ހިންދު: ކާފިރުކަމުން ފުރިހަމަ މުސްލިމަކަށް ވެވަޑައިގެންނެވި ގޮތް-

ކިޔުމަށް ހޭދަވާނީ 5މ 19ސ
ހިންދު: ކާފިރުކަމުން ފުރިހަމަ މުސްލިމަކަށް ވެވަޑައިގެންނެވި ގޮތް-

ޢަލީ އިޙްޞާން ފިރާޤް

 

ހިޖްރައިން ދެވަނަ އަހަރު ހިނގި ބަދުރު ހަނގުރާމައިގައި މައްކާގެ ބޮޑެއްކަމުގައިވާ ޢުތަބަތު ބިން ރަބީޢަތު ޤަތުލުކުރެއްވީ ޙަމްޒަތުގެފާނެވެ. އޭނާގެ ދަރިކަނބަލުން ހިންދު ބިންތި ޢުތަބަތު މިކަމާ ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ. ބަދުރު  ހަނގުރާމައިގައި ލިބުނު ނާކާމިޔާބީއަށްފަހު މުޝްރިކުން ގެންދިޔައީ މުސްލިމުންގެ ފަރާތުން ބަދަލު ހިފާލެވޭނެ ފުރުސަތަކަށް ބަލަމުންނެވެ. އެގޮތުން ހިޖްރައިން 3 ވަނަ އަހަރު ކުރެވުނު އުޙުދު ހަނގުރާމައިގައި އެކަން އެބައިމީހުން ސާބިތުކޮށްދިނެވެ. 

މުޝްރިކުން ދިން ކުއްލި ހަމަލާއެއްގެ ސަބަބުން މުސްލިމުންގެ އެތައް ބޭކަލުންނެއް ޝަހީދުވިއެވެ. ޝަހީދުވި ބޭކަލުންގެ ގުނަވަންތައް ކަނޑައި ބަނޑުފަޅައި ހެދިއެވެ. މި ހަނގުރާމައިގައި ހިންދު ބިންތި ޢުތުބަތުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ހިންދު, ހަމްޒަތުގެފާނުގެ ބަނޑުފުޅުފަޅައިގެން އެކަލޭގެފާނުގެ މޭފުޅުނަގައި ހަފަހަފާފައި ނުދިރިގެން އެއްލައިލެއްވީ ކަމުގައެވެ. މިވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ހިންދު, ހަމްޒަތުގެފާނުގެ މޭފުޅު ހަފައިގެން ކާން އުޅުން ވާހަކައަކީ ޞައްޙަ ސަނަދުން ވާރިދުވެގެންވާ ވާހަކައެއް ނޫނެވެ. 

ހިންދު ބިންތި ޢަތަބަތަކީ މައްކާގެ ސަރުދާރު އަބޫސުފްޔާނުގެ އަނބިކަނބަލުންނެވެ. އަބޫސުފްޔާނާއި އޭނާގެ އަނބިއަނބަލުންނަކީ އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްދީނަށް އެންމެ އަދާވާތްތެރި ދެ ބޭފުޅުންނެވެ. އިސްލާމްދީނާ ދެކޮޅަށް އެތައް ހަރަކާތެއްގައި އެދެކަނބަލުންވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް الله އަކީ ހިތްތައް އެފުށް މިފުށަށް ޖައްސަވާ ރަސްކަލާނގެއެވެ. ހިޖްރައިން 8 ވަނަ އަހަރުގެ ތެރޭގައި ހިންދު ބިންތި ޢުތުބާ އާއި އޭނާގެ ފިރިކަލުން އަބޫސުފްޔާން އާއި ދަރިކަލުން މުޢާވިޔަތު އިސްލާމްވެވަޑައިގެންނެވިއެވެ. 

މައްކާ ފަތަޙަ ކުރެވުނު ދުވަހު ހިންދު އިސްލާމްވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބައިޢަތު ހިއްޕަވަން ބޭނުންފުޅު ވާހަކަ އަބޫސުފްޔާނަށް ދެންނެވިއެވެ. އަބޫސުފްޔާން ވިދާޅުވިއެވެ. [އިއްޔެއާ ޖެހެންދެންވެސް ކަމަނާ ހުންނެވީ އެކަލޭގެފާނުގެ ދީން ދޮގު ކުރުން މަތީގައެވެ.] އެކަމަނާ ޖަވާބު ދެއްވިއެވެ. [ الله ގަންދެމެވެ. މިރޭގެ ކުރިއަކުން މި މިސްކިތުގައި ޙައްޤު ގޮތުގައި الله އަށް އަޅުކަން ކުރެވުނުތަނެއް އަޅުގަނޑު ނުދެކެމެވެ. الله ގަންދެމެވެ. އެބައިމީހުން މުޅި ރޭގަނޑު ހޭދަކުރީ ނަމާދު ކުރުމުގައެވެ.] 

ދެން ހިންދު ބިންތި ޢުތަބާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ބައިޢަތު ހިއްޕެވިއެވެ. الله ފިޔަވައި އެހެން އެއްޗަކާ ޝަރީކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ޒިނޭ ނުކުރުމަށާއި ދަރިން ނުމެރުމުގެ މައްޗަށެވެ. 

ހިންދު އިސްލާމްވެވަޑައިގަތުމަށްފަހު އެކަމަނާ އަޅުކަން ކުރައްވަން ގެންގުޅުއްވި ބުދު މުގުރައިލެއްވިއެވެ. އެއިން އެއްވެސް ކަމެއް ފުއްދައެއް ނުދިން ކަމުގައި ވިދާޅުވެފައެވެ. އަދި ވިދާޅުވިއެވެ. [ކަލޭގެ ސަބަބުން އަހަރެމެން މިތިބީ ހެއްލުމެއްގެ ތެރޭގައެވެ.] 

ވައްކަން ކުރުމާއި ޒިނޭ ކުރުމަކީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުންގެ ތެރެއިން އިއްޒަތްތެރި ކަނބަލުން ވަރަށް މަދުން ނޫނީކޮށް ނޫޅޭ ހުތުރު އަމަލުތަކެކެވެ. ހިންދު ބިންތި ޢުތުބާއަކީ މައްކާގައި ގަދަރު އުފުލިގެންވާ ބޭކަނބަލެކެވެ. އެކަމަނާ އިންނެވީ އެފަދަ ހުތުރު އަމަލުތަކުން ސަލާމަތްވެގެންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ބައިއަތު ހިއްޕެވުމުގެ ތެރޭގައި ޒިނޭ ނުކުރުމާއި ވައްކަން ނުކުރުމުގެ ވާހަކަ ޙަދީޘް ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. [މިނިވަން އަންހެނުންވެސް ވައްކަންކޮށް ޒިނޭ ކުރޭ ހެއްޔެވެ?] 

ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އެއްފަހަރަކު ހިންދު ބިންތި ޢުތުބާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އޭ މާތް الله ގެ ރަސޫލާއެވެ. އަޅުގަނޑު އިސްލާމްވުމުގެ ކުރީގައި ކަލޭގެފާނުގެ އަހުލުވެރިން ފިޔަވައި މި ބިންމަތީގައި ނިކަމެތިވުމަށް އެދޭ އިތުރު ބަޔަކު އަޅުގަނޑުގެ ނެތެވެ. ނަމަވެސް އަޅުގަނޑު އިސްލާމްވުމަށްފަހު ކަލޭގެފާނުގެ އަހުލުވެރިން ފިޔަވައި ޢިއްޒަތްތެރިވުމަށް އަޅުގަނޑު އެދޭ އިތުރު ބަޔަކު މިބިންމައްޗަކު ނެތެވެ.] 

އެއްފަހަރަކު ހިންދު ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބޫސުފްޔާނުގެ މުއްބާރު ކަމުގެ ޝަކުވާ ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [އޭ الله ގެ ރަސޫލާއެވެ. ހަމަކަށަވަރުން އަބޫ ސުފްޔާން އަކީ ދަހި މީހެކެވެ. އޭނާއަށް ނޭނގި އޭނާގެ މުދަލުން އަޅުގަނޑު ނެގި އެއްޗެއް ފިޔަވާ އެހެން އެއްޗެއް، އަޅުގަނޑަށާއި އަޅުގަނޑުގެ ދަރިންނަކަށް ނުލިބެއެވެ. މިގޮތަށް އޭނާއަށް ނޭނގި ނެގުމުގެ ސަބަބުން އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާއަށާއި ކަމަނާގެ ދަރިންނަށް ވާވަރަށް ނަގާށެވެ."

ބުޚާރީ އާއި މުސްލިމު ރިވާ ކުރައްވައިފައިވާ މި ޙަދީޘްކީ އިސްލާމީ ފިޤުޙުގައި ވަރަށް ބޭނުންތެރި ޙަދީޘެކެވެ. ވަރަށް މުހިންމު ޙަދީޘެކެވެ. ހިންދު ބިންތި ޢުތުބާގެ މި ސުވާލުގެ ސަބަބުން އަނބިދަރިންނަށް ނަފަޤާ ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް ދިނުމުގެ ޙުކުމުތައް ބަޔާންވެގެން ދިޔައެވެ.  

ޖާހިލިއްޔަ ޒަމާނުގައި އެކަމަނާގެ ނަންފުޅު މަޝްހޫރުވި ފަދައިން އިސްލާމްވެވަޑައިގަތުމަށް ފަހުވެސް އެކަމަނާގެ ނަންފުޅު މަޝްހޫރެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި ކުރެވުނު ޔަރުމޫކު ހަނގުރާމައިގައި ހިންދު ބިންތި ޢުތުބާ އާއި އެކަމަނާގެ ފިރިކަލުން އަބޫސުފްޔާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާ އެ ހަނގުރާމައިގައި މުސްލިމުންނަށް ހިތްވަރު ދެއްވައި ރޫމީންނާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެއްވުމަށް މުސްލިމު މުޖާހިދުންނަށް ގޮވައިލައްވަމުން ގެންދެވިއެވެ. މީގެ އިތުރަށް ޤާދިސިއްޔާ ހަނގުރާމައިގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. 

އެކަމަނާ އަވަހާރަވީ އަހަރަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރެއެވެ. އެއްރިވާޔަތެއްގައިވަނީ އެކަމަނާ އަވަހާރަވީ ޢުމަރުގެފާނުގެ ޚިލާފަތުގެ ކުރީކޮޅުގައި ކަމަށެވެ. އަބޫބަކުރުގެފާނުގެ ބައްޕާފުޅު އަބޫޤުހާފާ އަވަހާރަވި ދުވަހުކަމަށެވެ. އެހެން ރިވާޔަތެއްގައިވަނީ އެކަމަނާ އަވަހާރަވީ ޢުޘްމާނުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި ކަމަށެވެ. ހިންދުގެ ދަރިކަލުން އަމީރު މުޢާވިޔަތުގެފާނަކީ ވަރަށް މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނަކީ ޢުމަވީ ރަސްކަމުގެ އެންމެ ފުރަތަމަ ރަސްގެފާނެވެ.

މިއަދު އޮންލައިން