ކައިވެންޏަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގަލެވެ. އެބިންގާ ވަރުގަދަކުރަން އެބަޖެހެއެވެ. ކޮންކްރީޓަށް ބެލިނަމަވެސް ވަރުގަދަވާނީ ސިމެންތިގަނޑުގެ ތެރެއަށް އަޅަންޖެހޭ ބައިތައް އަޅަންޖެހޭ މިންވަރަށް އަޅައިގެންނެވެ. ކައިވެނިކުރުމުގައިވެސް މިކަން ހަމަ މިގޮތަށް އެބައޮތެވެ. ވީމާ އަޑުއަހާށެވެ!
ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ޒުވާނުންނާއި ސުވާލެއްކޮށްލާނަމެވެ. "ތިބާތިއަހުރީ ކައިވެންޏަށް ތައްޔާރުވެގެންހެއްޔެވެ؟ އެކަމަށް ތިބާގެ އަތުގައި ހުރީ ކޮން އެއްޗެއްހެއްޔެވެ؟"
މިސުވާލުކުރުމުން ދެމީހުން ދިރިއުޅެން ބޭނުންވާނެ ތަކެއްޗާއި ދިރިއުޅޭނެ ތަނެއްވެސް ހުރިކަމަށް ބުނެފާނެއެވެ. ވަޒީފާގައި ތިބި ކަމަށާއި ފައިސާލިބޭކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެހުރިހާ އެއްޗަކާއި ކަންކަމަށްވުރެ މާމުހިންމު ކަމެއް އެބައޮތެވެ. އަހަރެންގެ ލިސްޓްގައި އެއީ ފުރަތަމަ އެއްކަންތަކެވެ.
އެއީ ލޯބިން އޯގާތެރިކަމާއިއެކު ވާހަކަދައްކަން އެނގުމެވެ. ދެމީހުން ދެމީހުންނަށެވެ. އަދި އަނެކާގެ ޢާއިލާގެ މީހުންނަށްވެސްމެއެވެ. މިއީ އެއްވެސް މުހިންމު ކަމެއް ނޫންކަމަށް ދެކޭބައަކު އުޅޭނެއެވެ. ނަމަވެސް އެއީ ހަމަ ވަރަށް ނުބައި ވިސްނުމެވެ.
ކައިވެންޏަށްފަހު މުޢާމަލާތުކުރަންޖެހޭނީ ތިމާގެ ޢާއިލާގެ މީހުންނާ އެކަންޏެއް ނޫނެވެ. ދުވަހަކު ބައްދަލުވެސް ނުވާ އެތައް ބައަކާއި މުޢާމަލާތުކުރަންޖެހޭނެއެވެ. ވީމާ އަމިއްލަ ޢާއިލާގެ މީހުންނާއި މުޢާމަލާތުކުރާ ގޮތަށް މުޢާމަލާތުކޮށްގެން ނުފުދޭނެއެވެ. އަމިއްލަ ޢާއިލާގެ މީހުންނަށް އެކަން ކަމަކަށް ނުވިނަމަވެސް އެކަން އެހެން މީހުންނަށް ވަރަށް ބޮޑު ކަމަކަށްވާނެއެވެ.
މިފަދަ ކަންކަން މިހެން ހުރުމުން ކައިވެންޏަށް ތައްޔާރުވާން ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރަން ދެމީހުންވެސް ދަސްކުރުމެވެ. ދެމީހުން ދެމީހުންނަށްވެސް ރިވެތި ގޮތުގައި މުޢާމަލާތުނުކުރެވުމަކީ މައްސަލަތައް ޖެހި ކައިވެނި ރޫޅެންވެސް މެދުވެރިވާ ސަބަބެއް ކަމަށްވަނީ މަދަކުން ނޫނެވެ!
- މުފްތީ މެންކުގެ ދަރުސަކުން