ﷲ ތަޢަލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
﴿2﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْيَ وَلَا الْقَلَائِدَ وَلَا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا ۚ وَإِذَا حَلَلْتُمْ فَاصْطَادُوا ۚ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُوا ۘ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޝަޢާއިރުތަކާއި، އަދި ޙުރުމަތްތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފަޟްލުވަންތަކަމާއި، ރުއްސެވުންއެދި، ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޤަޞްދު ކޮށްގެން އަންނަމީހުންގެ ޙުރުމަތް ނުކަނޑާށެވެ! (މުރާދަކީ ޙައްޖުގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް ޙުރުމަތްތެރިކޮށްހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި ޙުރުމަތްތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމައެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން ޤަޞްދު ކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) ތިޔަބައިމީހުން އިޙްރާމް ކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަކުރާށެވެ! އަދި ތިޔަބައިމީހުން ޙުރުމަތްތެރިވެގެންވާ މިސްކިތަށް (އެބަހީ: ކަޢުބަތުﷲ ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ."
(އަލްމާއިދާ: 2)
މި އާޔަތުން އަހުރެން މިބަލައިލަނީ މިތަންކޮޅަށެވެ. "...އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!..."
އެނގިގެން މިދަނީ ކިތަންމެ ގާތް އެކުވެރިއެއްނަމަވެސް، ގާތްތިމާގެ މީހަކު ނަމަވެސް، އަދި އެހެން މީހަކުނަމަވެސް ނުބައި ޢަމަލެއް ކުރަން އެހީތެރިވެދީގެން ނުވާނެކަމާއި އެހީތެރިވެދޭންވީ ހެޔޮ ޢަމަލުތައްކުރަން ކަމެވެ. އެކުވެރިން އެއްކޮށްގެން ކުރަން އޮތްކަމަކީ ކުޅިވަރުތައް ކުޅުމާއި މުނިފޫހިފިލުވުން ނޫންކަމެވެ. އެކަކަު އަނެކަކަށް އެހީތެރިވެދީ ވާގިވެރިވާންވީ ތަޤްވާވެރިކަން އިތުރުވާނެ ޢަމަލުތައްކުރަން ކަމެވެ.
އާޔަތުގެ އެންމެ ފަހުބައަށް ބަލާށެވެ! "--އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ!" ވަޙީކުރެއްވެވުމަށްފަހު ދެން އެއޮތީ ކޮންފަދަ ވަރުގަދަ އިންޒާރުގެ ބަސްފުޅެއް ހެއްޔެވެ؟ "ހަމަކަށަވަރުން، ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ." އެއީ ކޮންބައަކަށް ހެއްޔެވެ؟ ހަމަކަށަވަރުން އެއީ ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވީ އަޅުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން