މުސްލިމުން އަބަދުވެސް ސަމާލުކަންދޭންވާނީ ދީނުގައި ޘާބިތުވެ ހުރުމަށެވެ. އެކަން ކުރެވޭނީ އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއިއެކުގައި އުޅެގެންނެވެ. އެކަމަކު އެކަމަށް ވިސްނަނީ މަދު މީހެކެވެ. އެހެންވެ މިދައްކަނީ ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭންޖެހިފައިވާ ކަމެއްގެ ވާހަކައެވެ.
ނިކަން ބުނެބަލާށެވެ! އޭނާއަކީ ތިބާގެ މައިންބަފައިންނަށް ނުވަތަ ތިބާއަށް ނުބައި ބަސްތައް ބުނެ މަލާމާތާއި ފުރައްސާރަކުރާ މީހަކީ އެކުވެރިއެއްގެ ގޮތުގައި ތިބާ ބަލައިގަންނާނަންހެއްޔެވެ؟ އެމީހަކާއި އެކުގައި އުޅޭނަން ހެއްޔެވެ؟
އެހެންކަމަށްވާއިރު ތިބާ އެންމެ ބޮޑަށް ލޯބިވާންޖެހޭ، ﷲ ތަޢާލާ އާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އާއި އަދި ތިބާގެ ދީން ކަމުގައިވާ އިސްލާމް ދީނާއިމެދު ދޮގުތައް ފަތުރާ، މަލާމާތާއި ފުރައްސާރަކުރާ މީހަކީ ތިބާގެ އެކުވެރިއެއް ކަމަށް ބަލައިގެނެވޭނީ ކިހިނަކުން ހެއްޔެވެ؟
ހިތާމައަކީ މިއަދު މިކަންކަމަށް ވިސްނައިނުލެވޭކަމެވެ. ދުނިޔަވީ ގޮތުން ލިބިދާނެ ފައިދާއަކަށްޓަކައި މިބަޔާންކުރި ފަދަ ކަންކަންކުރާ މީހުންނަކީވެސް އެކުވެރިން ކަމުގައި ބަލައިގެނެ އެމީހުންނާއިއެކުގައި އުޅެވޭކަމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެކަމުގެ ނޭދެވޭ އަސަރު އަހުރެމެންނަށް ކުރަމުން އަންނަ ކަމެވެ.
އެމީހަކީ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އެމީހެއްގެ ކިބައިން މިބުނި ފަދަ ނުބައި ޢަމަލެއް ފެނިއްޖެނަމަ އެމީހަކަށް ޙައްޤުމަގު ވިސްނައިދޭން މަސައްކަތްކުރާށެވެ! އެކަން އޭނާ ޤަބޫލުނުކުރާނަމަ އަވަހަށް އެމީހަކާއި ދުރުހެލިވެހުރެ އޭނާއަށް ހެޔޮ ވިސްނުން ދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރާށެވެ! އެމީހަކާއި އެކުވެރިކަން ބޭއްވުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ.
ހަމައެއާއިއެކު އަދި އެއްވާހަކަ ބުނެލާނަމެވެ! ތިބާގެ އެކުވެރިންގެ ތެރެއިން މީހަކު އިސްލާމް ދީން ދޫކުރި ނަމަވެސް އެމީހަކަށް ތިބާ އަމިއްލައަށް ޙައްދު ޤާއިމުނުކުރާށެވެ! އެއީ ޤައުމުގެ ވަލިއްޔުލްއަމުރަށް ނުވަތަ ޝަރުޢީ ނިޒާމުގެ ތެރެއިން ކުރަންޖެހޭނެ ކަމެކެވެ. އޭނާއަށް ނަޞޭޙަތްދިނުމުން އިޞްލާޙްނުވިނަމަ ދޭންޖެހޭ އަދަބު ދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި Qޤާނޫނުގެ ތެރެއިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން