ސިޙުރުވެރިންގެ ގާތަށްގޮސް ސިޙުރުހައްދުވާ މީހުން ގިނަވެ ބޮޑު މުޞީބާތަކަށް ވެއްޖެ! ހިތަށް ބިރުވެރިކަން ވެއްދޭތޯ ނިކަން މިކަންކަން އެނގިބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 40ސ
ސިޙުރުވެރިންގެ ގާތަށްގޮސް ސިޙުރުހައްދުވާ މީހުން ގިނަވެ ބޮޑު މުޞީބާތަކަށް ވެއްޖެ! ހިތަށް ބިރުވެރިކަން ވެއްދޭތޯ ނިކަން މިކަންކަން އެނގިބަލަ!

ބައެއް ޢިލްމްވެރިން ސިފަކުރައްވާ ގޮތުގައި ސިޙުރަކީ ހަތިޔާރުންދޭ ޙަމަލާތަކަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ. ސަބަބަކީ ސިޙުރު ޖެހުމުން އެކަން ނުއެނގި ހުރެ އެމީހަކު ހަލާކުވެގެންދާތީއެވެ. ސިޙުރު ހައްދުވާ މީހުންނަށް އެކަންކަން ހަމަ ނުއެނގެނީ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އެކަންކަމަށް ކުރިމަތިލާން ޖެހޭނެކަން ޤަބޫލުނުކުރެވެނީ ހެއްޔެވެ؟  

ސިޙުރުވެރިންގެ ގާތަށް ގޮސް ސިޙުރު ހައްދުވައި މީސްކީހުންނަށް ސިޙުރު ޖައްސުވަން މަސައްކަތްކުރުން ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. މީސްތަކުންގެ ނުބައި ނުލަފާ ކަމާއި ޖާހިލުކަން ބޮޑުވި ވަރަކަށް މިފަދަ ކަންކަން ދާނީވެސް އިތުރުވަމުންނެވެ.  

ތިރީގައިވާ ލިޔުމަކީވެސް ސިޙުރާއިބެހޭގޮތުން އެނގުން މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނިގެންވާ ލިޔުމެކެވެ.  

މިޞްރުގެ ޢިލްމުވެރިއެއްކަމުގައިވާ ޝެއިޚް ވަޙީދް ޢަބްދުއްސަލާމް ބާލީގެ މަޝްހޫރުފޮތް ‘ވިޤާޔަތުލް އިންސާން މިނަލް ޖިންނި ވައްޝައިޠާން’ގެ ދިހަވަނަ ޗާޕްގެ މުޤައްދިމާގައި ޝެއިޚް ލިޔުއްވާފައިވެއެވެ. 

"ސިޙުރު ޖެހިފައިވާ މީހުން ފަރުވާ ހޯދުމަށް ދާންއޮތް ހަމެކަނި ތަނަކީ ސިހުރުވެރިންގެ މަރުކަޒުތައްކަމުގައިވި ދުވަސްވަރެއްވެސް ފާއިތުވެ ހިނގައްޖެއެވެ. އޭރު ސިހުރުވެރިންގެ ގެތައް ކުރިމަތިން ދާ ކޮންމެ މީހަކަށް، ފަރުވާ ހޯދުމަށްޓަކައި އެތައްބަޔަކު އެތަނަށް ގޮސް ކިއު ހަދާފައިވާތަން ފެންނާނެއެވެ. މިއީ އޭނާގެ ދީނަށް ޣީރަތްތެރި ކޮންމެ މުސްލިމަކަށްވެސް، ހިތާމަވެރި ހިތްދަތި މަންޒަރަކަށް މެނުވީ ނުވާނެއެވެ. އަދި ﷲ އެއްކައުވަންތަކުރާ، މުވައްޙިއްދުންގެ ހިތްފަޅައިގެންދާނޭފަދަ ކަމަކަށް މެނުވީ ނުވާނެއެވެ. ދެންފަހެ ނަޞޭޙަތް ދެވޭހިނދު، މާޔޫސްވެ ހަނދާނެގޮތް ހުސްވެފައިވާޙާލު އެބަލިމީހުންތައް ބުނެތެވެ. ‘މި ސިޙުރުން ސަލާމަތްވާނޭ އިތުރުގޮތެއް އެބައޮތް ހެއްޔެވެ؟ މި ޖިންނި ނެރޭނޭ އިތުރުގޮތެއް އެބައޮތް ހެއްޔެވެ؟’ އެހިނދު، އެމީހުންނަށް ދޭނެ އެއްވެސް ޖަވާބެއް، އެކަމުން ދުރުވުމަށް އޭނާއަށް ނަޞޭޙަތްތެރިވި މީހާއަށް (އޭރު) ނުވެއެވެ. ‘އޭ ހައްދަވައި ގެންގުޅުއްވާ އިލާހް! މިއަޅާގެ ޤައުމުގެ މީހުންނަށް ހިދާޔަތު ދައްކަވާފާނދޭވެ! އެމީހުންނަށް ނޭނގެނީއެވެ.’ ބުނުން މެނުވީއެވެ. 

އަދި މިފަދަ އެހެން މުޞީބާތެއްވެސް ބައެއްޤައުމުތަކުގައި ފެތުރިފައިވިއެވެ. ޚާއްޞަކޮށް މިޞްރުގައެވެ. އެއީ ސިހުރުން ސަލާމަތްވުމަށްކަމުގައިބުނެ، ނަޞާރާދީނުގެ ފާދިރީން ކައިރިއަށް ދިއުމެވެ. އެހިނދު، ޞަލީބު އެޅުމަށް އެ ފާދިރީންތައް ބުނެއެވެ. އަދި ފާޑުފާޑުގެ ކިޔެވިލިތައް ކިޔަވައި، ޝިރުކުގެ ބަސްތައް ލިޔެފައިވާ ކަރުދާސްތައް އެމީހުން އަތަށް ދެއެވެ. 

އެހެނެއްކަމަކު، ދެވަޙީ(ޤުރުއާނާއި ސުންނަތު)ގެ ޛަރީޢާއިން މި ޚުޠޫރަތްތެރި ޢަމަލުތަކުން، މީސްތަކުން ސަލާމަތްކުރެއްވުމަށް ﷲތަޢާލާ އިރާދަކުރައްވައިފިއެވެ. ޤުރުއާނާއި ސުންނަތުގެ ޢަލީގައި މިކަމަށް ފަރުވާކުރާނޭ ހެޔޮލަފާ ޞާލިޙު އަޅުންތަކެއް، ﷲތަޢާލާ ފާޅުކުރައްވައިފިއެވެ. ޝަރުޢީ ރުޤްޔާއިން ސިހުރާއި ޖިންނި މޮޔަވުމަށް ފަރުވާކުރަން ފެށިއްޖެއެވެ. ޖިންނިންތައް ކިޔަމަންކުރެވިގެންވާހާލު، އިންސާނުންގެ ހަށިގަނޑުން ނެރެވެން ފަށައިފިއެވެ. ﷲތަޢާލާގެ ރަޙްމަތްވަންތަކަމުންނެވެ. މީސްތަކުން، ސިހުރުގެ ވަކިތަކުން ސަލާމަތްކުރެވި ސިހުރު ބާޠިލްކުރެވެން ފަށައިފިއެވެ. މިއީ ﷲ، އިރާދަކުރެއްވި އަޅަކަށް ދެއްވާ، އެއިލާހުގެ ފަޟްލަވަންތަކަމެވެ. މި ޞާލިޙު ޒުވާނުންގެ އެންމެ ފާހަނގަކޮށްލެވޭ އެއްސިފައަކީ، މިކަމަށްޓަކައި އެމީހުން އެއްވެސް އުޖޫރައެއް ނުނަގާކަމެވެ. އެހެނީ އެމީހުން ޤަބޫލުކުރަނީ މިއީ ﷲގެ ދީނަށް ދަޢުވަތުދިނުމަށްޓަކައި ހުޅުވިފައިވާ މަގެއް ކަމުގައެވެ.  

ﷲގެ ވަޙީބަސްފުޅު  

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلا عَلَى رَبِّ الْعَالَمِينَ (الشعراء: 145)  

އަދި އަހުރެން އެކަމަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ." 

އަދި  وَيَا قَوْمِ لا أَسْأَلُكُمْ عَلَيْهِ مَالا إِنْ أَجْرِيَ إِلا عَلَى اللَّهِ (هود: 29)

އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންއަޅާގެ އުޖޫރަ، ﷲގެ ޙަޟްރަތުން ނޫނީ ނުވެއެވެ." އެއީ އެމީހުންގެ ޝިޢާރެވެ. 

މިގޮތުގެ މަތީން ޝަރުޢީ ރުޤްޔާ ފެތުރި، ސިޙުރުވެރިން ނިކަމެތިކުރެވިއްޖެއެވެ. މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމަށްޓަކައި އެމީހުން ވިއްކަމުން އައި އެއްޗިހި ގަންނާނޭ މީހަކުނުވިއެވެ. އެހެންކަމުން އެމަސައްކަތް ހުއްޓާލާއި އެހެން މަސައްކަތްތަކަށް އެސިޙުރުވެރިންގެ ތެރެއިން ގިނަ މީހުން ކުރިމަތިލައިފިއެވެ.  

فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (الأنعام: 45)

"ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ." 

ޤުރުއާނުން ފަރުވާކުރުމުގައިވާ ޚާއްޞަ ފައިދާތައް

1-        އެމީހުން (ޤުރުއާނުން ފަރުވާކުރާ ރާޤީން) ބަލިމީހާއަށް، އޭނާގެ ވެރިރައްބާއި ގުޅުން ވަރުގަދަކުރުމަށް ބާރުއަޅައެވެ. ހެޔޮކަންތަކަށް ފަރުވާތެރިވުމަށާއި ނުބައިޢަމަލުތަކުން ދުރުވެ ރައްކާތެރިވުމަށް ނަޞޭޙަތްތެރިވެއެވެ. ދަތިއުނދަގޫތަކުން ސަލާމަތްކުރައްވާ، ބަލިތަކުން ޝިފާދެއްވާ، އުޑުތަކާއިބިމާއި އެދެމެދުގައިވާހާއި އެއްޗެއްގެ ވެރިރައްބު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބޮޑަށް ކުއްތަންވުމަށް ވަޞިއްޔަތްކުރެއެވެ. އެހެންކަމުން އެމީހުން އެފަރުވާކުރަނީ ހަމައެކަނި ހަށިގަނޑަކަށް ނޫނެވެ. ނަމަވެސް ހަށިގަނޑާއި، ހިތުގައިވާ ބަލިމަޑުކަމަށް އެކުއެކީގައެވެ. 

2-        އެމީހުން، މުއްސަންޖެއްގެ ކިބައިންވެސް އަދި ފަޤީރެއްގެ ކިބައިންވެސް، އެފަރުވާއަށް އުޖޫރައެއް ނުނަގައެވެ. އެހެންކަމުން މާއްދިއްޔަތަށް މީހުން ގެއްލިފައިވާ މިދުވަސްވަރު، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ހަމްދަރުދިއާއި އަނެކާއަށް އެހީތެރިވުމުގެ މާތްޞިފަ ފަތުރާބަޔެއްކަމުގައި އެބައިމީހުންވެއެވެ.  

3-        ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަރާތްޕުޅުން ޘާބިތުވާ ކަމަކުން މެނުވީ އެމީހުން ފަރުވާ ނުކުރެއެވެ. ނަތީޖާއަކީ ޚުރާފާތްތަކާއި ބާޠިލުކަންތައް ނެތިދިއުމެވެ. 

4-        ގެ ފަޟްލަވަންތަކަމުން މިފަރުވާގެ ޛަރީޢާއިން، އިސްލާމްގެ ނަމާއި، ދީނުގެ ރަސްމުނޫނީ ނުދަންނަ އެތައްގެޔަކަށް ދީނުގެ ޙައްޤު ދަޢުވަތު ވަދެއްޖެއެވެ. މީގެ ކުރިން އެމީހުންނަށް މަގުދައްކާ އެއްޗެއްކަމުގައިވީ ޓީވީ ޗެނަލްތަކެވެ. އެމީހުންގެ ޘަޤާފަތާއި އަޚްލާޤް ބައްޓަންކުރަމުން އައީ، ފާޖިރު ޢަމަލުތައް ފަތުރަމުންދާ އެޗެނަލްތަކުން ދައްކާއެއްޗިއްސާ އެއްގޮތަށެވެ. ނަމަވެސް މިއަދު، މިފަރުވާގެ ޛަރީޢާއިން އިސްލާމްދީނުގެ ސީދާމަގުފެނި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި ހިދާޔަތަށް ތަބަޢަވަމުންދަނީ ކިތައް އާއިލާތޯއެވެ! އެންމެހައި ޙަމްދެއްވަނީ ﷲތަބާރަކަވަތަޢާލާއަށެވެ.  

ނަމަވެސް

ޝަރުޢީ ރުޤްޔާ ހެދުމުގެ ދާއިރާއަށް، ދީންމަތީ ޘާބިތުނުވާ، ފިޤުޙުޢިލްމުގައި ފައްކާނުވާ ޒުވާނުންތަކެއް ވަދެފިއެވެ. ތިމަންމެން މިޞިފަ ލިބިގަންނަނީ އަޙްމަދުބިން ޙަންބަލްއާއި އިބްނުތައިމިއްޔާ ރަޙިމަހުމަﷲގެ ޞިފައިންކަމުގައި ދަޢުވާކޮށް، އެކުދިންތައް ރުޤްޔާހަދަން ފަށައިފިއެވެ. އެމީހުންނަށް އަދި ޤުރުއާންވެސް ދަސްނުކުރެވެނީހެވެ. އަދިކިއެއްތަ! ދީނުގެ އެހެންކަންތައް ނޭނގޭތާ، ވުޟޫގެއްލޭ ކަންތަކާއި، ނަމާދުގެ ރުކުންތަކާއި، ނަމާދު ޞައްޙަވުމުގެ ޝަރުޠުތައްފަދަ ކަންތައްވެސް އޭގެތެރެއިން ގިނަކުދިންނަށް ނޭނގެއެވެ. ކުރެވުނުހައިކަމަކީ ރުޤްޔާގައި ކިޔާއެއްޗިހިތަކެއް ދަސްކުރުން، ނުވަތަ އެ މައުޟޫއަށް ލިޔެވިފައިވާ ދެތިން ފޮތްކިޔުމެވެ. ދެން އެއަށްފަހު ރުޤްޔާހަދަންފެށީއެވެ. ނަތިޖާއަކަށްވީ ދީނުގައި ހުއްދަނޫން ކަންތަކާއި، ބިދުޢަތަކާއި ޚުރާފާތްތަކަށް، ނޭނގިތިބެ އަރައިގަނެވުމެވެ. މިކަމުގެ މައިގަނޑު 2 ސަބަބެއްވެއެވެ. 

1- އެ ކުދިންނަށް ދީނުގެ ކަންތައްތައް ރަނގަޅަށް އެނގިފައިނުވުން.

2- ޖިންނި ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރުން. އެހެނީ ބައެއްފަހަރު ޖިންނި ‘ނަޞޭޙަތްތަކެއް’ ދީފާނެއެވެ. މިސާލަކަށް ޖިންނި ބުނެފާނެއެވެ. މިވެނިކަމެއް ދިމާވާހިނދު އެވެނި އާޔަތްތަކެއް ކިޔާށެވެ. ނުވަތަ ކޮންމެވެސް ގޮތަކަށް ޤުރުއާންލިޔުމަށްފަހު އެވެނިމިވެނި ކަންތަކެއް ކުރާށެވެ. ދެން އެކުއްޖާ އެގޮތަށް ކަންތައްކޮށްފާނެއެވެ. ނަތީޖާއަކަށްވަނީ ދީނުގައި ހުއްދަނޫން ކަންތައްތަކެއް ކުރެވުމެވެ. 

އެކުދިންކުރާ ދީނާއި ޚިލާފު ކަންތައްތަކުގެ ތެރެއިން އަޅުގަނޑާއި ހަމައަށް އަންނަނިވި ކަންތައް އައިސްފައިވެއެވެ.

1- ބަލިމީހާގެ ގައިގައި ޤުރުޢާނުގެ އާޔަތްތައް ލިޔުން.

2- ސޫރަތްތައް ފެށޭތާނގައި އައިސްފައިވާ (حم) ފަދަ އަކުރުތައް ބަލިމީހާގެ އިނގިލީގައި ލިޔުން.

3- ބަލިމީހާގެ ނިތްކުރީގައި ނޫނު އެކޮޅުކޮޅުން ލިޔުން.

4- ﷲގެ އިސްމުފުޅު އެއްޗެއްގައި ލިޔުމަށްފަހު އަންދައި، އޭގެ ވަސްބެލުމަށް ބަލިމީހާކައިރީ ބުނުން.

5- ފަރުވާކުރަމުންދާއިރު ދުންއެޅުން.

6- ޖިންނީގެ ވައްތަރު ދެނެގަތުމަށްކަމަށްބުނެ، އަންހެނުންގެ މޫނުބެލުން.

7- ކިޔަވަމުންދާއިރު ބަލިމީހާގެ އަތްމައްޗަށް ނެގުމަށް ބުނުމަށްފަހު، ޖިންނިއާއި މުޚާތަބުކޮށް، އޭނައަށް(ބަލިމީހާއަށް) ސިޙުރެއް ޖެހިފައިވާނަމަ އޭނަގެ ދެއަތް ކައިރިކުރުމަށް ބުނުން. އަދި އެކަހަލަކަމެއް ނުވާނަމަ ދެއަތްދުރުކޮށް ހުޅުވުމަށް ބުނުން.

8- މަޙުރަމަކުނެތި ބަލިއަންހެނުންނަށް (ފަރުވާކުރުމަށްޓަކައި) ކިޔެވުން.

9- ފަރުވާކުރަމުންދާއިރު އަންހެނުންގައިގަ ހިފުން ނުވަތަ ބީހުން.

10- ވަކި ޚާއްޞަ އެއްޗެހިތަކެއް ނުކެއުމަށް ބަލިމީހާކައިރީ ބުނުން. އެހެނީ އެމީހުން ދަޢުވާކުރާގޮތުން ބައެއް އެއްޗެހި ނުކެއުމުން ޖިންނި ބަލަކަށިވެއެވެ.

11- ލޮނަށް ކިޔެވުމަށްފަހު ގޭތެރެއަށް ބުރުވައިލުން.

12- ބަލިމީހާ ގެނައުމުގެ ބަދަލުގައި، އެމީހާގެ ފޮޓޯއަކަށް ކިޔެވުން. 

އަދި، ދީނާއި ޚިލާފު ކަންތަކުގެތެރެއިން މިނޫންއެހެން ކަންތައްވެސް އެކުދިން ކުރާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. ދީނީޢިލްމު ޙާޞިލްކުރާކުއްޖަކު، އެކުދިންކުރަމުންދާ އެފަދަކަންތައް ބެލުމަށްފަހު، ދަލީލުތަކާއެކު، އެއީ ދީނާއިޚިލާފުކަންތަކެއްކަން ބަޔާންކޮށްދިނުމަކީ ފައިދާކުރުވަނިވި ކަމެކެވެ.))

މިހާ ހިސާބުން ޝެއިޚުގެ ވާހަކަކޮޅު ނިމުނީއެވެ. 

ޝެއިޚުގެ ވާހަކަކޮޅުން، ދީނީޢިލްމު އުނގެނިފައިނުވާ ކުދިން ރުޤްޔާ ހަދައިގެން ނުވާނެކަން ދޭހައެއް ނުވެއެވެ. އެހެނީ ޝެއިޚްވަނީ އެހެންތަނެއްގައި ރުޤްޔާހަދަމުންދާ ކުދިންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތުދީ، ވޯރކްޝޮޕްތައް ހިންގައި، ހުއްދަކަންތަކާއި ހުއްދަނޫންކަންތައް ބަޔާންކޮށްދިނުމަށް ނަޞޭޙައްތެރިވެލައްވާފައެވެ. އަދި މިގޮތަށް ޢަމަލުކުރުމުންވެސް، ދީނާއި ޚިލާފުކަންތައް ދޫނުކޮށްފިނަމަ، ދެން އެކުދިންލައްވައި ރުޤްޔާ ނުހެއްދުމަށް ޝެއިޚްވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

 

- ޝައިޚް މުޙައްމަދު ޝަމްޢޫންގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން