އެންމެ ގިނަ ބައަކު މަޅީގައި ޖައްސުވަން ޝައިޠޯނާ ބޭނުންކުރާ އުކުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އެންމެ ގިނަ ބައަކު މަޅީގައި ޖައްސުވަން ޝައިޠޯނާ ބޭނުންކުރާ އުކުޅު-

އެއްމަސައްކަތެއް ކުރުމުގައި ދުވަސްކޮޅެއްވާއިރަށް ތަޖުރިބާ ލިބެން ފަށައެވެ. 2،3 އަހަރުން މަސައްކަތް ފުރިހަމައަށް ދަސްވެއެވެ. 10 ވަރަކަށް އަހަރުން އެންމެ ބޮޑެތި ޕްރޮފެސަރުންނަށް ވެވެއެވެ. އެހެންކަމަށްވާއިރު ދުނިޔެ ފެށުނީންސުރެ މީސްތަކުން މަގުފުރެއްދުމުގައި އަވަދިނެތި އުޅެމުން އަންނަ ޝައިޠޯނާ އެކަމަށް ހުޝިޔާރުވާނެ ވަރާއިމެދު ވިސްނާށެވެ!   

މީސްތަކުންނޭވެ! ޝައިޠޯނާއަކީ އެންމެހައި މީސްތަކުންގެ މައްޗަށް ކަނޑައެލިގެންހުރި ޢަދާވާތްތެރިއެއްކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ މީސްތަކުންނަށް ރަނގަޅަކަށެވެ. ޝައިޠޯނާއަކީ ކަނޑައެޅިގެން ހުރި ޢަދާވާތްތެރިއެއްކަން އަންގަވައި ދެއްވެވުމަށެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ސަލާމަތްވެގެން އުޅުމަށް އެންގެވުމަށެވެ.  

ޝައިޠޯނާ މީސްތަކުންގެ ވިސްނުމަށް ޙަމަލާދޭނީ އެމީހަކު އެންމެ ބޮޑަށް ޝައުޤުވެރިޔާ ދާއިރާއަކުންނެވެ. މަސައްކަތްކުރާނީ އެންމެ ބޮޑަށް އެމީހަކު ކުރާހިތްވާ، ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުވުމަށެވެ. އެކަންކަން ކުރުމަކީ މައްސަލައެއް ނޫންކަމާއި ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅުގައި އުޅެންޖެހޭނީ އުފަލުންކަން ވިސްނައިދިނުމަށެވެ.  

ޢަޤީދާ ބަލިކަށި މީހުންނަށް ވަސްވާސްދޭނީ ޝިރުކުރުމަށެވެ. ބުނާނީ އިސްލާމް ދީނަކީ މީސްތަކުން ކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންކަން މަނާކުރާދީނެއް ކަމަށެވެ. އުފާވެރިކަން ލިބިގަތުމަށް ކުރަން ބޭނުންވާ ހުރިހާ ކަންކަން އިސްލާމް ދީނުގައި ވަނީ ޙަރާމްވެގެން ކަމަށެވެ.  

އެގޮތަށް ވިސްނައިދެމުން ގޮސް ކްރިސްޓިއަނުންނާއި ޔަހޫދީން އުފަލުގައި އުޅޭކަން ވިސްނައިދޭނެއެވެ. މުޅި ހަފްތާގައި ބޭނުންވާހައި ގޮތަކަށް އުޅުމަށްފަހު އާދީއްތަ ދުވަހު ފައްޅިއަށް ގޮސްލުމުން ހުރިހާ ފާފަތަކެއް ފުހެލެވުނީކަން ވިސްނައިދޭނެއެވެ.  

މުސްލިމުންނަކީ ތަޤްވާވެރިންކަމުގައި ނުވިނަމަވެސް ޝިރުކުރާނެ ބައެއް ނޫންކަން އެނގޭތީ ވަސްވާސްދޭނީ ހުކުރަށް ގޮސްލުމުން ނިމުނީކަމަށެވެ. އެއިރުން ނަމާދުނުކުރާ މީހަކަށް ނުވާނެ ކަމަށެވެ. ކޮންމެ ދުވަހަކު 5 ނަމާދު ކުރުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށާއި ކޮންމެ ދުވަހަކު އެހާގިނައިން ނަމާދު ނުކުރިނަމަވެސް ފުދޭނެ ކަމަށްވެސް ބުނާނެއެވެ. 

ޝައިޠޯނާގެ މިމަޅީގައި ގިނަ ބައަކު ޖެހެއެވެ. ހަމައެކަނި ހުކުރަށްދާ މުސްލިމުން ގިނަވަމުން އަންނަނީ ޝައިޠޯނާގެ މިމަޅީގައި ޖެހެވޭތީއެވެ. ﷲ ތަޢާލާ ގަންދީ ބުނަމެވެ. ހަމައެކަނި ހުކުރަށް ގޮސްލުމަކުން އެމީހަކީ ނަމާދުކުރާ މުސްލިމަކަށް ނުވެވޭނެއެވެ. ނަމާދުކުރާ މީހަކަށް ވެވޭނީ ފަރުޟު 5 ނަމާދު އެ ނަމާދެއްގެ ވަޤުތުގައި އަދާކޮށްގެންނެވެ. ނަމާދުތަކަށް ރައްކައުތެރިނުވެވޭމީހާގެ ކިބައަކު އިސްލާމްކަމެއް ނުއޮންނާނެއެވެ. އެކަން މިހައި ޔަޤީންކަމާއިއެކު މިބުނަނީ އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އެޅުން ކަމުގައިވާތީއެވެ. މިއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭ ކަމެއް ނޫންވީމައެވެ. 

ވީމާ ޝައިޠޯނާގެ މިމަކަރުވެރި ވަސްވާސްތަކުން ސަލާމަތްވެ ހަމައެކަނި ހުކުރުކުރާ މީހަކަށްނުވެ ފަރުޟު 5 އަދާކުރުންމަތީގައި ހުންނަ މީހަކަށްވުމަށް ވަޞިއްޔަތްކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން