ނަމާދަށް ފެށުމުގެ ކުރިން ނިޔަތްފިޔަވާ ވަކި ދުޢާއެއް އޮވޭތޯ؟ އަދި އެ ދުޢާއަކީ ކޮބައިތޯ؟
ނަމާދަށް ނިޔަތް ގަންނަން ޖެހޭނީ ހިތުންނެވެ. ދުލަކުންނެއް ނޫނެވެ. ނަމާދު ފެށުމުގެ ކުރިން ކިޔުމަށް ވަކި ޚާއްޞަ ދުޢާ އެއް ސުންނަތުގައި ވާރިދުވެފައެއް ނުވެއެވެ. والله أعلم.
އަޅުގަނޑު މިހާރު މިއުޅެނީ ކޯހެއްގައެވެ. މިތަނަކީ އިސްލާމުން ވަރަށްމަދުން އުޅޭ ތަނެކެވެ. މިސްކިތެއްނުހުރެއެވެ. އެހެންވީމާ ނަމާދުކުރަނީ ކޮޓަރީގައެވެ.
ސުވާލަކީ އެކަނި ނަމާދުކުރާއިރުވެސް މައްރިބް ނަމާދާ އިޝާ ނަމާދު އަދި ފަތިސް ނަމާދުކުރަން ކިޔަވަންޖެހޭނީ އަޑުހަރުކޮށްތޯއެވެ؟
ޖަހްރިއްޔަ ނަމާދުތަކުގައި އެކަނިހުރެ ނަމާދު ކުރާނަމަ ބާރަށް ކިޔެވުމާއި މަޑުން ކިޔެވުން ހަމަހަމަ ވެގެންވެއެވެ. އެމީހަކަށް ބޮޑަށް ޚުޝޫޢަވެރިކަން އަންނަ ގޮތަކަށް ކުރީމާ ރަގަޅުވާނެއެވެ.والله أعلم.
އަޅުގަނޑު އުމުރަކީ 27 އަހަރެވެ. ވީއިރުވެސް ޚައިޟުގެ އެއްވެސް މައްސަލައެއް ދިމަލެއްނުވެއެވެ. ނަމަވެސް މިފަހަރު ހައިޟުވެގެން ފެންވެރިތާ 9 ދުވަސް ނުވަނީސް ރަތްކުލައިގެ ލޭ އަންނަންފަށައިފިއެވެ. (މިހާރު ހަމުގެ ބައްޔަކައް ބޭސް ކަމުންދަނީ) މިހެންވާނަމަ ނަމާދު ކުރެވިދާނެތޯއެވެ؟ މިހެންވާނަމަ ކަންތައް ކުރާނެ ގޮތަކީ ކޮބައިތޯއެވެ؟
މިހާރު ތިޔަ އަންނަ ލެއަކީ އިސްތިޙާޟާގެ ލެޔެވެ. މާނައަކީ ބައްޔެއްގެ ސަބަބުން އަންނަ ލެޔެވެ. ވީމާ، ކޮންމެ ނަމާދަކަށް ރަގަޅަށް ސާފުކޮށް ދޮވެފައި، ލޭ ނުފައިބާ ގޮތަށް ބަންދުކޮށްފައި، ވުޟޫކޮށްގެން ނަމާދު ކުރާށެވެ. އަދި ރޯދަވެސް ހިފާށެވެ. ﷲ އުޚްތާ އަށް އަވަސް ޝިފާ އެއް ދެއްވާށި. އާމީން. والله أعلم.
ކަށު ނަމާދުގައި ބައިވެރިވެވޭ އެންމެ ކުޑަ މިންވަރަކީ ކޮބާ؟
ކަށުނަމާދުގެ ތަކްބީރެއް ގެއްލިއްޖެނަމަ އިމާމާ ސަލާމް ދިނުމުން އެބައި ފުރިހަމަ ކުރާނީއެވެ. ފުރަތަމަ ތަކްބީރުގައި ސޫރަތުލް ފާތިޙާ، ދެވަނަ ތަކްބީރުގައި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން، ތިންވަނަ ތަކްބީރުގައި މައްޔިތާ އަށް ހެޔޮ ދުޢާ ކޮށްދިނުން، އަދި ހަތަރުވަނަ ތަކްބީރުގައި އަމިއްލަ ނަފްސަށް ދުޢާ ކުރުން. والله أعلم.
ހަނދާން ނެތިގެން ފުރަތަމަ އައްތަހިއްޔާތު ނުކިޔާ 3 ވަނަ ރަކުޢަތުގައި ހަނދާން ވުމުން ހަދާނީ ކިހިނެއްތޯ؟
މި ޙާލަތުގައި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަ ކުރާނީއެވެ.والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް