އެންމެ މުހިންމީ އާޚިރަތެވެ. އެންމެ ބޮޑަށް މަސައްކަތްކުރަންވީ އާޚިރަތް އެދިގެންނެވެ. އާޚިރަތް އެދިގެން ކުރާ މަސައްކަތްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ދުނިޔޭގައިވެސް އެމީހަކަށް ހަމަޖެހުން ލިބިގެންނެވެ. ކަންބޮޑުވުންތަކުން ސަލާމަތްވެހުރެވިގެންނެވެ.
މިބުނާ ބަހަކީ ދުނިޔޭގައި އެމީހާ ކޮންމެހެން މާބޮޑު ތަނަވަސްކަމެއްގައި އުޅެންޖެހޭ ވާހަކައެއް ނޫނެވެ. މުސްލިމުންނަކީ ދުުނިޔޭގައި އެހައިބޮޑު ތަނަވަސްކަމަކަށް އެދެންވީ ބައެއް ނޫނެވެ. ބަނޑު ފުރާނަ މުއްތިކޮށް އަސާސީ ބޭނުންތައް ފުދިގެން ހުރެވޭނަމަ އެމީހަކު އެވަނީ ތަނަވަސްކަމުގައެވެ. ތަނަވަސްކަން އެހާބޮޑުވެއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނީ ވަރަށް މަދު މީހަކަށެވެ.
މުސްލިމުންގެ ތަނަވަސްކަން ގުޅިފައިވަނީ އެމީހެއްގެ ހިތާއިއެވެ. ހިތުގެ މުއްސަނދިކަމަކީ ފައިސާ ގިނަވުމުން ލިބެން އޮތް ނިޢްމަތެއް ނޫނެވެ. ކިތަންމެ ދަތިހާލުގައި ދިރިއުޅުނު ނަމަވެސް ތިމާއަށް ދެއްވެވި މިންވަރަށް ޝަކުރުވެރިވާ މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ. އެމީހާގެ ހިތް އޮންނާނީ ތަނަވަސްކަމުގައެވެ.
މިކަމުގެ ދަލީލަކީ ތަނަވަސްކަން ލިބިގެންވާ މީހެއްގެ ގާތުގައި ޙާލުކިހިނެއްތޯ އަހަލިނަމަވެސް ދައްކާނީ އެމީހަކަށް ޙާޞިލްނުކުރެވިގެން އުޅޭ ކޮންމެވެސް ކަމެއްގެ ވާހަކައެވެ. ފަޤީރު މީހާ ގާތުގައި އަހައިލާއިރަށް ބުނާނީ "އަލްޙަމްދުލިﷲ - ޙާލު ރަނގަޅު" ކަމަށެވެ. މިއީ ޢާންމުގޮތެއްގައި މިކަން ހިނގަމުން އަންނަ ގޮތެވެ.
ދުނިޔެއާއި އާޚިރަތް ދެއްވެވުން އެދި ކުރަން އޮތް ދުޢާ ބަގަރާ ސޫރަތުގެ 201 ވަނަ އާޔަތުގައި ވެއެވެ. އެދުޢާއަކީ ރަސޫލް ﷺ ވެސް އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއެވެ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴿٢٠١﴾
މާނައީ : [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ]
- އިސްލާމީ ތިލަފަތުގެ ދަރުސަކުން