އަނެކާކުރި ކުށާއި ދިން އަނިޔާ ކިތަންމެ ބޮޑަސް ހިތްހެޔޮކޮށް ވާހަކަ ނުދައްކާނަމަ ލިބެން އޮތް ދެރަ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަނެކާކުރި ކުށާއި ދިން އަނިޔާ ކިތަންމެ ބޮޑަސް ހިތްހެޔޮކޮށް ވާހަކަ ނުދައްކާނަމަ ލިބެން އޮތް ދެރަ މާބޮޑު!

މީސްތްކުންނޭވެ! ޞަޙީޙް ޙަދީޘްފުޅުގައި ވަނީ ކޮންމެ ހޯމަދުވަހަކާއި ބުރާސްފަތި ދުވަހަކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި މީސްތަކުންގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުމުން ޝަރީކު ނުކުރާ އަޅުންނަށް ފިޔަވައި ފާފަތައް ފުއްސަވައި ދެއްވަވާ ކަމަށެވެ. ދެމީހަކު ފިޔަވައެވެ. އެއީ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހިގެން ވާހަކަ ނުދައްކައި ތިބޭ ދެމީހުންނެވެ. 

މީސްތަކުންނޭވެ! މިދެމީހުންގެ މައްސަލައިގައި އޮތް ގޮތަކީ ޙައްޤުގައި ހުރީ ކާކުކަން ބެއްލެވުމެއްވެސް ނެތެވެ. ވީމާ ކުށްވެރިއަކީ އަނެކާ ކަމަށްވީތީ ތިމާ މިހުރީ ޙައްޤުގައި ކަމަށްބުނެ އަނެކާއާއި ވާހަކަ ނުދައްކައި ހުރެވޭކަށް ނެތެވެ. ޙަދީޘްފުޅުގައި އެއޮތީ ދެމީހުންގެ ޢަމަލުތައްވެސް ޤަބޫލުފުޅު ކުރެއްވެވުން މަޑުޖައްސަވައިލައްވަޥާނެ ކަމަށެވެ. ބައްލަވައިވެސް ނުލައްވަވާނެ ކަމަށެވެ. 

ވީމާ ރަނގަޅަށް ވިސްނާށެވެ! އެންމެ ބޮޑަށް ބުރަ އުފުލަންޖެހޭ އަޅުކަމަކީ ޙައްޖުވުންކަމަށްވެފައި އެއްވެސް މީހަކާއި (މައްސަލައެއް ޖެހިގެން) ވާހަކަ ނުދައްކައި ހުރިނަމަ، އެހެން ހުރެގެން ކިތަންމެ ގިނަ އަޅުކަންކުރި ނަމަވެސް ﷲ ތަޢާލާ ބައްލަވައިވެސް ނުލައްވާނެތެވެ.  

މިހެން މިކަން އޮތް ނަމަވެސް ކޮންމެވެސް ކަމަކާއި ހުރެ ދެމީހުން ބައްދަލުވުމުން ވާހަކަ ނުދައްކައި މޫނު އަނބުރާލައިގެން ވާންއެބައޮތް ހެއްޔެވެ؟ ޖެހުނު މަސައްލައިގެ ކުޑަބޮޑު މިނަށް ނުބަލާށެވެ! ޙައްޤުގައި ހުރީ ކާކުކަންވެސް ބެލުމެއް ނެތެވެ. އޮތީ ދެމީހުން ޞުލްޙަވެ އެކަކު އަނެކަކަށް ހިތްހެޔޮކުރުމެވެ. 

މިކަމުގައި އަނިޔާ އާއި ގެއްލުން ލިބުނު މީހާއަށްވެސް ސަލާމަތްކަމެއް ނެތެވެ. ވީމާ އަނެކާ ކުރި ކަންކަން އޭނާއަށް ދޫކޮށްލާށެވެ! ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހެޔޮކޮށްލާށެވެ! އަދިވެސް ބުނަމެވެ. އަނިޔާ ލިބުނު މީހާ އަމިއްލައަށް އިސްނަގައި މާފުކޮށް ހިތްހެޔޮކުރުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ ޘަވާބު ދެއްވަޥާނެ ކަމެކެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން