ބައިވެރިޔާގެ ކިބައިން މާފަށް އެދެންޖެހޭ ޙާލުގަ މާފުކުރިޔަސް އެކަމުގެ ފައިދާކުރާނީ ޢަމަލުތަކުން ބައިވެރިޔާއަށް ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދެވޭނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބައިވެރިޔާގެ ކިބައިން މާފަށް އެދެންޖެހޭ ޙާލުގަ މާފުކުރިޔަސް އެކަމުގެ ފައިދާކުރާނީ ޢަމަލުތަކުން ބައިވެރިޔާއަށް ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދެވޭނަމަ!

ރޫޅެމުންދާ ގިނަ ކައިވެނިތަކަށްބަލާއިރު ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ޢާންމު އެއް ސަބަބަކީ އެކަކު އަނެކަކަށް ބޭވަފާތެރިވެވުމާއި ކުރެވޭ ކުށް ޤަބޫލުކޮށް މަޢާފަށް އެދެން ޖެހުމާއި އަދި މާފުކުރަން އުނދަގޫވުމެވެ.

ﷲ ތަޢާލާ އީ މީސްތަކުން ކުރާފާފަތަކަށް ދީލަތިކަމާއިއެކު ޢަފޫކުރައްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝިރުކޮށްފައިވެސް ދުނިޔޭގައި ހުރެ ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދ ދަންނަވައިފިނަމަ އެ ފާފައެއް ފުއްސަވައި ދެއްވަވަތެވެ. ހަމައެކަނި ފުއްސަވައި ނުދެއްވަވަނީ މީސްތަކުންގެ ޙައްޤުތައް ހިމެނޭ ފާފަތަކެވެ. އެފަދަ ފާފަތަކުގައިވެސް ޙައްޤުލިބެންވާ މީހާ މާފުކުރުމުން ﷲ ތަޢާލާގެ ޙައްޤު ޢަފޫކުރައްވަވައިދެއްވަވަތެވެ.

ނަމަވެސް އިންސާނުންނަކީ އެހައި ފަސޭހައިން ކުށްތަކަށް ޢަފޫކުރާ ބައެއް ނޫނެވެ. އެކަން އިންސާނުންނަށްވަނީ ކުރަން ވަރަށް އުނދަގޫކަމަކަށެވެ. އެހެންވެ ދެމަފިރިންގެ މެދުގައިވެސް އިތުބާރު ގެއްލޭފަދަ ކުށެއް ކޮށްފިނަމަ މާފުކުރަން އެތައް އަހަރެއް ނަގައެވެ. އެކަން ޖެހޭނީ އެންމެންވެސް ޤަބޫލުކުރާށެވެ.

ވީމާ ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން ގެންދާއިއރު އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އިތުބާރު ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ކުށްތައް ކުރުމަށްފަހު މާފަށް އެދުނު ނަމަވެސް އެއީ އެހައި ފަސޭހައިން ކުރެވޭ ކަމެއްކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.

ވީމާ ކިތަންމެ ކުޑަނަމަވެސް ކުށެއް ކުރެވިއްޖެނަމަ އެކަމަށް މާފަށް އެދުމުގެ އިތުރުން އެކަން ވީހައި އަވަހަކަށް އަނެކާގެ ހިތުން ފިލައިގެންދާނެގޮތަށް މަސައްކަތްކުރަންވާނެއެވެ. ކުރިއަށްވުރެ، ހެޔޮކޮށްހިތައި، ލޯބިދީ އަޅާލުންދިނުން ފަދަ ކަންކަންކުރަންވާނެއެވެ. އެއިރުން އެމީހަކު ކުށް ޤަބޫލުކޮށްފިކަމާއި އިޞްލާޞްވާން މަސައްކަތްކުރާކަން އެނގި މާފުލިބުން ފަސޭހަވެގެންދާނެއެވެ. އަދި އިތުރު ކުށެއް ނުކުރާނެކަމަށް ޤަބޫލުކުރަންވެސް ފަސޭހަވެގެންދާނެއެވެ.

ހަމަ އެޢާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރަންވާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އެއިރުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެންމެންގެ ރުހުންވެސް އޮންނާނީ ލިބިފައެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން