އަނެކާއަށް ދެރައެއް ލިބުމުން އުފާކުރާ މީހުން އުޅެއެވެ. އެކުވެރިންނާއި ޣާތްމީހުންނާއި ޢާއިލާގެ ތެރޭގައިވެސް އެފަދަ މީހުން އުޅެއެވެ. އެހެންކަމުން މިކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަން އެބަޖެހެއެވެ.
ޙައްޖުގެ މަތިވެރިއަޅުކަމަށް ބަލާށެވެ! ދުނިޔޭގައި ހުރި ހުރިހާ ޤައުމުތަކެއްގެ މީހުން އެތަނުގައި ތިބެއެވެ. ހުރިހާ ނަސްލުތަކެއްގެ މީހުންވެސް ތިބެއެވެ. ހުރިހާ މަޛްހަބްތަކެއްގެ މީހުންނާއި އެއްވެސް މަޛްހަބެއް ޤަބޫނުކުރާ މީހުންވެސް އެތަނުގައި ތިބެއެވެ.
އެކަމަކު މިއެންމެންވެސް ކިޔަނީ ކިޔަނީ ކީކޭހެއްޔެވެ؟
لَبَّيْكَ اَللَّهُمَّ لَبَّيْكَ – لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ –
إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ – لَا شَرِيكَ لَكَ –
At Your service, Allah, at Your service. At Your service, You have no partner, at Your service. Truly all praise, favour and sovereignty is Yours. You have no partner.
އެންމެންވެސް ކިޔަނީ މިހެން ނޫން ހެއްޔެވެ؟ ހާމަކުރަނީ ﷲ ތަޢާލާއީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެންމެމަތިވެރި އިލާހް ކަމަށް ނޫންހެއްޔެވެ؟ ﷲ ތަޢާލާއީ އެއްވެސް ބައިވެރިއަކުނުވާ އެއްކައުވަންތަ ރަސްކަލާނގެ ކަމަށް ނޫން ހެއްޔެވެ؟ އަދި އަހުރެމެން މިތިބީ އެކަލާނގެއަށް ބޯލަނަބައި ކިޔަމަންވެގެންކަމަށް ނޫން ހެއްޔެވެ؟ މިހުރިހައި އެއްޗެއް މިކިޔަނީ ކީއްކުރަން ހެއްޔެވެ؟ އެކަލާނގެ ޙަޟްރަތުން ދިންނެވުމާއި ފާފަފުއްސެވުން އެދިގެން ނޫން ހެއްޔެވެ؟
މިހުރިހާ އެއްޗެއް ކިޔާބައަކު ވިސްނަން އޮތީ ހަމައެކަނި ޙައްޖާއިމެދަކު ނޫނެވެ. މިކަންކަމަށް އަބަދުވެސް ވިސްނަންވާނެއެވެ. ވީމާ ތިމާގެ އަޚާއަކީ ކޮންމެ މީހަކު ކަމަށްވީނަމަވެސް އޭނާއަށް ހެޔޮއެދޭށެވެ. އޭނާއަށް ކުށެއް ކުރެވިއްޖެނަމަ އަވަހަށް މާފުކުރާށެވެ! ދެރައެއް ލިބިއްޖެނަމަ ހެޔޮދުޢާކުރާށެވެ! ދަތިޙާލެއް ކުރިމަތިވެއްޖެނަމަ އެހީތެރިވެދޭށެވެ!
ދަންނާށެވެ! އެއްވެސް މީހަކަށް ދެރައެއް ލިބުމުން އެކަމަށް އުފާކުރާ މީހާ އެވަނީ ރަސޫލް ޞައލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތުން ބޭރުވެފައެވެ. އެހެނީ އަހުރެމެންނަށް ކޮންމެ މީހަކާއިމެދުގައިވެސް ޢަމަލުކުރަން އަންގަވާފައިވަނީ މިބަޔާންކުރިމަގުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން