އިމާމު ބުޚާރީގެ ބަރަކާތްތެރި ހުވަފެންފުޅު-

ކިޔުމަށް ހޭދަވާނީ 1މ 59ސ
އިމާމު ބުޚާރީގެ ބަރަކާތްތެރި ހުވަފެންފުޅު-

ޢަލީ އިޙްޞާން ފިރާޤް

 

އިމާމު ބުޚާރީއަކީ އިސްލާމީ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ ބޭކަލެކެވެ. އެކަލޭގެފާނު ލިޔުއްވި ޙަދީޘް ފޮތަކީ ކީރިތި ޤުރްއާނަށްފަހު މިބިންމަތީގައިވާ އެންމެ ޞައްޙަ ފޮތްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އިމާމު ބުޚާރީގެ އަސްލުނަންފުޅަކީ އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ބުޚާރާގައެވެ. އެއީ މިހާރުގެ  އުޒްބަސްކިސްތާނުގެ އެންމެ އާބާދީ ބޮޑު އެއްރަށެވެ. އިމާމު ބުޚާރީ އުފަންވެވަޑައިގަތީ ހިޖްރައިން 194 ވަނަ އަހަރުގައެވެ.

އިމާމު ބުޚާރީއަށް އެއްފަހަރަކު ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގަތީ ރަސޫލާ صلّى اللّـه عليه وسلّم ގެ ގައިކޮޅުގައި މެހިތަކެއް ޖައްސައިފައިވާތީއެވެ. އިމާމު ބުޚާރީ ފަންކާއެއް ހިއްޕަވައިގެން ރަސޫލާ صلّى اللّـه عليه وسلّم ގެ ގައިކޮޅުގައި ޖައްސަމުން ގެންދިޔަ މެހިތައް ފައްސަވަމުން ގެންދެވީތީއެވެ. 

މި ހުވަފެންފުޅު ފެނިވަޑައިގެންނެވުމުން އިމާމު ބުޚާރީ ވަރަށް ބޮޑަށް އެ ހުވަފެންފުޅާ މެދު ވިސްނާވަޑައިގެންނެވިއެވެ. އަދި އެހުވަފެންފުޅުގެ ވާހަކަ ހުވަފެން ތައުބީރު ކުރާ މީހުންނަށް ވިދާޅުވެދެއްވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔަ ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތައުބީރަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ މައްޗަށް މީސްތަކުން ހަދަމުން ގެންދާ ދޮގު ހަދީސްތައް ކަލޭގެފާނު ނައްތައިލެއްވުމެވެ.] 

މިދެންނެވި ހުވަފެންފުޅަށްފަހު އިމާމު ބުޚާރީ ގަސްތުކުރެއްވީ ރަސޫލާގެ ޞައްޙަ ޙަދީޘް އެއްކުރައްވައިގެން ފޮތެއް ލިޔުއްވުމަށެވެ. އެކަލޭގެފާނު ސޯޅަ އަހަރުދުވަސް ހޭދަކުރައްވައިގެން ވަރަށް ފަރުވާތެރިކަމާއެކު ލިޔުއްވި ޙަދީޘް ފޮތްވެފައިވަނީ ޤުރްއާނަށްފަހު މިބިންމަތީގައިވާ އެންމެ ޞައްޙަ ފޮތަށެވެ. އިމާމު ބުޚާރީ ވިދާޅުވާ ގޮތުގައި އެކަލޭގެފާނު އެއްލައްކަ ޞައްޙަ ޙަދީޘް ބަސްފުޅު ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. ނަމަވެސް ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނު ލިޔުއްވައިފައިވަނީ އޭގެ ތެރެއިން މަދުއަދަދެއްގެ ޙަދީޘެވެ. 

އިމާމު ބުޚާރީ އަވަހާރަވީ ހިޖްރައިން 256 ވަނަ އަހަރުގެ ތެރޭގައެވެ.

 

މިއަދު އޮންލައިން