މަންޏަކީ ނަޖިހެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
އިންސާނުން އުފައްދަވާފައިވަނީ މަނިފޮދަކުންނެވެ. މިއީ ގުރްއާނުން ޘާބިތުވާ ކަމެކެވެ. އަދި އިންސާނުންގެ ޙިއްސާއި ތަޖްރިބާ އިން އެނގޭ ކަންތަކެވެ. ސޫރަތުލް މުރްސަލާތިގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ)
މާނައަކީ: "ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟" ސޫރަތުއް ޠާރިގްގެ 5-6 އަށް މާތް ﷲ ވަޙީ ކުރައްވައެވެ.
(فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ﴿٥﴾خُلِقَ مِن مَّاءٍ دَافِقٍ ﴿٦﴾)
މާނައަކީ: "ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!"
ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަހަކީ މަންޏަކީ ޠާހިރު އެއްޗެއް ކަމެވެ. އެއީ ޠާހިރު އެއްޗެއް ކަމަށް ދަލާލަތުކޮށްދޭ ދަލީލުތަކުގެ ތެރޭގައި:
އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (وَلَقَدْ رَأَيْتُنِي أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرْكًا فَيُصَلِّي فِيهِ) ރަވާހު އަލްއިމާމު މުސްލިމް."ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހެދުން ކޮޅުގައި ހިކިފައި ހުންނަ މަނި ތިމަން ކަމަނާ ކައްސަވާ ހައްދަވަމެވެ. ދެން އެހެދުން ދުރުކުރައްވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރައްވައެވެ."
މަންޏަކީ ނަޖިހެއްނަމަ ހިކިފައި ހުންނަ މަނި ކަހާލައިގެން ސާފެއް ނުކުރެވޭނެއެވެ. ވީމާ، މިއިން ދަލީލު ލިބެނީ އެއީ ޠާހިރު އެއްޗެއް ކަމެވެ.
މަންޏަކީ ޠާހިރު އެއްޗެއް ކަމުގެ އަނެއް ދަލީލަކީ: ނަބިއްޔުންނާއި، ޞިއްދީގުންނާއި، ޝަހީދުންނާއި ޞާލިޙުންނާއި، ﷲ ގެ އިޚްލާޞްތެރި އަޅުން ހައްދަވާފައިވަނީ މަނިންނެވެ. މިފަދަ ޞާލިޙް އަޅުން ނަޖިސް އެއްޗަކުން ނުއުފައްދަވާނެއެވެ.
އެހެންކަމުން މަންޏަކީ ޠާހިރު އެއްޗެކެވެ. ނަމަވެސް މަނި ދިރުވުމަކީ އިންސާނީ ފިޠްރަތާއި ޚިލާފު ކަމަކަށްވާތީ އެކަން ކޮށްގެން ނުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މަނި ދިރުވުމުގެ ސަބަބުން ގެއްލުން ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް އެނގޭނީ މެޑިކަލް ޑޮކްޓަރުންނަށެވެ. والله أعلم
ތިޔަ މައްސަލާގައި ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ފެނެއެވެ.
ކުރިމަތިފަރާތުން އަންނަ ކަމަށް ތިޔަ ބުނާ ފެނަކީ މަންޔެއް ނޫނެވެ. ސަބަބަކީ މަނި ބޭރުވާނީ އެދުންވެރިކަމަކާއި އެކުގައި ކަމަށްވާތީވެ އެވެ. އެެހެންކަމުން ބޮޑަށް ލަފާ ކުރެވެނީ ކުރިމަތިފަރާތުން އަންނަކަމަށް ތިޔަބުނާ ފެނަކީ ބައްޔެއްގެ ސަބަބުން އަންނަ ފެނެއްކަމަށެވެ. އެހެންކަމުން، ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރާށެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް