އިމާމު އިބްނު ޖަރީރުއްތަބަރީ- މުސްލިމުންގެ ނަންހުރި ޢިލްމުވެރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އިމާމު އިބްނު ޖަރީރުއްތަބަރީ- މުސްލިމުންގެ ނަންހުރި ޢިލްމުވެރިއެއް!

އިމާމު އިބްނު ޖަރީރުއްތަބަރީއަކީ މުސްލިމުންގެ ނަންހުރި ޢިލްމުވެރިއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 224 ވަނަ އަހަރުގައެވެ. އެކަލޭގެފާނު ލިޔުއްވައިފައިވާ ޤުރްއާނުގެ ތަފްސީރާއި ތާރީޚު ފޮތަކީ މިއަދުވެސް އިލްމުވެރިން ރިފަރެންސަކަށް ބަލަމުން ގެންދާ ދެ ފޮތެވެ. 

އިމާމު އިބްނު ޖަރީރުއްތަބަރީ އެއްފަހަރަކު އެކަލޭގެފާނުގެ ދަރިވަރުންގެ ގާތުގައި ވިދާޅުވިއެވެ. [އާދަމުގެފާނުން ފެށިގެން މިއަދާ ހަމައަށް ދުނިޔޭގެ ތާރީޚް ލިޔަމާ ހިނގާށެވެ.] އެހިނދު އެކަލޭގެފާނުގެ ދަރިވަރުން ދެންނެވިއެވެ. [އެއީ ކިތައް ޞަފްޙާގެ ތާރީޚެއްތޯއެވެ.] އެކަލޭގެފާނު ވިދާޅުވިއެވެ. [ތިރީސް ހާހެވެ.] އިމާމު އިބްނު ޖަރީރު މިހެން ވިދާޅުވުމުން އެ އަދަދުގެ ގިނަކަމުން އެކަލޭގެފާނުގެ ދަރިވަރުން ހައިރާންވެ އެކަލޭގެފާނަށް ދެންނެވިއެވެ. [ތިރީސް ހާސް ޞަފްޙާތޯއެވެ. މިހާގެ އުމުރު ހުސްވެދާއިރުވެސް އެފަދަ ބޮޑު ފޮތެއް ނުލިޔެވޭނެއެވެ.] 

އެހިނދު އިމާމު އިބްނު ޖަރީރުއްތަބަރީ ވިދާޅުވިއެވެ. [ހަމަކަށަވަރުން މީސްތަކުންގެ ހިތްމަތާއި އަޒުމުނެތިއްޖެއެވެ.] މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ ތާރީޚް ފޮތް ތިރީސްހާސް ޞަފްޙާއިން ތިންހާސް ޞަފްޙާއަށް ކުރުކޮށްލެއްވިއެވެ.  

އެއަށްފަހު ތާރީޚު ފޮތް ލިޔުއްވުމަށްފަހު އެފޮތަށް ދެއްވި ނަންފުޅަކީ [ތާރީޚުއް ރުސުލު ވަލްމުލޫކު] އެވެ. މުސްލިމުންގެ ތެރޭގައި މިފޮތް މަޝްހޫރުވެފައިވަނީ ތާރީޚުއް ތަބަރީގެ ނަމުންނެވެ.  

އިމާމު އިބްނު ޖަރީރުއްތަބަރީ އެކަލޭގެފާނުގެ ހަޔާތްޕުޅު މުޅިން ހޭދަކުރެއްވީ ޢިލްމު އުނގެނިވަޑައިގެންނެވުމުގައެވެ. އަދި އެކަލޭގެފާނު އުނގެވިވަޑައިގެންނެވި ޢިލްމު މީސްތަކުންނަށް ފޯރުކޮށްދެއްވުމުގައެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 310 ވަނަ އަހަރުގައެވެ.

މިއަދު އޮންލައިން