ނަފްސާނީ ބައްޔަކީވެސް ހަމަ ބައްޔެކެވެ. ވަކިވަރަކަށް ބޮޑުވުމުން ފަރުވާކުރަންޖެހޭނެ ބައްޔެކެވެ. ނަފްސާނީ ބަލީގެ ފަރުވާ ދެބައަކަށް ބެހިގެންދެއެވެ. ފުރަތަމަ ބައަކީ ރޫޙާނީ ފަރުވާއެވެ. ދެވަނަ ބައަކީ ބޭސްކުރަންޖެހޭ ޙާލަތުގައި ބޭސްވެރިކަމުގެ ފަރުވާއެވެ. އެންމެ އަވަހަށް ޝިފާލިބެނީ ޙާލަތަށް ބަލައި ދެބާވަތުގެ ފަރުވާވެސް ހޯދުމުންނެވެ.
ރޫޙާނީ ފަރުވާއަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމާއި ވާގިއެދުން ގިނަކުރުމެވެ. ފުރިހަމައަށް ވަކީލްކުރުމެވެ. ޑޮކްޓަރުދޭ ބޭސް ބޭނުންކުރި ނަމަވެސް ޝިފާލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ބައެއް ޑޮކްޓަރުން ކުރަން ބުނާ އިސްލާމްދީނުގައި ކުރަން ނެތް ކަންކަން ނުކުރަންވީ އެ ސަބަބަށްޓަކައެވެ.
ނަފްސާނީ ބައްޔަކީ އެކިއެކި ސަބަބުތަކާ ހުރެ ސިކުނޑިއަށް ލިބޭ އުނިކަމެކެވެ. އެކަމުގެ ފަރުވާ އަކީ ﷲ އަށް ބަރޯސާވެ، އީމާންތެރިކަން އިތުރުކުރުމެވެ. އީމާންކަމުގެ ދަރަޖަތައްވެއެވެ. އެންމެ މަތީގައި ފުރިހަމަ ޔަޤީންކަމެވެ. އެދަރަޖައިގާ ހުންނަމީހާ ނަފްސާނީ ބައްޔެއް ކުރިމައްޗެއް ނުވާނެއެވެ. މާނައަކީ ކުރިމަތިވިޔަސް މާޔޫސްވެ އަނދަވަޅަކަށް ނުވެއްޓޭނެއެވެ.
އެއްވެސް މީހެއްގެ އީމާންކަން އަބަދު އެއްވަރެއްގައި ނުހުރެއެވެ. އީމާންކަން ބަލިކަށި ޙާލަތުގައި ނަފްސާނީ ބަލީގެ އަސަރުކޮށްފާނެއެވެ. އީމާންކަން ބަލިކަށި ނުކޮށްހުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. މަސައްކަތް ކުރާމީހުނަށް އޭގެ ފައިދާ ކުރާނެއެވެ. ﷲ ގެ ތަޥުފީޤް ލިބޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން