ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެ!: ޤުރްއާން

ޤިޔާމަތް ދުވަހާއިމެދު ގިނަބައަކު އަދިވެސް ތިބީ ޣާފިލުވެގެންނެވެ. މަރަށް ތައްޔާރުވާން ކުރަންޖެހޭ ކަންކަން ނުކޮށް އެތިބެނީ އެހެންވެގެންނެވެ. ﷲ ތަޢާލާގެ ވަޙީބަސްބަސްފުޅުގައި މިފަދައިން އޮތްކަންވެސް ހަމަ ނުއެނގެނީ ހެއްޔެވެ؟  

﴿1﴾ اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ 

"ޤިޔާމަތް ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ."

(އަލް ޤަމަރު: 1)  

ގިނަ ބައަކަށް އަދިވެސް ހީވެގެން އުޅެނީ ޤިޔާމަތްވުމުގެ ވަޤުތު އޮތީ ވަރަށް ދުރުގައިކަމަށެވެ. އެއީ ވަރަށް ފަހުން ވާން އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ވިސްނާށެވެ.  

މިއާޔަތުގައި ފުރަތަމަ އެއޮތީ " ޤިޔާމަތް ވުމުގެ ވަގުތު ގާތްވެއްޖެ" ކަމަށެވެ. ދެން އެއޮތީ " އަދި ހަނދު އިރިއްޖެއެވެ."  

ނުއެނގެނީ ޤިޔާމަތްވާނެ ވަޤުތެވެ. ނަމަވެސް ރަސޫލް ގެ ޙަޔާތްޕުޅުގައި ﷲ ތަޢާލާ ވަނީ ހަނދު އިރުއްވަވައި އެކަން މީސްތަކުންގެ ލޯތަކަށް ދައްކަވައިފައެވެ. ވީމާ ފަހުން ވާން އޮތް ކަމެއްގެ ވާހަކައާއި ވިދިގެން ކުރިން ވެނިމިފައިވާ ކަމެއްގެ ވާހަކަ އޮތުމުން ވިސްނާ މީހަކަށް ދުނިޔެ ނިމެން ދާދި ގާތްވެއްޖެކަން ޤަބޫލުކުރަން އުނދަގުލެއް ނުވާނެއެވެ.  

ކޮންމެއަކަސް ހުޅަނގުފަރާތުން އިރުއެރުމާއި ތާޅަފިލި ފުންމަވައިލެއްވެވުން އަދި ފަސްވީނަމަވެސް އެމީހަކު މަރުވުމުން އެމީހަކަށް ޤިޔާމަތްވީއެވެ. ޤިޔާމަތްވުން ދާދިގާތްވެއްޖެކަމަށް ވިސްނަންވީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ފަހުޒަމާނުގައި އުޅެންޖެހިފައިވާއިރު އެކަމަށް ބިރުވެތިވުމަށެވެ. ރައްކައުތެރިވެގެން އުޅުމަށެވެ. އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިޠޯނުން ގިނަވެ ފުނިޖެހިފައިވާއިރު އެކަމަށް ސަލާމަތްކަން ދިނުމަށެވެ.  

ޤިޔާމަތް ދުވަހަކީ ތިމާއަށް ކާމިޔާބު ދުވަހަކަށްވާނީ މިބުނި ކަންކަމަށް ސަމާލުކަން ދެވުނު ވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން