ޤުރްއާނުގެ ޢިލްމްގެތެރެއިން-: އަލްޙަމްދަށް ދެވިފައިވާ ބައެއް ނަންތައް-

ކިޔުމަށް ހޭދަވާނީ 7މ 27ސ
ޤުރްއާނުގެ ޢިލްމްގެތެރެއިން-: އަލްޙަމްދަށް ދެވިފައިވާ ބައެއް ނަންތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ސޫރަތުލް ފާތިހާއަކީ ކީރިތި ގުރްއާނުގައިވާ އެންމެ ފުރަތަމަ ސޫރަތެވެ. އެސޫރަތަށް ގިނަ ބައަކު އަލްޙަމްދުވެސް ކިޔައެވެ. ސޫރަތުލް ފާތިހާގެ މާތްކަމާއި ގުޅޭގޮތުން ވަރަށް ގިނަ ޙަދީޡްތައް އައިސްފައިވެއެވެ. އަދި އެއީ ކީރިތި ގުރްއާނުގައިވާ އެންމެ މާތް ސޫރަތެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައި އަޅުގަނޑުމެން ސޫރަތުލް ފާތިޙާ ކިޔަވަމެވެ. އެސީރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ސޫރަތްތަކުގެ ނަންތައް ކަނޑައަޅުއްވާ ޞަޙާބީންނަށް ލިޔުއްވުމަށް އަންގަވައެވެ. ދެން ޞަޙާބީން ސޫރަތްތަކުގެ ނަންތައް ލިޔުއްވައެވެ. މި ނަންތަކަކީ ތައުޤީފީ އެއްޗެކެވެ. އެއީ މާތްالله ގެ ވަޙީއެވެ. ސޫރަތްތަކަށް ނަންދެވިފައިވަނީ އެ ސޫރަތްތަކުގައި ވާހަކަ ދައްކަވާ މައުޟޫޢު، ނުވަތަ އޭގައި ބަޔާންވެގެންވާ ފާހަގަކޮށްލެވޭ އެއްޗަކަށެވެ. އެހެންކަމުން އަލްފާތިޙާ ސޫރަތަށް މިނަމުން ނަން ދެވުނު ސަބަބަކީ ޤުރުއާން ފެށިފައިވަނީ މިސޫރަތުން ކަމަށް ވާތީއެވެ.

މީގެ އިތުރުން މި ސޫރަތަށް ވެސް އެތައް ނަންތަކެއް އެބަހުއްޓެވެ. އެގޮތުން މި ލިޔުމުގެ ތިރީގައި މި ބަޔާން ކޮށްލަނީ ސޫރަތުލް ފާތިހާއަށް ދެވިފައިވާ އެހެން ބައެއް ނަންތަކެވެ. 

މި ސޫރަތުގެ "ބޮޑު"ކަމާއި ޝަރަފުގެ ސަބަބުން މި ސޫރަތައް ލިބިފައިވާ ނަންތައް ގިނައެވެ. ޢިލްމުވެރިން ސޫރަތުލް ފާތިޙާއަށް އޭގެ މާނައާއި ފައިދާ ދޭހަވާ އެތައް ނަންތަކެއް ނަންގަވައިފައިވެއެވެ. އޭގެ އަދަދު ގާތްގަނޑަކަށް ވިހި ނަމަށްވުރެ އިތުރުވެފައިވެއެވެ. އޭގެތެރެއިން ބައެއް ނަންތައް މި ލިޔުމުގައި ހިމަނާލާނަމެވެ. 

އައްޝައިޚް މުޙައްމަދު ޝަމްޢޫންގެ ލިޔުއްވުމެއްގައިވެއެވެ.

1-   ފާތިޙާ:

ޤުރުއާން މިސޫރަތުން ފެށިފައިވާތީއެވެ. އަދި ނަމާދުގެ ކޮންމެ ރަކުޢަތެއްގެ ކިޔެވުންވެސް މިސޫރަތުން ފެށޭތީއެވެ. 

2- އުއްމުލް ޤުރުއާން:

އުއްމުލް ޤުރުއާނޭ ކިޔުނީ މި ސޫރަތަކީ ޤުރުއާނުގެ އަޞްލު ކަމުގައިވާތީއެވެ. އެއްޗެއްގެ އުއްމޭ (މަންމައޭ) ކިޔެނީ އެއެއްޗެއްގެ އަޞްލަށެވެ. މައްކާއަށް އުއްމުލް ޤުރާއޭ ކިޔުނީވެސް މިބީދައިންނެވެ. އެއީ ހުރިހާ ރަށްތަކެއްގެ އަޞްލު ކަމުގައިވާތީއެވެ. 

3- އައްސަބުޢުލް މަޘާނީ:

އައްސަބުޢުލް މަޘާނީއޭ ކިޔުނީ މިސޫރަތުގައި ވަނީ 7 އާޔަތް ކަމުގައި ވާތީއެވެ. މި ސޫރަތުގައިވަނީ 7 އާޔަތް ކަމާމެދު ޢިލްމުވެރިންވަނީ އިއްތިފާޤުވެފައެވެ. ޝާޛު ރިވާޔަތެއްގައި، 8 އާޔަތް މިސޫރަތުގައި ވާކަމުގައި އައިސްފައިވެއެވެ.

މަޘާނީއޭ ކިޔުނީ ނަމާދުގެ ކޮންމެ ރަކުޢަތެއްގައި މިސޫރަތް ކިޔެވޭތީކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ މަޝްހޫރު ދަރިވަރު މުޖާހިދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"މަޘާނީއޭ ކިޔުނީ، ހުރިހާ އުއްމަތެއްގެ ތެރެއިން، މިއުއްމަތް އިސްތިސްނާ ކުރައްވައި، ހަމައެކަނި މިއުއްމަތަށް ﷲ ތަޢާލާ މިސޫރަތް ބާވައިލެއްވީތީއެވެ." 

4- އައްސަބުޢު މިނަލް މަޘާނީ: 

މިއީ ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ޢަބްދު ޚައިރު ރިވާކުރައްވާފައިވާ ގޮތެވެ.

އައްސަބުޢު މިނަލް މަޘާނީއޭ ކިޔުނު ސަބަބާމެދު ދެ ރައުޔެއް އައިސްފައިވެއެވެ. 

ފުރަތަމަ ރައުޔަކީ: މި ސޫރަތަކީ ޤުރުއާނުން ޚާއްޞަކުރެވިފައިވާ 7 އާޔަތް ކަމުގައިވާތީއެވެ. މިތާގައި މަޘާނީއޭ އައިސްފައި މިވަނީ ޤުރުއާނަށެވެ. އެއީ ﷲތަޢާލާ ޒުމަރު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. 

اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ (الزمر: ٢٣)

"، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ޙާލުގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިއިލާއަހަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެއިލާހު އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ." 

ޤުރުއާނަށް މަޘާނީއޭ ކިޔުނީ، ޢިލްމު ތަކުގެ ދެވައްތަރުވެސް މިފޮތުގައި ބަޔާންވެފައިވާތީއެވެ. އެއީ ވަޢުދާއި ވަޢީދެވެ. އަމްރާއި ނަހީއެވެ. އަދި މިފަދަ އެހެން އެއްޗިއްސެވެ. 

ދެވަނަ ރައުޔަކީ: އައްސަބުޢު މިނަލް މަޘާނީ އާއި، އައްސަބުޢުލް މަޘާނީއާއި މިއީ އެކައްޗެކެވެ. އަދި މިތަނުގައި އައިސްފައިމިވާ މިން އަކީ ދެބަސް ގުޅުވުމަށް ބޭނުން ކުރެވިފައިވާ މިން އެކެވެ. 

5- އުއްމުލް ކިތާބް: 

މިއީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައިވެސް މިސޫރަތުގެ ނަމެކެވެ. އިމާމް ތިރުމިޛީ ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޞައްޙަ ރިވާޔަތެއްގައިވެއެވެ. الحمد لله އަކީ އުއްމުލް ޤުރުއާނެވެ. އަދި އުއްމުލް ކިތާބެވެ. އަދި އައްސަބުޢުލް މަޘާނީއެވެ.”

އިމާމްބުޚާރީ ރަޙިމަހުﷲ ކިތާބުއް ތަފްސީރު ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

"އުއްމުލް ކިތާބޭ ކިޔުނީ މުޞްޙަފު މިސޫރަތުން ފެށިފައިވާތީއާއި، ނަމާދުގެ ކިޔެވުން ފެށެނީ މިސޫރަތުން ކަމުގައިވާތިއެވެ." 

އުއްމުލް ކިތާބޭ ކިޔުނީ ޤުރުއާނުގައި އައިސްފައިވާ ހުރިހާ އާޔަތެއްގެ މައިގަނޑު މާނަ މިސޫރަތުގައި ބަޔާންވެފައިވާ ކަންތައްތަކަށް ރުޖުޢަވާތީއޭވެސް ބުނެވެއެވެ. އިބްނު ޖަރީރު ރަޙިމަހުﷲ ވިދާޅުވިއެވެ. ކަމެއް އެއެއްޗަކަށް ޖަމަޢަވާ، ނުވަތަ ކަމެއް ފެށޭ އެއްޗަށް، އެއަށް ތަބަޢަވާ އެއްޗިހިތަކެއްވާނަމަ، އަދި އެއެއްޗިހީގެ އަޞްލެއް ކަމުގައި އަދި އިމާމެއްކަމުގައި ވާއެއްޗަށް ޢަރަބިން ކިޔަނީ އުއްމެވެ. 

6- އައްޞަލާތު:

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

قَالَ اللَّهُ تَعَالَى قَسَمْتُ الصَّلاَةَ بَيْنِى وَبَيْنَ عَبْدِى نِصْفَيْنِ وَلِعَبْدِى مَا سَأَلَ فَإِذَا قَالَ الْعَبْدُ ( الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ). (رواه مسلم)

"ތަޢާލާ ވަޙީކުރެއްވިއެވެ. ތިމަންއިލާހާއި، ތިމަންއިލާހުގެ އަޅާއާއި ދެމެދު އައްޞަލާތު ދެބަޔަށް ބެއްސެވީމެވެ. އަދި ތިމަންއިލާހުގެ އަޅާއަށް އެއަޅާ އެދުނުކަމެއް ވެއެވެ. އަޅާ އަލްޙަމްދު ލިއްލާހި ރައްބިލް ޢާލަމީން އޭ ކިޔުމުން ﷲ ތަޢާލާ ވަޙީކުރައްވައެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދުކޮށްފިއެވެ." 

މި ސޫރަތަށް އައްޞަލާތޭ ކިޔުނީ، ނަމާދުގެ ޝަރުޠެއް (ރުކުނެއް) ކަމުގައި މިސޫރަތް ވާތީއެވެ. 

7- އައްރުޤްޔާ:

އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި އައިސްފައިވެއެވެ. ސުލެއިމުގެ މީހަކަށް މިސޫރަތުން އެކަލޭގެފާނު ރުޤްޔާ ހެއްދެވުމުން، ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"އެއީ ރުޤްޔާއެއްކަން ކަލޭގެފާނަށް އެނގިލެއްވީ ކިހިނެއްތޯއެވެ؟"

 

- ޝައިޚް މުޙައްމަދު ޝަމްޢޫން

 

 

މިއަދު އޮންލައިން