އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިހާރު ޙާފިޡަކަށް ލިބެނީ މަހަކު 2000 ރުފިޔާ ކަމަށެވެ. ވީމާ އެ ޢަދަދު ޖުލައި މަހުން ފެށިގެން ދެގުނައަށް ބޮޑު ކޮށްދެއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުން ޖުލައި މަހުން ފެށިގެން މަހަކު 4000 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
މިކަމާއި ގުޅިގެން މިއަދުނޫހަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޙާފިޡުންގެ ޢިނާޔަތް ލިބުމުގައި ބޮޑު މީހެއް ކުޑަކުއްޖެއް އަދި ދަރިވަރެއް ތަފާތެއް ނުވާނެކަމަށާއި ކޮންމެ ޙާފިޡަކަށްވެސް ޢިނާޔަތް ލިބިގެންދާނެ ކަމަށެވެ.
އެއްވެސް ޝައްކެއް ނެތެވެ. ޙާފިޡަކަށްވާން ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން ހުރި ނިޢުމަތްތަކަށް އެދިގެންނެވެ. ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ދުނިޔޭގައިވެސް ޙާފިޡުންނަށް މަލާއިކަތުންގެ ރައްކައުތެރިކަން ލިބެމުންދާނެ ކަމަށެވެ. އެމީހުންނަށް ރައްކައުތެރިކަން ދެއްވަވާނެ ކަމަށެވެ. އެއީ އެމީހުންގެ ހިތުގައި ކީރިތި ޤުރްއާން ަރއްކައުތެރިކޮށް ޙިމާޔަތްކޮށްފައިވާތީއެވެ.
އާޚިރަތް ދުވަހު ޙާފިޡުންގެ ބޮލުގައި ޚާއްޞަ ތާޖުކޮޅެއް ބަހައްޓަވައި ދެއްވަވާނެތެވެ. ޙާފިޡުންނާއި ޙާފިޡުންގެ މައިންބަފައިންގެ ގައިގައިވެސް ޚާއްޞަ ފޭރާންކޮޅެއް ލައްވަވައި ދެއްވަވާނެތެވެ.
މީގެ އިތުރުން ޤުރްއާން ކިޔަވަމުން ސުވަރުގޭގެ އެންމެ މަތީދަރަޖަތަކަށް އަރައިގެން ދިއުމުގެ ފުރުޞަތު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ޙާފިޡުންނަށް ދެއްވަވާނެތެވެ. މި މަތިވެރި ނިޢުމަތްތައް ދެއްވަވާނީ ﷲ ތަޢާލާއަށްޓަކައި ކީރިތި ޤުރްއާން ހިތުދަސްކުރުމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަރިވަރުންނަށް މިދެއްވެވީ ވަރަށް ބޮޑު އިތުރު ހިތްވަރެކެވެ. އެއީ ﷲ ތަޢާލާއަށްޓަކައި، ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ޙާފިޡަކަށްވުމުން ދުނިޔޭގައިވެސް އެދަރިވަރިވަރަކަށް ބޮޑު ފައިދާއެއް ކުރާނެ މަގު ފަހިކޮސްދެއްވެވުމެވެ.
ނިކަން މިމަގުން ވިސްނަވައިލައްވަ ބައްލަވާށެވެ! ދަރިވަރު ސްކޫލްގައި ކިޔަވަމުން ޙާފިޡަކަށްވީއެވެ. އެހިސާބުން އެކުއެކުއްޖަކަށް މަހަކު 4000 ރުފިޔާ ލިބެން އެބަ ފަށައެވެ. އަދި މުޅި ޢުމުރަށްވެސް ލިބެމުންދާނެއެވެ. އެއިގެ ބޭނުން ހެޔޮގޮތުގައި ހިފުމުން ދުނިޔޭގައިވެސް ބޮޑެތި ފައިދާތައް ކުރާނެއެވެ. ބޭނުންނަމަ ފައިދާހުރި ކޮންމެ ކަމަކަށްވެސް އިންވެސްޓްކުރަންވީއެވެ. އަދި ސްކޫލް ނިމިގެން ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައިހުންނައިރުވެސް ކުރާނެ ފައިދާ ހިތަށް ގެންނާށެވެ.
މިއީ ޙާފިޡަކަށްވެވޭ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ފުރުޞަތެކެވެ. ދަރިވަރުން މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރަންވާނެއެވެ.
އިސްލާމީ މަރުކަޒުގެ އިސްއިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ އާޚިރަތަށްޓަކައި ކުރާ މަސައްކަތަކުން ދުނިޔޭގައިވެސް ފައިދާއެއް ލިބުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ މުސްލިމުންނަށް އޮތީ ދުނިޔެއާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރުން ކަމަސްވާތީއެވެ.
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/14035/benefits-of-being-a-hafiz