އެމީހެއްގެ ޢާއިލާއަށް ނުބައި މީހަކަށްވެގެން ޢާއިލާގެ ނަފްރަތު ލިބުމަކީ ކުރާ މަސައްކަތަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެމީހެއްގެ ޢާއިލާއަށް ނުބައި މީހަކަށްވެގެން ޢާއިލާގެ ނަފްރަތު ލިބުމަކީ ކުރާ މަސައްކަތަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމެއް!

ދިރިއުޅުމުގައި އުފާވެރިކަން ނުލިބުމާއި ކުރާ މަސައްކަތް ކާމިޔާބުވެ ކުރިނުއެރުމަކީ އެންމެންވެސް ކަންބޮޑުވާ ކަމެކެވެ. އެހެންވެ ބަލައިލަން މިއުޅެނީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ އެއްކަންތަކަށެވެ.  

އަމިއްލަ ޢާއިލާގެ ލޯބި ހޯދަން މަސައްކަތްކުރުމަށްވުރެ ގިނަބައަކަށް އިސްކަން ދެވެނީ އެހެން ޟީހުންގެ ލޯތްބާއި ތާއީދު ހޯދުމަށެވެ. މިއީ ވިސްނާލަންޖެހިފައިވާ ކަމެކެވެ. އެންމެ މުހިންމީ ޢާއިލާގެ މީހުންގެ ލޯތްބެވެ. އެލޯބި ހޯދޭނީ އެމީހުންނަށް ލޯބިދީ ހެޔޮކޮށް ހިތައިގެންނެވެ.  

ޢާއިލާގެ މީހުންނަށް ހެޔޮ ނުވެވި އެމީހުންގެ ނަފްރަތު ލިބޭ މީހަކަށް ކުރިއެރުން ލިބުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވާނެއެވެ! އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެތީއެވެ.  

ތިމާގެ ޝަޚްޞިއްޔަތާއިމެދު ކަންކަން ދެނެގަންނަން އެދޭމީހާ ފުރަތަމަކަމަކަށް ތިމާގެ ޢާއިލާގެ މީހުން ތިމާ ޢާއިމެދު ދެކޭގޮތާއިމެދު ވިސްނައިލާށެވެ! ކޮންމެ މީހެއްގެ ޙަޤީޤަތްވެސް އެންމެ ރަނގަޅަށް އެނގޭނެ ބައަކީ ޢާއިލާގެ މީހުންނެވެ. ތިމީގެ ފިރިމީހާއެވެ. އަނބިންނެވެ. މައިންބަފައިންނެވެ. އަޚުންނާއި އުޚުތުންނެވެ. ޅިޔަން ފަހަރިންނެވެ.  

ތިމާގެ ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކެނީ ރަނގަޅަށް ނޫންކަމަށްވެއްޖެ ނަމަ ތިބާގެ ކިބައިގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ތިމާ އާއި ބައްދަލުވުމުން އެމީހުންނަށް ހިތްހަމަޖެހުން ނުލިބޭނަމަ، ތިމާ ފެނުމުން އެމީހުންނަށް ބޮޑު ބިރަކަށްވާނަމަ ތިބާގެ އަޚްލާޤްގައި އިޞްލާޙްކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުންނާނެއެވެ.  

ވީމާ މުޖުތަމައުގެ އެހެން މީހުން ތިމާއާއިމެދު ދެކޭ ގޮތާއިމެދު ވިސްނުމުގެކުރިން ފުރަތަމަކަމަކަށް ތިމާގެ ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކޭ ގޮތާއިމެދު ވިސްނައިލާށެވެ. އެއްވެސް މައްސަލައެއް ހުރިނަމަ އެކަމެއް އިޞްލާޙްކުރާށެވެ.  

އަބަދުވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭނެ ބައަކީ ޢާއިލާގެ މީހުންނެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތަކުން އެނގިގެންދެއެވެ.  

ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެމީހާގެ ޢާއިލާއަށް ހެޔޮލަފާ، އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށެވެ. ޢާއިލާގެ މީހުންގެ ރުހުމާއި ލޯބި ލިބުމަކީ އެމީހަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާ ސަބަބެކެވެ. ވީމާ މުޖުތަމައުގެ އެހެން މީހުން ތިމާ އާއިމެދު ދެކޭ ގޮތާއިމެދު ވިސްނުމުގެ ކުރިން ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކޭގޮތާއިމެދު ވިސްނައިލުމުގެ މުހިންމުކަން މާބޮޑެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން