ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ އެކަކު އަނެކަކާއި ބައްދަލުވުމުން އިސްލާމްދީނުގައި އޮތް މަގުން ސަލާމް ނުކުރެވޭ މައްސަލައެވެ. ސަލާމް ކުރާނަމަ މައްސަލަތައް މަދުވާނެއެވެ. ސަލާމް ނުކުރާނަމަ މައްސަލަތައް ގިނަވާނެއެވެ. ދެމީހުންގެ މެދުގައި ކުދިކުދި ޚިޔާލުތަފާތުވުންތައް ބޮޑެތި މައްސަލަތަކަށް ބަދަލުވެގެންދާނެއެވެ. މިއީ ތަޖުރިބާއިން އެނގޭ ކަންކަމެވެ.
އަހުރެންގެ ނަޞޭޙަތަކީ އަނެކާގެ ކިބައިން ތިމާ ކަންބޮޑުވާފަދަ އެއްވެސް މައްސަލައެއް ފެނިއްޖެނަމަ ނުވަތަ ކަމެއް ފާހަގަކުރެވިއްޖެނަމަ ފުރަތަމަ ދެމީހުންގެ މެދުގައި މަޝްވަރާކުރާށެވެ. މަޝްވަރާއިން ޙައްލުނުކުރެވުނު ނަމަ ރުޅިވެރިކަމެއް ނެތި ގޮސް ދީނީ ޢީލްމުވެރިއަކާއި ބައްދަލުކޮށް ލަފާހޯދާށެވެ.
އެއްވެސް ކަމެއްގައި ދެބަސްވެ އަރައިރުމަކަށް ކަންކަން ނުގެންދާށެވެ. ދެމީހަކު އެކަނި ތިބެގެން ނަމަވެސް ޒުވާބެއް ކުރާނަމަ މީހުން އެއްވާނެއެވެ. އެއީ ޒުވާބުގެ އަޑު ވަރަށް ދުރަށް ޝައިޠޯނާ ފަތުރައިލާތީއެވެ. ވީހައި ގިނަ ބައަކު އެއްކޮށް ޒުވާބުގައި ބައިވެރިކުރުވަން ޝައިޠޯނާ ބޭނުންވާތީއެވެ. އެކަމުގެ ތެރެއިން މީސްތަކުންގެ މެދުގައި އިތުރު ޒުވާބުތައް އުފައްދުވަން ޝައިޠޯނާ ބޭނުންވާތީއެވެ!
މީހުންތައް އެއްވެ އެކަކު އެއްގޮތަށް އަނެކަކު އަނެއް ގޮތަށް ވާހަކަދައްކާނެއެވެ. ޚިޔާލުތަފާތުވެގެން އުޅެނީ ދީނީ ކަމެއްގައި ނަމަ އެކަކު އެއް އިލްމުވެރިއެއްގެ ބަސްފުޅު ބަޔާންކުރާއިރަށް އަނެކަކު އަނެއް އިލްމުވެރިއެއްގެ ބަސްފުޅު ހާމަކުރާނެއެވެ.
ވިސްނާށެވެ! ބައެއް ކަންކަމުގައި ޢިލްމުވެރިންގެ ފަތުވާ ތަފާތުވާނެއެވެ. އެއީ ޢިލްމުވެރިން ފަތުވާ ދެއްވަނީ ޙާލަތާއި ގުޅިގެން ކަމަށްވާތީއެވެ. ކުރެވޭ ސުވާލުކާއި ގުޅިގެން ކަމަށްވާތީއެވެ. އަދި ކުރާމީހާއަށްވެސް ބައްލަވައިގެންވެސް ޖަވާބު ދެއްވާތީއެވެ.
ޚުދު ރަސޫލް ﷺ ވެސް އެއްކަމެއްގައި ޒުވާނުންނަށް ވަކި ގޮތަށް، ދޮށީ އުމުރެ މީހުންނަށް ވަކި ގޮތަކަށް މަޝްވަރާ ދެއްވަވާފައި އެބަހުއްޓެވެ. ބައެއް ކަންކަމުގައި މުސްކުޅިންނަށް ދެއްވެވި ޖަވާބާއި ޒުވާނުންނަށް ދެއްވެވި ޖަވާބު ތަފާތުވެފައިވަނީ އެހެންވެގެންނެވެ. .
ކަން އޮތީ މިމަގުންކަމަށްވާއިރު ދެ ޢިލްމުވެރިއެއްގެ ބަސްފުޅު ތަފާތުވުމުން އެއްވެސް ޢިލްމުވެރިއަކު ކުށްވެރިކޮށްގެން ނުވާނެއެވެ. އަދި އެހެން މީހުން އެކަންކަމާއިމެދު ޒުވާބުކޮށްގެންހަދައިގެން ނުވާނެއެވެ! ފިތުނަ އުފައްދައި މީސްތަކުން ބައިބައިކުރަން ޝައިޠޯނާއަށް ފުރުޞަތު ނުދެވި ސަލާމަތްވެވޭނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން