އަނބިމީހާ ތިމާއަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތާނަމަ އެއީ ގޮތްހުސްވެގެންކަމަށް ދެކެ ނާޖާއިޒުފައިދާ ނަގަން މަސައްކަތްކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
އަނބިމީހާ ތިމާއަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތާނަމަ އެއީ ގޮތްހުސްވެގެންކަމަށް ދެކެ ނާޖާއިޒުފައިދާ ނަގަން މަސައްކަތްކުރަން ހެޔޮނުވާނެ!

ދެމަފިރިންގެ މެދުގައި ލޯބި ގެއްލި ކައިވެނި ރޫޅުމަކީ އެންމެ ޢާންމު މައްސަލައެއް ކަމަށް ވެފައިވާއިރު އަދި އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަމަށްވެފައިވާއިރު މި މައްސަލަ މިހައި ބޮޑު މައްސަލައަކަށްވެގެން މިދަނީ ކީއްވެގެންކަން ބަލައިލަން އެބަޖެހެއެވެ.

އެގޮތުން އެންމެ ފުރަތަމަކަމަކަށް ފާހަގަކުރަންޖެހޭ މައްސަލައަކީ އެކަކު އަނެކަކަށްދޭންޖެހޭ ލޯބި ނުދެވުމެވެ. ދެމީހުންވެސް ލޯބިބޭނުންވެއެވެ. އަޅައިލުމާއި އިޙްތިރާމްކުރުން ބޭނުންވެއެވެ. އޯގާތެރިކަން ބޭނުންވެއެވެ. މިކަންކަން އަނބިމީހާއަށް ބޭނުންވާވަރު އިތުރުވެގެންދެއެވެ. 

އެހެނީ އިސްލާމީ މުޖުތަމައުތަކުގައި ވަރަށް ގިނަ އަނބިންނަކީ ފިރިމީހާއާއި ދަރިންގެ ޚިދުމަތުގައި ގޭގައި އިންނަ މީހެކެވެ. އޭނާއަށް ލޯބިދީ އަޅާލައި އޯގާތެރކަން ފޯރުކޮށްދިނުމުގައި ފިރިމީހާ ފޭލްވެއްޖެނަމަ ދެން އޭނާއަށް އެކަންކަން ފޯރުކޮށްދޭނީ ކާކުހެއްޔެވެ؟ އޭނާއަށް ހޯދޭނީ ކިހިަކުންހެއްޔެވެ؟ 

ފިރިމީހާ ކިތަންމެ ރަނގަޅަކަށް ކަންކަން ކޮށްދެމުންދަނިކޮށް ވެސް ނުބައި މަގު ޚިޔާރުކުރާ އަންހެނުންވެސް ނުތިބޭކަމަކަށް ނުބުނަމެވެ. ނުބައި ކަންކަންކުރާ މީހުން ފިރިހެނުންގެ ތެރޭގައިވެސް ތިބޭނެއެވެ. އަނިބީމާ ކިތަންމެ ރަނގަޅަށް ޚިދުމަތްކުރަމުން ދަނިކޮށްވެސް ނުބައިމަގުންދާ ފިރިހެނުންވެސް ތިބެނީ ނޫންހެއްޔެވެ؟ 

އަހަރެން މިވާހަކަދައްކަނީ އަހަރެންނަށް އެނގިހުރި މައުލޫމާތަށެވެ. އަހަރެންނަށް ލިބިފައިވާ މައުލޫމާތަށްބުރެވެހުރެ ބުނާނަމަ ބުނަންޖެހެނީ ގިނަ އަނބިން ނުބައިމަގުން ދަނީ އެމީހުންނާއި އަޅާލަންޖެހޭވަރަށް އަޅާނުލެވުމުންނެވެ. ޚަރަދުކުރާނެ ފައިސާ އަތަށް ދިނުމުން ހުރިހާކަމެއް ކޮށްދެވުނީކަމަށް ޤަބޫލުކުރެވޭތީއެވެ. 

އަނބިމީހާ ތިމާއާއިއެކު ދިރިއުޅެމުންދާނަމަ ފިރިމީހާއަށް ގިނަފަހަރަށް ޔަޤީންކުރެވިފައި އޮންނަނީ އަނބިމީހާ ތިމާދެކެ ލޯބިވާކަމަށެވެ. އަދި އެއީ ތިމާގެ އަމިއްލަ މިލްކެއް ކަމަށެވެ. ކޮންމެހެން ލޯބިވާކަމަށް ނުބުނުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ގިނަ އަންހެނުންގެ ވިސްނުން ވަރަށް ތަފާތެވެ. ފިރިމީހާގެ ދުލުން ޢޭނާދެކެ ލޯބިވާކަމުގެ ބަސްބުނާއަޑު ކޮންމެ ދުވަހަކު އިވެން ބޭނުންވެއެވެ. 

އެހެން އެވަނީ އަންހެނުންނަކީ އަބަދުވެސް އެމީހުންގެ ރީތިކަމާއި އެހެން އަންހެނުންގެ ރީތިކަމާއި އަޅުވައިކިރާބައެކެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ވިސްނާބައެކެވެ. އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބުތަކެއްވެސް ހުރެއެވެ. މިސާލަކަށް ކުދިން ވިހެއުމުން އެމީހުންގެ ހަށިގަނޑަށް ބަދަލުތައް އާދެއެވެ. މަސައްކަތްބުރަވުމުންވެސް ބަދަލުތައް އާދެއެވެ. އެހެންކަމުން އެ ބަދަލުތައް އައުމުންވެސް ތިމާގެ ފިރިމީހާ ތިމާދެކެ ލޯބވާކަން ޔަޤީންކުރަން އަންހެނުން ބޭނުންވެއެވެ. 

އަނބިމީހާ ތިމާއަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތާނަމަ އެއީ ގޮތްހުސްވެގެންކަމަށް ދެކެ ނާޖާއިޒުފައިދާ ނަގަން މަސައްކަތްކުރަން ހެޔޮނުވާނެއެވެ. އެއީ އެންމެ ނުބައި މީހުންގެ ސިފައެކެވެ. ދެމަފިރިންނަށްވެސް ބުނެލަން އޮތީ ބައިވެރިޔާ ތިމާއަށް ހެޔޮވާވަރަކަށް ތިމާވެސް އެގޮތަށް ކަންތައްކުރާށެވެ! އެކަމުގެ ނާޖާއިޒު ފައިޑާ ނުނަގާށެވެ! 

ވީމާ އަނބިމީހާދެކެ ލޯބިވާކަން އެއީ ކޮންމެ ދުވަހަކުވެސް ގިނައިން ހާމަކުރަންޖެހޭ ކަމެކެވެ. އަދި އެކަން ހާމަކުރަންޖެހޭނީ ހަމައެކަނި ދުލަކުންނޫނެވެ. ދުލުން އެކަން ހާމަކުރުމާއިއެކު އަމަލުންވެސް ހާމަކުރަންޖެހެއެވެ. ޢަމަލުން ހާމަކުރުމަކީ އަޅައިލުމާއި އޯގާތެރިވުމެވެ. އަޅައިލާކަން ޢަމަލުން ދެއްކުމެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން