ދަތިކަމާ ބަލިޙާލެއް ކުރިމަތިވިޔަސް ކަންބޮޑުވާން ނުޖެހި އެކަމަކުން ތިމާއަށް ހިތްހަމަހަމަޖެހުން ލިބި އެންމެ ބޮޑު ފައިދާކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަތިކަމާ ބަލިޙާލެއް ކުރިމަތިވިޔަސް ކަންބޮޑުވާން ނުޖެހި އެކަމަކުން ތިމާއަށް ހިތްހަމަހަމަޖެހުން ލިބި އެންމެ ބޮޑު ފައިދާކުރާނެ ގޮތް-

ދުނިޔެއަށް އުފަންވީންސުރެ ﷲ ތަޢާލާގެ ނިޢުމަތްތައް އަންނަނީ ލިބެމުންނެވެ. ކޮންމެ ދުވަހަކީވެސް އެތައް ބައިވަރު ނިޢުމަތްތަކެއް މިންވަރުކުރައްވަވާ ދުވަހެކެވެ. ގިނަ ބައަކަށް މިވާގޮތަކީ މެދުކެނޑުމެއް ނެތި އަބަދު ލިބެމުން އަންނަ ނަމަ އެކަމުގެ އަގުވަޒަން ނުކުރެވެނީއެވެ. ކޮންމެ ދުވަހަކު ލިބޭނަމަ އެއްޗެއް ލިބޭކަމަށްވެސް ޤަބޫލުނުކުރެވެނީއެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދު ޣާފިލުވެވެނީ އެހެންވެގެންނެވެ. 

ލޮބުވެތިއެކުވެރިންނޭވެ! ކުރިމަތިވާ ކަމަކާއި ގުޅިގެން ޝަކުވާކުރުމުގެ ކުރިން ތިމާއަށް މިހައިތަނަށް ދެއްވެވި ނިޢުމަތްތަކާއިމެދު ވިސްނައިލާށެވެ! އަދި ކޮންމެ ދުވަހަކުވެސް ދެއްވަވަމުން ގެންދަވާ ނިޢުމަތްތަކާއިމެދުވެސް ވިސްނައިލާށެވެ! އަދި ހަމަ މިވަޤުތު ލިބެމުން އަންނަ ނިޢުމަތްކާއިމެދުގައިވެސް ވިސްނައިލާށެވެ! 

އެކަންކަމަށް ނުވިސްނައި ޝަކުވާކުރާނަމަ އެއީ ދެއްވަވަން އޮތް އެތައް ހާސް ނިޢުމަތްތަކެއް ނަގައިލުން ފަދަ ކަމެކެވެ. އެކަންވާނީ ކުރެވޭ ކޮންފަދަ ބޮޑު މޮޔަކަމަކަށް ހެއްޔެވެ؟ އަބަދުހެން މިކަންކަން ހަނދާންކޮށްދެމުން ގެންދާއިރުވެސް އެކަންކަން ހަނދާނުގައި ހުންނަނީ ހާމަ މަދު މީހެއްގެއެވެ. 

ﷲ ތަޢާލާ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރައްވަވާނީ ދާއިމަކަށެއް ނޫނެވެ. ފަހަރެއްގައި ދުނިޔޭގައި ހުރެވޭ މުއްދަތުގައި ތަކްލީފެއް އުފުލަން ޖެހުނަސް މަރުވުމާއިއެކު އެކަން ނިމިގެންދާނެއެވެ. އެއީ ކިތަންމެ ބޮޑު ބަލިޙާލެއްގައި ނުވަތަ ކިތަންމެ ބޮޑު ދަތިޙާލެއްގައި އުޅެންޖެހުން ކަމަށްވީނަމަވެސްމެއެވެ. 

އަދި ކީއްހެއްޔެވެ؟ އެކަމަށް ކެތްތެރިވެއްޖެނަމަ މަރުވުމާއި ހަމައިންވެސް އެމީހަކަށް ރަހްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އިތުބާރުކޮށް ވަކީލުކޮށް ޝުކުރުކުރުންމަތީގައި ހުރީތީއެވެ. ވީމާ ކޮންމެ ކަމެއް ނުވަތަ ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް މިކަންކަމަށް ވިސްނައިފި މީހަކަށް ކުރާނެ ފައިދާ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން