ދެމަފިރިން އެކަކު އަނެކަކަށް ޙަރާމްކަމަށް ބުނުމަކީ ކިހައިވަރެއްގެ ނުބައިކަންބޮޑު ފާފައެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ދެމަފިރިން އެކަކު އަނެކަކަށް ޙަރާމްކަމަށް ބުނުމަކީ ކިހައިވަރެއްގެ ނުބައިކަންބޮޑު ފާފައެއްކަން އެނގޭތަ؟

އަޅުގަނޑުގެ ފިރިމީހާ ބުނީ އޭނާއަށް އަޅުގަނޑު އަންތބެއްގެ ގޮތުގައި ޙަޜާމް ކަމަށެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އޭނާގެ އަންތބެއްގެ ގޮތުގައި ތިބާވެފައިވަނީ އޭނާއަށް އަންތބެއްގެ ގޮތުގައި ތިބާ ޙަލާލްވީމައެވެ. ތިބާއަކީ ކައިވެނިކުރަން ޙަލާލް އަންހެނަކަށްވާތީއެވެ. ވީމާ އޭނާ ޙަރާމް އެކުރީ އޭނާއަށް ޙަލާލް އެއްޗެކެވެ. 

ތިއަ މައްސަލައަކީ ސީރިޔަސް މައްސަލައެކެވެ. ދީނީ ޢިލްމްވެރިންގެ ގާތަށް ދެމަފިރިން އެކުގައި ގޮސް ލަފާ ހޯދަންޖެހޭނެ މައްސަލައެކެވެ. އެއީ އެބަސްބުނުމުގައި އޭނާގެ ނިޔަތް ސާފުކުރަންޖެހޭނެތީއެވެ. ކަން ނިންމޭނީ އޭނާގެ ނިޔަތުގެ މައްޗަށް ކަމަށް ޢިލްމްވެރިން ބަޔާންކުރައްވާތީއެވެ. 

ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. 

ﷲ ޙަލާލްކުރެއްވި ކަންތައްތައް ޙަރާމް ކުރުމާއި ޙަރާމް ކުރެއްވިކަންތައްތައް ޙަލާލްކުރުމާއި ކަންކަން ޙަލާލްކޮށް ޙަރާމްކުރުމުގެ ޙައްޤު ﷲ ނޫން އެހެންފަރާތަކަށް ލިބިގެންވާކަމަށް ޤަބޫލްކޮށް އިޢްތިޤާދުކުރުމާއި ﷲ ބާވައިލެއްވި ޝަރީޢަތާއި ޚިލާފަށް ހަދާފައިވާ ޖާހިލިއްޔަތުގެ ޤާނޫންތަކަކީ ޞައްޙަ އެއްޗެހިކަމަށް ޤަބޫލްކޮށް އިޢުތިޤާދު ކުރުމަކީ ބޮޑުވެގެންވާ ކުފުރެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ) التوبة31 

"އެބައިމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ." 

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މިއާޔަތް ކިޔަވާވިދާޅުވަނިކޮށް ޢަދިއްޔު ބުނު ޙާތިމް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އެމީހުން އެބައިމީހުންނަށް އަޅުކަންކުރާ ބައަކު ކަމުގައި ނުވެއެވެ." 

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. 

(أجل ولكن يحلون لهم ما حرم الله فيستحلونه ويحرمون عليهم ما أحل الله فيحرمونه فتلك عبادتهم لهم ) رواه البيهقي ) 

"އާންއެކެވެ، އެހެނެއްކަމަކު އެބައިމީހުންގެ ޢިލްމުވެރިންނާއި ފާދިރީން، އެބައިމީހުންނަށް ﷲ ޙަލާލްކުރެއްވިކަންތައްތައް ޙަރާމްކުރުމުން، އެ ކަންތައްތަކަކީ ޙަރާމްކަންތައްތައް ކަމުގައި ބަލައިގަނެއެވެ. އަދި އެބައިމީހުންގެ ޢިލްމުވެރިންނާއި ފާދިރީން އެބައިމީހުންނަށް ﷲ ޙަރާމްކުރެއްވިކަންތައްތައް ޙަލާލުކުރުމުން، އެ ކަންތައްތަކަކީ ޙަލާލްކަންތައްތައް ކަމުގައި ބަލައިގަނެއެވެ. އަދި މިއީ އެބައިމީހުން އެބައިމީހުންގެ ޢިލްމުވެރިންނަށާއި ފާދިރީންނަށްކުރި އަޅުކަމެވެ."  

އަދި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އެއިލާހަށް ޝިރުކުކުރާ ކާފަރުން ސިފަކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. 

(وَلَا يُحَرِّمُونَ مَا حَرَّمَ اللَّـهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ) التوبة 29 

"އަދި اللَّه އާއި، އެއިލާހުގެ -ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް- ޙަރާމް ކުރެއްވި ކަންތައް އެބައިމީހުން ޙާރާމްނުކުރެއެވެ. އަދި އެބައިމީހުން ޙައްޤުދީނަށް ތަބާނުވެއެވެ".  

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

(قُلْ أَرَأَيْتُم مَّا أَنزَلَ اللَّـهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَالًا قُلْ آللَّـهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّـهِ تَفْتَرُونَ) يونس 59 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒްޤާއިމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް އަނެއްބައި ތަކެތި ޙަލާލް ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް (އެކަމަށް) ހުއްދަ ދެއްވީހެއްޔެވެ؟ އަދި ކިއެއްތަ! اللَّه އާމެދު ތިއަބައިމީހުން ހަދައިގެން ދޮގެއް ބުނަނީއެވެ."

 

- ޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން