ސުވަރުގެ ލިބެންއޮތީ މި 2 ސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށްދީ ޢަމަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސުވަރުގެ ލިބެންއޮތީ މި 2 ސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށްދީ ޢަމަލުކޮށްގެން!

ހިތަށް ގެންނާށެވެ! ފޯނާއި ނުލައި މިއަދު އުޅެވޭކަމަށް ނެތެވެ. ހިނދުކޮޅަކަށްވެސް ފޯނުން އަތްދޫކޮށްލެވެން ނެތް ހިސާބަށް ފޯނު ބޭނުންކުރުން މިވަނީ މުހިންމުވެފައެވެ. އެހެންކަމާއިއެކުވެސް ފްލައިޓަކަށް އަރައި ދަތުރުފަށަމުން ކެޕްޓަން ނުވަތަ ކްރޫއަކު ދޭ އެނައުންސްމަންޓާއިއެކު ފޯނު ބޭނުންކުރަނީ ފްލައިޓް މޯޑަގައެވެ. ނުވަތަ އެކުގައި ނިއްވާލަނީއެވެ.  

މިކަމުން ޙާޞިލްކުރަންޖެހޭ ޢިބްރަތް ވަރަށް ބޮޑެވެ! ދުނިޔޭގެ ޙަޔާތާއިމެދު ޙަދީޘްފުޅުގައިވަނީ ތިމާއަކީ ދަތުރެއްގެ މަތީގައިވާ މީހަކުކަން ޤަބޫލުކޮށް ދަތުރުވެރިއަކު އުޅޭފަދައިން އުޅުމަށެވެ.  

މިޙަދީޘްފުޅަށް ވިސްނައި ޢަމަލުކުރަން އެބަޖެހެއެވެ. ޢަމަލުކުރިކަމަށްވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު ނަމައެވެ. ކުރަން އަންގަވާފައިވާ ކަންކަން ކޮށް އަދި ނުކޮށް ދުރުހެލިވުމަށް އަންގަވާފައިވާ ކަންކަން ނުކޮށް އެކަންކަމާއި ދުރުހެލިވުމުންނެވެ.  

ފްލައީޓުގައި ފޯނާއިމެދު ކުރިން ބުނި ގޮތަށް ޢަމަލުކުރަނީ ފޯނު ބޭނުންކުރީމާ އެކަމުގެ ސަބަބުން ފްލައިޓްގެ ދަތުރަށް ނުރައްކާވެ ދެރަގޮތެއް މެދުވެރިވެދާނެތީއެވެ. ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވެއްޖެނަމަ ލިބެން އޮތް ދެރަ މާބޮޑެވެ. އެމީހަކަށް އާޚިރަތް ގެއްލިގެންދާނެތީއެވެ. ނަރަކައިގެ ޢަޛާބް ޙައްޤުވެ ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ.  

މިކަންކަމަށް ވިސްނާފައި ނިކަން ބުނެބަލާށެވެ! މުހިންމީ ފްލައިޓުގެ ދަތުރުގައި ކެޕްޓަން ނުވަތަ ކްރޫން ބުނާ ބުނުމަށް ކިޔަމަންތެރިވުން ހެއްޔެވެ؟ ނޫންނަމަ ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ހެއްޔެވެ؟ ނިކަން ރަނގަޅަށް ވިސްނާފައި މި 2 ސުވާލަށް ޖަވާބުދޭށެވެ! ކާމިޔާބު ދަތުރުވެރިއަކަށްވެވި ހަދީޘްފުޅުގައިވާ ފަދައިން ދުނިޔޭގައި އުޅެވުނު މީހަކަށްވެވޭނީ ރަނގަޅު ޖަވާބު އިޚްތިޔާރުކުރެވުނު މީހަކަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން