ޖަނާޒާގައި ޢުމަރުގެފާނު ކުރެއްވެވި ދުޢާއަށްފަހު ސުވަރުގޭގެ 2 ބަގީޗާ ލިބިވަޑައިގެންފިކަމަށް ކައްވަޅުގައި އޮންނަވައިގެން ވިދާޅުވި ޒުވާން ޞަޙާބީގެ ވާހަކަ-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޖަނާޒާގައި ޢުމަރުގެފާނު ކުރެއްވެވި ދުޢާއަށްފަހު ސުވަރުގޭގެ 2 ބަގީޗާ ލިބިވަޑައިގެންފިކަމަށް ކައްވަޅުގައި އޮންނަވައިގެން ވިދާޅުވި ޒުވާން ޞަޙާބީގެ ވާހަކަ-: ޢުމަރު ސުލައިމާން

އެއީ ޒުވާން ޞަޙާބީބޭކަލެކެވެ. ރަސޫލް ގެ ދުވަސްވަރުގައިވެސް މިސްކިތުގައި ގިނަ ވަޤުތުތަކެއް ހޭދަކުރެއްވެވި ޞަޙާބީއެކެވެ. މަންމާފުޅު ވަނީ އަވަހާރަވެފައެވެ. މުސްކުޅިފުޅުވެފައިވާ ބައްޕާފުޅަށް ވަރަށް ރަނގަޅަށް ޚިދުމަތް ކުރައްވަވައެވެ. ކޮންމެ ރެއަކުވެސް ނަމާދު ނިމިވަޑައިގަތުމުން ބައްޕާފުޅަށް ޒިޔާރަތްކުރައްވަން ވަޑައިގަންނަވައެވެ.  

އެއީ ރަނގަޅު މުސްތަޤްބަލެއް އޮތް ޒުވާނެއްކަން ވިސްނިވަޑައިގެން ޢުމަރުގެފާނު އެޒުވާނާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވެވިއެވެ. އަދި ދަރިވަރަކަށްވެސް ހެއްދެވިއެވެ. ޒުވާނާވެސް ދިއައީ ޢުމަރުގެފާނާއިއެކުގައި ގިނަ ވަޤުތުތަކެއް ހޭދަކުރަމުންނެވެ.  

ކޮންމެ ރެއަކުވެސް ވަރަށް ރީތި އަންހެނަކު ޞަޙާބީ އަކު ބައްދަލުކޮށް ދަޢުވަތުދެއެވެ. އެކަމަކުވެސް ބައްލަވައިވެސް ނުލައްވަވައި ކުރިއަށް ވަޑައިގަންނަވަނީއެވެ. ނަމަވެސް އެއް ރެއަކު އެ ޒުވާނާއަށް ޝައިޠޯނާގެ ަވސްވާސް ޖެހިވަޑައިގެން އޭނާގެ ފަހަތުން ވަޑައިގެންނެވިއެވެ. އަދި އޭނާގެ ގެއަށް ވަދެވަޑައިގަންނަވަން ގާތްވިތަނުން މި ޢާޔަތް ހަނދުމަފުޅުވިއެވެ.  

"ހަމަކަށަވަރުން، ތަޤްވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (ﷲ) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ."

(އަލްއަޢްރާފް: 201) 

އެވަޤުތު ހޭފުޅުނެތިގެން ޞަޙާބީ ވެއްޓިވަޑައިގަތެވެ. ވެއްޓިވަޑައިގަތުމުން އެއަންހެން މީހާ ޞަޙާބީ ގެންގޮސް އޭނާގެ ބައްޕަގެ ގޭގެ ދޮރުމަތީގައި ބޭއްވިއެވެ. ބައްޕަ ދަރިފުޅު ގެއަށް ވައްދައި ޤުރްއާން ކިޔަވައި ގައަށް ފެންއަލަން ފެށުމުން ހޭއަރައި ގަނެފައިހުރި ބިރުން ކަންކަން ވީގޮތް ކިޔައިދޭން ފެށިއެވެ. ކިޔައިދެމުން ގޮސް ހަނދާންވި އާޔަތް ކިޔައިދޭން ފެށިތަނާ އަނެއްކާވެސް ހޭނެތުނެވެ. ދެން ހެއެއް ނޭރިއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރު ކުރެއްވެވީއެވެ. 

ޢުމަރުގެފާނަށް އެކަމުގެ ޚަބަރުގެ ލިބިވަޑައިގަތުމުން އެގެއަށް ވަޑައިގެން ވަރަށް ހިތާމަފުޅު ކުރެއްވެވިއެވެ. އެޞަޙާބީގެ ޖަނާޒާ ހަމަ އެރޭ ބޭއްވުނެވެ. ޖަނާޒާގެ ކަންކަން ނިމުމުން މިއާޔަތް ވިދާޅުވެ އެއާޔަތުގައިވާފަދައިން ނިޢްމަތް މިންވަރުކުރެއްވެވުން އެދިވަޑައިގެން ޢުމަރުގެފާނު ދުޢާކުރެއްވެވިއެވެ.  

﴿46﴾ وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ 

" އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ."

(އައްރަހްމާން: 46)  

އެވަޤުތު އެ ޞަޙާބީ ކައްވަޅުގައި އޮވެގެން ޖަވާބުދިނެވެ. "އޭ ޢުމަރުގެފާނެވެ! ﷲ ތަޢާލާ ތިމަންނާއަށް ސުވަރުގޭގެ 2 ބަގީޗާ ދެއްވަވައިފިއެވެ." 

މިއީ އިމާމް އިން ކަޘީރު ބަޔާންކުރައްވަވާފައިވާ ވާހަކައެކެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި ކިތަންމެ ތަޤްވާވެރިކޮށް އުޅެން މަސައްކަތްކުރިނަމަވެސް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް އެފަދަ ވަޤުތުގައި އަލްއަޢްރާފް ސޫރަތުގެ މިއާޔަތް ހަނދުމަކޮށްފި މީހަކަށް ސަލާމަތްކަން ދެއްވަވާނެތެވެ. އަދި އައްރަޙްމާން ސޫރަތުގައިވާ ޢާޔަތުގައިވާ ފަދައިން ނިޢްމަތްތައް ދެއްވަވާނެތެވެ.  

މީސްތަކުންނޭވެ! ޒުވާނުންނޭވެ! ޒިނޭކުރުމަށް ބިރުވެތިވާށެވެ! ދުޢާއަކީ އަހުރެމެން އެންމެންނަކީވެސް މިފަދައިން ނިޢްމަތް ދެއްވަވާ އަޅުންކަމުގައި ލެއްވެވުމެވެ. އާމީން

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން