އެންމެ ބޮޑެތި ބިލިއަނަރުންވެސް ލިބުން އެންމެ އުނދަގޫ ނިޢުމަތަކީ ހެޔޮލަފާ ބައިވެރިއަކު ކަމަށްވެއްޖެ! ދީލަތިވަންތަކަމުން ދެއްވެވީމާ ނަގައިލާ މީހުން ނިކަން މިކަންކަމަށް ވިސްނަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
އެންމެ ބޮޑެތި ބިލިއަނަރުންވެސް ލިބުން އެންމެ އުނދަގޫ ނިޢުމަތަކީ ހެޔޮލަފާ ބައިވެރިއަކު ކަމަށްވެއްޖެ! ދީލަތިވަންތަކަމުން ދެއްވެވީމާ ނަގައިލާ މީހުން ނިކަން މިކަންކަމަށް ވިސްނަބަލަ!

ހެޔޮލަފާ، ތަޤްވާވެރި ބައިވެރިއަކު ދެއްވެވުމުގެ ނޢްމަތް ފާހަގަކޮށްލާނަމެވެ. އަހުރެންގެ ވިސްނުމުގައި މިޒަމާނުގައި ތަނަވަސްކަން ލިބޭ މީހުންނަށްވުރެ މިބަޔާންކުރި ފަދަ ހެޔޮލަފާ ތަޤްވާވެރި ބައިވަރަކު ލިބޭ މީހުން މަދެވެ.

ހިތްވަރުކޮށްގެން މަސައްކަތްކުރީމާ ތަނަވަސްކަން ލިބެއެވެ. އެހެނަސް އަތްފުނާ އެޅީމާވެސް ހެޔޮލަފާ ބައިވެރިއަކު ލިބުން މިއޮތީ މާދަތި އުނދަގޫކަމަކަށްވެފައެވެ. ހެޔޮލަފާ، ރަނގަޅު މީހުން އެހައިވެސް މަދުވުމުންނެވެ.

ސުވާލަކީ އެފަދަ ހެޔޮލަފާ ބައިވެރިއަކު ދެއްވަވައިފިނަމަ ޝުކުރުވެރިވެވޭހެއްޔެވެ؟ ލޯބިން ދިރިއުޅެން މަސައްކަތްކުރެވޭހެއްޔެވެ؟ ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ނެތިއްޖެނަމަ އެހެން ނިޢްމަތްތަކުން ލިބޭނެ އުފާވެރިކަމެއް ނެތްކަން ޤަބޫލުކުރެވޭހެއްޔެވެ؟

މިއަދުގެ މުސްލިމުންގެ ޙާލަތަށް ބަލައިފިނަމަ އެމީހަކަށް ގިނައިން ނިޢްމަތްތައް ދެއްވެވިވަރަކަށް މިފެންނަނީ ﷲ ތައާލާ އާއި ދުރަށް ޖެހެމުންދާތަނެވެ. ﷲ ތައާލާއަށް ޝުކުރުވެރިވުމުގައި ފަރުވާކުޑަކޮށްލެވޭތަނެވެ.

ތަނަވަސްކަން ދެއްވަވައިފިނަމަ ބިޒީކަން ބޮޑުވެގެންގޮސް ފަރުޟު އަޅުކަން ފުރިހަމަގޮތުގައި އަދާކުރެވެނީވެސް ވަރަށް މަދު މީހަކަށެވެ. ފަރުޟު 5 ނަމާދު ޖަމާޢަތުގައި ކުރެވެނީވެސް މަދުމީހަކަށެވެ. ގިނައީ ޙައްޖާއި ޢުމުރާވާނެ ވަގުތު ނުލިބިގެން އުޅެނިކޮށް ދުނިޔެ ދޫކުރަންޖެހޭ މީހުންނެވެ. ރޭގަނޑު މަޖާކުރަންހަދައިގެން ދަމުނަމާދާއި ފަތިސްނަމާދުވެސް އޮންނަނީ އެއްގޮތަކަށްވެސް ނުކުރެވިފައެވެ.

ދައްކަންވީ މިލިއަނަރުންގެ ވާހަކަ އެކަންޏެއް ނޫނެވެ. އެންމެ އާދައިގެ މީހުންނަށް ބަލައިލަމާހެއްޔެވެ؟ ކޮންމެ މީހަކީވެސް އުފާވެރި ޒަވާޖީ ޙަޔާތެއް ބޭނުންވާނެ މީހެކެވެ. ލޯބިވާ ވަފާތެރި، ބަލައިލަން ހިތްހަމަޖެހޭ ތަޤްވާވެރި ބައިވެރިއަކު ބޭނުންވާނެ މީހެކެވެ. ސުވާލަކީ އެއީ ޙަޔާތުގައި އެންމެ މުހންމު ނިޢްމަތްކަމުގައިވާއިރު އެފަދަ ބައިވެރިއަކު ދެއްވެވުން ޝުކުރުވެރިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ޝުކުރުވެރި ނުވެވޭކަން އެނގެނީ ދެމަފިރިން އެކުގައި ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭތީއެވެ. އެކަކު އަނެކަކަށް ވަފާތެރިވެ ލޯބިން ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭތީއެވެ. އަބަދުވެސް އައުކުރަން ނުވަތަ އިތުރުކުރަން ބޭނުންވާތީއެވެ. ޙަލާލް ނޫން ގޮތުގައިވެސް ކަންކަން ކުރެވޭތީއެވެ. އަނިޔާވެރިވެވޭތީއެވެ.

ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ޝުކުރުވެރިވާންޖެހޭ މިންވަރު އެންމެ ބޮޑަށް ހާމަކުރައްވަވައި ދެއްވެވީ ރަސޫލް ﷺ އެވެ. އިތުރު އެކަލޭގެފާނުގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާފައިވާކަން އެނގިވަޑައިގެން ހުންނަވައި، ދެފައިންޕުޅު ދުޅަވެ ފަޅައިގެންގޮސް ލޭފޮދު ފައިބަންދެން ދަމުނަމާދުކުރެއްވެވިކަން އެއީ ނިޢްމަތަށް ޝުކުރުވެރިވާންޖެހޭ މިންވަރު ބަޔާންކުރައްވަވައި ދެއްވެވުމަށް ދެއްކެވި އެންމެ ފުރިހަމަ ނަމޫނާއެވެ. އަދި އެގޮތަށް ކުރެއްވެވީ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެވަޑައިގަތުމަށް ކަމުގައި ޙަދީޘްފުޅުކުރެއްވެވިކަން އެއީ އެކަމުގެ ޔަޤީންކަން ލިބިގެންދާ ސަބަބެވެ.

މީސްތަކުންނޭވެ! ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވިނަމަވެސް ތަނަވަސްކަން ދެއްވެވި ނަމަވެސް އަދި ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކު ދެއްވެވި ނަމަވެސް އަދި ކޮންމެ ނިޢްމަތެއް މިންވަރުކުރެއްވެވި ނަމަވެސް ޝުކުރުވެރިވާށެވެ. ދެއްވަވާ ނިޢްމަތްތައް އިތުރުވާނީ އެއިރުންނެވެ. ޝުކުރުވެރި ނުވެވޭނަމަ އަނބުރައި ގެންދަވައިފާނެކަމަށް ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން