ދަރިންނަށް ދެވޭނެ އެންމެ އަގުހުރި ނަޞޭޙަތް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 10ސ
ދަރިންނަށް ދެވޭނެ އެންމެ އަގުހުރި ނަޞޭޙަތް-

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ކީރިތި ޤުރުޢާން ބާވާލެއްވީ މީސްތަކުންނަށް މީސްތަކުންނަށް ފައިދާކުރާނެ ހުރިހާ ކަންކަން އެފޮތުގައި ހިމަނުއްވަވާފައެވެ. ދަރިން ތަރުބިއްޔަތުކުރުމަށާއި ދިރިއުޅުމުގެ ކޮންމެ ދިމާލެއްގައިވެސް ބޭނުން ހިފޭނެ ނަޞޭޙަތްތަކާއި މަގު އެފޮތުގައިވެއެވެ. އަހަރެމެންނަށް އޮތީ އެފޮތް ކިޔަވާ، އެއަށް ޢަމަލުކުރުމެވެ.  

ﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް މިންވަރުކުރައްވަވާ އެންމެ އަގުހުރި އެއް އަމާނާތް ކަމަށްވާ، އަހަރެމެންގެ ދަރިން، ޙެޔޮގޮތުގައި ބަލާބޮޑުކުރަން އެންމެ ރަނގަޅުގޮތްވެސް އަހަރެމެންނަށްވަނީ ކީރިތި ޤުރުއާނުގައި ގެނެސްދެއްވާފައިއެވެ. ސޫރަތުލް ލުޤުމާނުގައިއެވެ. އެސޫރަތުން، އަހަރެމެންނަށް ލިބެންހުރި އަގުހުރި ނަޞޭޙަތްތަކަށް ބަލައިލާނަމެވެ. މިއީ، ލުޤުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވެވި ނަޞޭޙަތްޕުޅުތަކެވެ.  

މިއީ ހަމަ ގިނަގިނައިން ވިސްނައި ދިރާސާކޮށް ޢަމަލުކުރަން އެންމެ އަގުހުރި އެއް ފިލާވަޅެވެ.

 

· "އަދި ލުޤުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ﷲ އަށް ތިބާ ޝަރީކަނުކުރާށެވެ. ހަމަކަށަވަރުން، ޝަރީކަކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." (31:13) 

ލުޤުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތްދެއްވާއިރުވެސް ބޭނުންކުރައްވަނީ "ދަރިފުޅާއެވެ" އެނަމެވެ. ތިބާގެ ދަރިންނަށް ނަޞޭޙަތްދޭންވާނީ ރިވެތި ގޮތުގައިއެވެ. ރިވެތި ބަސްތައްބޭނުންކޮށްގެންނެވެ. ރަނގަޅު އަޚްލާޤާއި، މަޑުމައިތިރިކަމާއި، އޯގާތެރިކަމަށް އަހަރެމެންގެ ދީން ބާރު އަޅުއްވާފައިވާކަން ހަނދާންކޮށެގެންނެވެ. އެންމެ ފުރަތަމަވެސް ލުޤުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވެވި ނަޞޭޙަތްޕުޅަކީ މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ޝަރީކަނުކުރުމަށެވެ. އެހެނީ، އެއީ، އެންމެ ނުބައިވެގެންވާ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ.  

އެކަލާނގެ ވަޙީކުރެއްވިއެވެ. " ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކަކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲ އަށް ޝަރީކަކުރާމީހާ ދަންނާށެވެ! ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ."(4:48) 

· " .. ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި  ރުޖޫޢަވުންވަނީ ހަމަ ތިމަންރަސްކަލާނގެ ހަޟްރަތަށެވެ." (31:14)  

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުށްތަންވެ، ޙެޔޮ ޢަމަލުކުރުމާއެކު، އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެއްކަމަކީ މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ.  

· " އޭދަރިފުޅާއެވެ! ހަމަކަށަވަރުން، އެޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއްކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް، ޤިޔާމަތްދުވަހުން ﷲ އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲއީ އޯގާވަންތަކަން ބޮޑު، މޮޅަސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (31:16) 

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ މަތިވެރިކަމާއި މާތްކަން ތިބާ އަބަދުވެސް ހަނދުމަކުރާށެވެ. ތިބާ ކުރާ ކޮންމެ ކަމެއްގެ ޖަޒާ އެކަލާނގެ ދެއްވާނެތެވެ. އެއީ ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.   

·  "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތައްތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައްތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުޞީބާތްތަކަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމުކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ." (31:17) 

އިޚްލާޞްތެރިކަމާއިއެކު ނަމާދު ޤާއިމުކުރުމަކީ އަހަރެމެންގެ އީމާންތެރިކަން ބިނާވެގެންވާ ޢަމަލެވެ. އެހެނީ، ނަމާދު ޤާއިމުކުރުމަކީ އިސްލާމްދީނުގެ ތަނބެކެވެ. ހަމައެއާއިއެކު، މިދުނިޔެއަކީ އަހަރެމެންނަށްވާ ވަގުތީ ފާލަމެއްކަން އަބަދުވެސް ހަނދުމަކުރާށެވެ. އަހަރެމެންނަށް މިތާނގައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެކެވެ. ކެތްތެރިކަމަކީ، އާޚިރަތް ކާމިޔާބުކުރުމަށް އޮތް މަގެވެ.  

· "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިނބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހެއްދެކެ ﷲ ލޯބިވެވޮޑިގެނެއްނުވެތެވެ." (31:18) 

ކިނބުރުވެރިކަމާއި، ބޮޑާވުމާއި، އަދި ފަޚުރުވެރިވުން ފަދަ ސިފަތަކަކީ އެކަލާނގެ ނުރުހުންވެވޮޑިގަންނަވާ ސިފަތަކެކެވެ. މުއުމިނުންނަކީ، ހިތްތިރިކަމާއި، ހިތްހެޔިކަމާއި، އަދި އޯގާތެރިކަން ފަދަ ސިފަތަކުން ނަފްސު ޒީނަތްތެރިކުރެވިފައިވާ، ޚުލްޤު ހެޔޮ މީހުންނެވެ.  

· "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑެވެ." (31:19) 

ހިތްތިރިކަމުގެ މާތް ސިފައަކީ، ތިބާގެ އީމާންތެރިކަން އެތައް ގުނައަކާށް ވަރުގަދަކޮށްދޭނެ ސިފައެކެވެ. މިފަދަ ރިވެތި ސިފަތަކުން ނަފްސު ޠާހިރުކުރުމަކީ، މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ރުއްސެވުމާއި ލޯބި ތިބާއަށް ލިބޭނެ  ކަމެކެވެ. އޭރުން ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ތިބާއަށް ލިބޭނެއެވެ. 

ޅައިރުއްސުރެވެސް އެކަލާނގެ އެންގެވި މަގުން ހިނގުމަށް ދަރިންނަށް ބާރު އަޅާ، ނަޞޭހަތްތެރިވާންވާނެއެވެ. އެކަލާނގެ ބަސްފުޅުތައް ގިނަގިނައިން އެކުދިންނަށް ހަނދުމަކޮށްދޭށެވެ. ގިނަގިނައިން ހަނދާންކޮށްދިނުމަކީ އީމާންތެރިކަން ވަރުގަދަކޮށްދޭނެކަމެކެވެ. އަދި ރިވެތި ބަސްތަކާއި، ރަޞޫލުންނާއި ނަބިއްޔުންގެ ވާހަކަތަކުން އެކުދިންނަށް އަހަރެމެންގެ ދީނުގެ ފުރިހަމަކަން ހަނދާންކޮށްދޭށެވެ. އަދި ނަޞޭޙަތްތެރިވުމުގައި އޯގާތެރިކަން އިޚްތިޔާރުކުރާށެވެ.

 

https://www.islamreligion.com/articles/10633/viewall/luqman-advice-to-his-son

 

 

މިއަދު އޮންލައިން