ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ހިތް އާލާކޮށް، ރޫޙާނީ ގޮތުން ކުރިއެރުން ހޯދުމަށް އެދޭނަމަ، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް ދިރިއުޅެ، ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރާށެވެ. މިއީ ތިބާގެ ހިތާއި، ޝަޚްޞިއްޔަތާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ޖިސްމާނީ ޞިއްޙަތު ރަނގަޅުކޮށް، ދުނިޔެއާއި އާޚިރަތުގައި ފާގަތިކަން ހޯދުމުގެ ހަރުދަނާ މަގެވެ.
އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ހިތަށް އެންމެ ފުންކޮށް އަސަރުކުރަނީ އަމިއްލަ ޒާތުގައި އެކަހެރިވެ އުޅޭ ވަގުތުތަކުގައި ކުރާ ޢަމަލުތަކުންނެވެ. އެހެނީ، އެއީ އިންސާނާގެ ޙަޤީޤީ ސިފަ ފާޅުވާ ވަގުތެވެ. އެކަހެރިވެ އުޅޭއިރު، އަޅުގަނޑުމެންގެ އަޚްލާޤާއި ޢަމަލުތައް ހުންނަ ގޮތުން، އަޅުގަނޑުމެންގެ އީމާންކަމުގެ ޙަޤީޤީ މިންވަރާއި، ޝަޚްޞިއްޔަތުގެ އަސްލު ސިފަ ހާމަވެގެންދެއެވެ.
އަމިއްލަ ނަފްސު ދެނެގަތުމަށްޓަކައި، އެކަހެރިވެ އުޅޭ ވަގުތުތަކުގައި ތިބާގެ ޢަމަލުތަކާއި ވިސްނުންތައް ވިސްނައި ފިކުރުކުރާށެވެ. މިސާލަކަށް، ފޯނު ބޭނުންކުރާއިރު ތިބާގެ ޢަމަލުތައް ހުންނަ ގޮތް ދިރާސާކުރާށެވެ. މިފަދަ މުހިންމު ވަގުތުތަކުގައި ތިބާގެ ނަފްސު މިނެކިރުމުން، ތިބާގެ ޙަޤީޤީ ސިފަ ދެނެގަނެވޭނެއެވެ.
މާތްﷲ އަށް ޙަޤީޤަތުގައިވެސް ބިރުވެތިވާ މީހުންނަކީ، އެމީހުން އެކަހެރިވެ އުޅޭއިރުވެސް އަދި މީސްތަކުންގެ ކުރިމަތީގައާއިވެސް، އެއްފަދައިން ހެޔޮ ޢަމަލުތައް ކުރާ ބައެކެވެ. މިފަދަ ތަޤްވާވެރި މުއުމިނުންނާ ގުޅުން ބަދަހިކޮށް، އެމީހުންގެ ކިބައިން ހެޔޮ ނަމޫނާ ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.
އިންސާނުންނަކީ ފާފަވެރި، ބަލިކަށި ބައެކެވެ. އަޅުގަނޑުމެން އެކަހެރިވެ އުޅޭއިރު، ބައެއްފަހަރު ކުށްވެރިވެ، ފަހަތަށް ޖެހެވެއެވެ. އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ތިއްބަވަނިކޮށް، އެ ދެ ބޭކަލުންނަށް ފާފަކުރެވުނެވެ. އަޅުގަނޑުމެންނަށްވެސް ފާފަކުރެވޭނެކަން ޔަޤީނެވެ.
އިސްލާމްދީނުގައި، އަމިއްލަ ޒާތީ ދިރިއުޅުމުގައިވެސް ﷲ އަށް ބިރުވެތިވުމުގެ މުހިންމުކަން ބަޔާންކޮށްދެއެވެ. އެކަކު އަނެކަކުގެ ޙައްޤުތައް އަދާކުރުމާއި، ގޯސްކަމެއް ވެއްޖެނަމަ އިޞްލާޙުކުރުމާއި، މަޢާފަށް އެދުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަދި ދަރިންނާއި މައިންބަފައިންގެ ޙައްޤުތައް އަދާކުރުމުގެ މުހިންމުކަންވެސް ބަޔާންކޮށްދެއެވެ.
ﷲ ތަޢާލާ އަބަދުވެސް އަޅުތަކުން ބައްލަވަމުން ގެންދަވާކަން ހަނދާންކުރުމުގެ މުހިންމުކަން މި ކަމުން ދޭހަވެއެވެ. މިކަމުގެ ސަބަބުން، ކުށްވެރިވުމުގެ ނުރައްކާ ކުޑަވެ، ނުބައި ޢަމަލުތަކުން ދުރުހެލިވެ، ހެޔޮ ޢަމަލުތައް އިތުރުކުރުމަށް މަގުފަހިވެގެންދެއެވެ.
ﷲ ތަޢާލާ ޙަދީދް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٤﴾
މާނައީ: "ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (4)"
- ބިލާލް އައްސަދުގެ ދަރުސަކުން