ބުއްފުޅުޅި ދިނުމަކީ ހީވެސްނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދަރިފުޅަށް ލިބޭކަމެއް! އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ގާތުން ދިނުން ހުއްޓާލަން ހެޔޮނުވާނެ ސަބަބުތައް!

ކިޔުމަށް ހޭދަވާނީ 2މ 41ސ
ބުއްފުޅުޅި ދިނުމަކީ ހީވެސްނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދަރިފުޅަށް ލިބޭކަމެއް! އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ގާތުން ދިނުން ހުއްޓާލަން ހެޔޮނުވާނެ ސަބަބުތައް!

ޢަލީ އިޙްޞާން ފިރާޤް

 

އާންމުކޮށް ކުޑަކުދިންނަށް މައިމީހާގެ ކިރުގެ ބަދަލުގައި ދެވޭ ކާނާ ދެވެނީ ބުއްފުޅީގައެވެ. ދަރިފުޅަށް ހަމަސްވުމުގެ ކުރިން ސިއްހީ އެއްވެސް ސަބަބެއްނެތި ބުއްފުޅި ދިނުމަކީ އޭގެ ސަބަބުން ދަރިފުޅަށް ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ. 

ބައެއް ސިއްހީ ސަބަބުތައް މެދުވެރިވެގެން ބުއްފުޅި ދިނުމަށް ޑޮކްޓަރު އިރުޝާދު ދީފާނެއެވެ. އެގޮތުން މައިމީހާގެ އުރަމަތި ދުޅަވެ ދޮސްލުންފަދަ ސަބަބުތަކާއި ބައެއް ކަހަލަ އިންފެކްޝަންތަކާއި މައިމީހާ ބޭނުން ކުރާ ބައެއް ކަހަލަ ބޭސްތައް ހިމެނެއެވެ. އަދި މިނޫންވެސް ސަބަބުތައް ހުރެއެވެ. މިފަދަ ކަމެއް އޮތްނަމަ ޑޮކްޓަރުން އެމީހަކަށް އެކަމުގެ އިރްޝާދު ދޭނެއެވެ. 

މައިމީހާގެ ކިރުގެ ބަދަލުގައި އެހެން ބާވަތްތައް ދޭ ކުދިންނަށް ތަފާތު މައްސަލަތައް ކުރިމަތިލާންޖެހެއެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކަކީ އޭ އަސަރު ކުއްޖާ ބޮޑުވުމަށްފަހުވެސް ކުރާނެ ކަންތައްތަކެވެ. އަނެއްބައި މައްސަލަތަކަކީ ތުއްތު އިރުވެސް ދިމާވެދާނެ މައްސަލަތަކެވެ. 

ތުއްތުދަރިފުޅަށް ބުއްފުޅިދޭން ފަށާތަނުން ދިމާވާ އެއް މައްސަލައަކީ ބަނޑުގެ މައްސަލަތަކެވެ. އެގޮތުން ބޭރަށް ހިނގުމާއި ބައެއް ކަލަހަލަ އިންފެކްޝަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މައިމީހާގެ ކިރަކީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާނެ މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. އޭގެ ބަދަލުގައި ބުއްފުޅީގައި ދެވޭ ބާވަތްތަކުގައި މިބައި އެންމެ އެކަށީގެންވާ ގޮތެއްގައެއް ނުހުރެއެވެ. އަދި ބައެއް ފަހަރު ބުއްފުޅި ހަދާއިރު ފަރުވާ ކުޑަކޮށްލެވުމުގެ ސަބަބުން ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް ފާހަގަކުރެއެވެ. 

މައިމީހާގެ ބަދަލުގައި ދެވޭ ބައެއް ކަހަލަ ބާވަތްތަކުގެ ސަބަބުން ދަރިފުޅު އެލާޖިކް ވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. އަދި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާނެ މުހިންމު ބައިތައް ބައެއް ފަހަރު ނުލިބޭތަން އާދެއެވެ. މީގެ އިތުރުން ދަރިފުޅުގެ ބަނޑުގައި ގޭސްހެދުމާއި ބައެއް ކުދިން ބަނޑުދިޔާވުމާއި އަނެއްބައި ކުދިންގެ ބަނޑުހަރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. 

ބުއްފުޅި ދިނުމުގެ ސަބަބުން ދާއިމީ ގޮތަކަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި  ހަކުރު ބައްޔަށް މަގުފަހިކުރުމާއި, ދަރިފުޅު ބޮޑުވަމުން އަންނަ ދުވަސްވަރު ހުންނަން ވާވަރަށްވުރެ ދަރިފުޅުގެ ބަރުދަން އިތުރުވުމާއި ހަމުގެ ބަލިތައް ޖެހުން ހިމެނެއެވެ. ދާއިމަށް ފަރުވާ ކުރަން ޖެހޭ ބަނޑުގެ ބަލިތައް (Crohn’s disease, Ulcerative colitis) ޖެހުމުގެ ފުރުސަތުވެސް އިތުކޮށްދެއެވެ.  މީގެ އިތުރަށް ދަރިފުޅުގެ ވިސްނުންކޮށިވުމަށް މެދުވެރިވާކަމަށްވެސް ހޯދުންތަކުން ދައްކައެވެ. 

ބައެއް މައިންނަށް ދަރިންނަށް ފުދޭވަރަށް ކިރު ނުހުންނަ ކަމަށް ހީވެދާނެއެވެ. ނަމަވެސް ކިރު އުފެއްދުމުގެ ގާބިލުކަން ގާތްގަނޑަކަށް ހުރިހާ މައިންނަށްވެސް ލިބިގެންވެއެވެ. ބައެއް މީހުންނަށް ވާގޮތަކީ އެފަދަ ހީއެއްވާއިރަށް ބުއްފުޅި ދޭންފަށަނީއެވެ. ނަމަވެސް ގިނައިން ކިރު އުފައްދާނީ އަދި ކިރު އަންނާނީ ގިނައިން ދަރިފުޅު އުރަމަތީގައި އަނގަޖަހައި ބޮއި ހަދާނަމަވެއެވެ. ވީމާ ކިރު ނާންނަހެން ހީވާނަމަ ވިސްނަންވީ ކަމަކީ ގިނަގިނައިން ކިރުދިނުމުގެ ސަބަބުން އުފެދޭ ކިރު އިތުރުވާނެ ކަމެކެވެ. 

ވީމާ އެއްވެސް ސަބަބެއްނެތި ބުއްފުޅި ދިނުމުން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ގިނައެވެ. ސަމާލުކަން ދޭންވީ ދަރިފުޅުގެ ފުރަތަމަ ހަމަހުގައި އިތުރު އެއްވެސް އެއްޗެއްނުދީ ހަމައެކަނި މައިމީހާގެ ކިރު ދިނުމަށެވެ. އަދި ދަރިފުޅުގެ އުމުރުން ދެއަހަރުވަންދެން ކިރުދިނުން ހުއްޓާނުލުމަށެވެ.

މިއަދު އޮންލައިން