު ކުރުމަކީ ބައްޕަގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެކަން ބައްޕަގެ ކިބައިން ކެނޑިގެންދާނީ ދަރިފުޅު ބޮޑުވެ އަމިއްލަ އަށް ފައިސާ ހޯދި އެހޯދާ ފައިސާ އިން ފުދުންތެރިވެގެން އުޅެވުނު ދުވަހަކުންނެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން