އެކުވެރިންނަށް ޝެއާކޮށްލައިގެން ލިބެން މިއޮތީ ހާދަ ބައިވަރު ޘަވާބެކޭ!: އާޝޫރާ ދުވަސްވެސް ހިމަނައިގެން 5 ދުވަހުގެ ތެރޭގަ ނަރަކައާ 350 އަހަރަށް ދުރުވުމަށް ލިބެން އޮތް ފުރުޞަތު ނަގާލަން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެކުވެރިންނަށް ޝެއާކޮށްލައިގެން ލިބެން މިއޮތީ ހާދަ ބައިވަރު ޘަވާބެކޭ!: އާޝޫރާ ދުވަސްވެސް ހިމަނައިގެން 5 ދުވަހުގެ ތެރޭގަ ނަރަކައާ 350 އަހަރަށް ދުރުވުމަށް ލިބެން އޮތް ފުރުޞަތު ނަގާލަން ހެޔޮ ނުވާނެ!

ފެށެނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެއީ ސުންނަތް ރޯދަ ހިފަން އޮތް ދުވަހެކެވެ. ދެން އޮތް 3 ދުވަހަށް ބަލައިލަމާ ހިނގާށެވެ!  

އާޝޫރާ ދުވަސް މިވަނީ ހޮނިހިރު ދުވަހަށެވެ! އެއްދުވަސް ކުރިއަށްލައި ހިފަން ބޭނުންވާ މީހުން ހުކުރުދުވަހާއި ހޮނިހިރު ދުވަހު ހިފަންވީއެވެ. އެއްދުވަސް ފަހަތަށް ލައިގެން ހިފަން ބޭނުންވާ މީހުން ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ހިފަންވީއެވެ.  

ދެން މިއޮތީ ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެންމެ މަތިވެރި ދަރަޖައެވެ. އެއީ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއި ފަހުދުވަސްވެސް ހިމަނައިގެން 3 ދުވަހު ރޯދަހިފުމެވެ. އެމީހުންނަށް އޮތީ ހުކުރުދުވަހާއި ހޮނިހިރު ދުވަހާއި އަދި އާދީއްތަ ދުވަހު ރޯދަހިފުމެވެ.  

ދެން ވިދިގެން މިއަންނަނީ ސުންނަތް ރޯދަ ހިފުން ސުންނަތްވެގެންވާ ހޯމަ ދުވަހެވެ. ވީމާ ބުރާސްފަތިދުވަހުން ފެށިގެން ހޯމަދުވަހުގެ ނިޔަލަށް ރޯދަހިފައިނަމަ 5 ދުވަހު ސުންނަތް ރޯދަ ހިފުނީއެވެ. ހިފާ ކޮންމެ ރޯދއަކަށްވެސް ނރަކަ އެމީހަކާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ވީމާ އަންނަ ބުރާސްފަތިދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރޯދަހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކޮށްފި މީހަކަށް އެއީ އެއްވެސް ބުރަކަމެއް ނޫނެވެ. އަދި އެކަމުން ލިބެން އޮތް ބޮޑު ފައިދާ ލިބިގަތުމަށް ނިޔަތްގަނެގެން ރޯދަހިފާ މީހަކަށް އެކަން ލުއިކޮށްދެއްވަވައި މަގުފަހިކޮށްދެއްވަވާނެތެވެ.  

މިފަދަ ކޮންމެ ފުރުޞަތެއްގައިވެސް ވިސްނާލަން އޮތްކަމަކީ ރޯދަހިފުމަކީ އިމެއް ނެތި ﷲ ތަޢާލާ އަޖުރުދެއްވަވާ ޢަމަލެއް ކަމެވެ. އުންމީދުކުރަންވީ އެކަމުން ޤިޔާމަތް ދުވަހު ލިބެން އޮތް މަތިވެރި ދަރުމައަށެވެ. ވީމާ ކުރަންހުރި މަސައްކަތަށް ނުބަލާށެވެ! މި 5 ދުވަހު ރޯދަ ހިފާލަން ގަދައަޅައި މަސައްކަތްކުރާށެވެ!  

އެކުވެރިންނަށް ޝެއާކޮށްލަން މިބުނަނީ ތިބާގެ ސަބަބުން މީހަކު ރޯދައެއް ހިފައިފިނަމަ އެމީހަކަށް އުނިވުމެއް ނެތި ތިބާއަށްވެސް އެކަމުގެ ޘަވާބު ދެއްވަވާނެތީއެވެ. ވީމާ ތިބާގެ ސަބަބުން އެންމެ މީހަކު ނަމަވެސް މި 5 ދުވަހު ރޯދަހިފައި އަދި ތިބާވެސް ހިފިނަމަ ދެއްވަވާނެ ޘަވާބާއިމެދު ވިސްނައިލާށެވެ. މިއީ ނަގާލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން