ނަމާދަށް ފަރުވާކުޑަކުރެވޭތާ އެތައްދުވަހެއް ފަހުން ތައުބާވެ ނަމާދުކުރުމުގެ ވިސްނުން ދެއްވަވައިފިނަމަ ތިބާ އަށް މާތް ﷲ ހިދާޔަތާއި ތެދުމަގު ދެއްކެވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ. މިފަދަ ބޮޑު ނިޢްމަތެއް މާތް ﷲ ދެއްވެވި ކަމަށްޓަކައި ގިނަގިނައިން އެކަލާނގެ އަށް ޝުކުރުވެރިވެ އުޅުމަށް ނަޞޭޙަތްތެރިވަމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ )
މާނައަކީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ".
ގަޞްދުގައި ނުކޮށް ދޫކޮށްލެވިފައިވާ އަޅުކަންތައް (އެއީ ނަމާދު ކަމުގައިވިޔަސް ނުވަތަ ރޯދަ ކަމުގައިވިޔަސް) ގަޟާ ކުރުމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން އެއަޅުކަންތައް ގަޟާ ކުރަން ޖެހެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ގަޞްދުގައި ނަމާދު އެޅުމުގެ ސަބަބުން އެމީހަކު އެވަނީ ދީނުންބޭރުވެ ކާފިރުވެފައެވެ. އެފަދަ މީހަކު ޝަހާދަތުގެ ދެކަލިމަ ކިޔާ އަލުން އިސްލާމްވުމުން އެމީހެއްގެ ކުރީގެ ހުރިހާ ފާފަ އެއް ފޮހެވިގެންދާނެއެވެ.
ގަޞްދުގައި ނަމާދު އަޅާ މީހުން އަލުން އެނަމާދުތައް ގަޟާ ކުރަން ނުޖެހޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ، ނަމާދު އެޅުމުގެ ސަބަބުން އެމީހަކު ކާފިރުވިކަމަށްވީނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. ސަބަބަކީ ނަމާދު ގަޟާ ކުރުމަށް އައިސްފައިވަނީ ހަމައެކަނި ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދު ދޫކޮށްފައިވާ ޢުޛުރުވެރިންނަށެވެ.
މީގެ އިތުރުން ކުރިން ނުކޮށް ދޫކޮށްލާފައިވާ ނަމާދުތައް އަލުން ކުރަން ޖެހުމަކީ އުނދަގޫ ކަމަކަށްވެ، މީހާ އެކަމުގެ މަތިން ފޫހި ކުރުވަނިވި ކަމަކަށްވެދާނެތީވެއެވެ. އެހެންކަމުން އެފަދަ މީހެއްގެ މައްޗަށް ލާޒިމްވެގެންވަނީ ހެޔޮ ތައުބާ އަކުން ތައުބާވެ ޞާލިޙް ޢަމަލު ގިނަ ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
(وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى)
މާނައަކީ: " توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".
ސަޢޫދީގެ ފަތްވާ ކޮމެޓީގެ މެމްބަރުން ދެކިލައްވާ ގޮތުގައި ގަޞްދުގައި ނަމާދު އަޅެމަކީ ކުފުރެވެ. އެހެންކަމުން، އެފަދަ މީހާ އަލުން އިސްލާމްދީނަށް ވަދެ ނަމާދު ކުރަންފެށުމުން ކުރީގެ ނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. والله أعلم.
އިތުރު ސުވާލެއް:
ނަމާދު ވަގުތަށް ނަމާދަށް ނުފޮނުވާ ތަނެއްގައި ވަޒީފާގައި އުޅުމީ ކޮންކަހަލަ ކަމެއްތޯ އެވެ؟
ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމެކެވެ. ވީމާ، ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި އަދާ ކުރަން ޖެހޭނެއެވެ. އެކަމަށް އެއްވެސް ކަހަލަ ހުރަހެއް އޮވެގެން ނުވާނެއެވެ. والله أعلم.
- ޑރ. މުިޙައްމަދު އިޔާޟް ޢަބްދުއްލަޠީފް